މިނިވަން ނޫސްވެރިކަމެއް ނެތުމުން ރާއްޖެ ޓީވީ މެދުކަނޑާލައިފި

މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުންނާއި ފުލުހުން ރާއްޖެ ޓީވީ އަށް ދެމުން ދިޔަ ހިމާޔަތް މެދުކަނޑާލާފައިވާތީ، މިނިވަން ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ރާއްޖެ ޓީވީގެ އާއްމު ބްރޯޑްކާސްޓިން މި ރެ އިން ފެށިގެން މެދުކަނޑާލައިފި އެވެ.


އެ ޓީވީން އެންމެ ފަހުން ދައްކާފައިވަނީ، އިދިކޮޅު އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި އެއްވުމުގެ ހަރަކާތެވެ. އެ ކަވަރޭޖަށް ފަހު ރާއްޖެ ޓީވީގެ ސްކްރީނަށް އަރުވާފައިވާ މެސެޖުގައި ބުނެފައިވަނީ ޓީވީގެ މުވައްޒަފުންނަށް ކެނޑިނޭޅި ލިބެމުން ދިޔަ އިންޒާރުތަކާއި މީީޑިއާތަކުގެ ހިދުުމަތް، އިންޒާރެއް ނެތި ވަގުތުން ހުއްޓުވާނެ ކަމަށް އެމްއެންޑީއެފުން އަންގާފައިވާތީ އާއްމު ބްރޯޑްކާސްޓިން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

"މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތުމާއި، ރާއްޖެ ޓީވީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ކެނޑިނޭޅި އިންޒާރުތައް ލިބެމުން ދިއުމާއި ފުލުހުން ރާއްޖެ ޓީވީ އަށް ދެމުން ދިޔަ ހިމާޔަތް މެދުކަނޑާލާފައި ވާތީ އާއި، މީީޑިއާތަކުގެ ހިދުުމަތް އިންޒާރެއް ދިނުމެއް ނެތި ވަގުތުން ހުއްޓުވާނެ ކަމަށް އެމްއެންޑީއެފުން އަންގާފައިވާތީ ރާއްޖެ ޓީވީގެ އާއްމު ބްރޯޑްކާސްޓިން މެދުކަނޑާލި ވާހަކަ ދަންނަވަމަވެ،" އެ މެސެޖުގައި ވެ އެވެ.

މީގެ ހަތް އަހަރު ކުރިން އުފެއްދި ރާއްޖެ ޓީވީ އަށް މީގެ ކުރިން ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެގޮތުން 2013 ވަނަ އަހަރު އެ ޓީވީ ސްޓޭޝަންގައި ރޯކޮށްލާފައިވާ އިރު އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، މިހާތަަނަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ ވެސް ރާއްޖެ ޓީވީ އެވެ.

އެ ޓީވީ ސްޓޭޝަންގެ އާއްމު ބްރޯޑްކާސްޓިން މެދުކަނޑާލި އިރު، ގައުމުގައި ފިތުނަފަސާދަ އުފައްދަމުންދާ ކަމަށް ބުނެ ރާއްޖެ ޓީވީ ބަންދުކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިދިޔަ އާދިއްތަ ދުވަހު ގޮވާލައިފަ އެވެ.