ލޯއޭޝިއާގެ އިސް ވަފުދެއް ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލައިފި

ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރާއްޖޭގެ ވަކީލުންގެ ހުރި ކަންބޮޑުވުންތައް ހޯދައި، ހާލަތު ދިރާސާ ކުރުމަށް ރޭ ވަޑައިގަތް ލޯއޭޝިއާގެ އިސް ވަފުދުގެ ބޭފުޅުން ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލައިފި އެވެ.


އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބާ އެސޯސިއޭޝަންތަކުގެ މައްޗަށް ބިނާވެފައިވާ ޖަމިއްޔާ "ލޯއޭޝިއާ"ގެ އަށް ބޭފުޅަކު ރޭ ރާއްޖެ ވަޑައިގަތެވެ. އޭގެ ތެރޭގައި، އެ ޖަމިއްޔާގެ ރައީސް ކްރިސްޓޮފާ ލިއޮން އާއި ކުރީގެ ރައީސް ޕްރަޝާންތު ކުމާރާއި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އުޕުލް ޖަޔަސޫރިޔާ އާއި ލޯ އޭޝިއާގެ ކަންޓްރީ ކައުންސެލަރު އަދި ސިންގަޕޫރުގެ ބާ އެސޯސިއޭޝަންގެ ރައީސް ގްރެޖޯރީ ވިޖެޔަންދުރަން އާއި ދަ ލޯ ސޮސައިޓީ އޮފް ނިއު ސައުތު ވޭލްސް ރައީސް ޑައުގް ހަމްފްރޭސް ހިމެނިވަޑައިގެންނެވި އެވެ. ދެން ހިމެނެނީ ޖަޕާނުގެ ބާ އެސޯސިއޭޝަންގެ މެންބަރު ޔަސުޝީ ހިގާޝިޒަވާ، މެލޭޝިއާގެ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު އަރީފް އަދި ނިއު ސައުތު ވޭލްސްގެ ލޯ ސޮސައިޓީގެ މެންބަރު އަދި ލޯ އޭޝިއާގެ ސޮލިސިޓަ ކޭޓް ހިއުސަން އެވެ.

ލޯ އޭޝިއާ އަކީ، އޭޝިއާ ސަރަހައްދުގެ ގާނޫނީ ވަކީލުންގެ ޖަމިއްޔާތަކުގެ އެންމެ އިސް ފަރާތެވެ. އެ ޖަމިއްޔާ އިން ރާއްޖެ ފޮނުވި ފެކްޓް ފައިންޑިން މިޝަންގެ ބޭފުޅުން ރާއްޖެ އެތެރެވިޔަ ނުދިން ސަބަބެއް އިމިގްރޭޝަނުން އަދި ސާފެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި، މި ބޭފުޅުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނުމުން މިއަދު ހެނދުނު ވަނީ ސްރީ ލަންކާ އަށް ފުރާވަޑައިގެންފަ އެވެ. ރާއްޖޭގެ ވަކީލުންނާ އެކު އެ ބޭފުޅުން މިއަދަށް ތާވަލު ކުރި ބައްދަލުވުންތައް ވެސް ކެންސަލްކޮށްފައިވާ ކަން ވަކީލުންނަށް މިހާރު ވަނީ އަންގައިފަ އެވެ.

ލޯއޭޝިއާގެ ވަފުދެއް ރާއްޖެ އައީ، ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރަން ގޮވާލައި ސުޕްރީމް ކޯޓަށް 56 ވަކީލަކު ސޮއި ކުރައްވައި ހުށަހެޅުއްވި ޕެޓިޝަނާ ގުޅިގެން، އެ ވަކީލުންތައް ސަސްޕެންޑް ކުރި މައްސަލަ އެ ޖަމއިްޔާގެ ސަމާލުކަމަށް ގެނައުމުންނެވެ.

ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅި މައްސަލައިގައި ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރި އެވެ. އެކަމަކު އޭގެ ތެރެ އިން ބައެއް ބޭފުޅުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލައިފަ އެވެ.

ލޯއޭޝިއާގެ ބޭފުޅުންތަކެއް ރާއްޖެ ވަޑައިގެންނެވި އިރު، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ފޮނުވައިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ އެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ލައްވައި ހުކުމްތަކާއި އަމުރުތައް ނެރެނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

މިއާ އެކު، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަމަހައްޓަން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ ވެސް ވަކީލުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.