ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވައިފި، ދިވެހިންނަށް ޑިސްކައުންޓެއް

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.


ރާއްޖޭގެ ބޮޑެތި މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރި 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ)ގެ ހޮސްޕިޓަލްގައި ޑޮކްޓަރަށް ދެއްކުމުގެ ފީއަކީ 750ރ އެވެ. އެކަމަކު މި ވަގުތު ދިވެހިންނަށް 30 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމުން ފީ އުޅެނީ 525ރ ގަ އެވެ.

އެ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އާސަންދަ ހިދުމަތް މިވަގުތު ލިބޭނީ ހަމައެކަނި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންނަށް އެކަނި ކަމަށެވެ. ނަމަވެސް އެޑްމިޓްނުކޮށް ޑޮކްޓަރަށް ދައްކާ މީހުންނަށް ވެސް އާސަންދަ ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރަސްމީކޮށް ހިދުމަތް ދޭން ފެށުމުގެ ކުރިން ވެސް ވަރަށް ގިނަ މީހުން މިތަނަށް އައިސް ތިބި އެޕޮއިންޓްމަންޓް ހޯދަން. މިތަނުން ހިދުމަތް ދޭ ވަރަށް ގިނަ ބަލިތަކަށް ފަރުވާ ހޯދަން އެޕޮއިންޓްމަންޓް ކުރިއާލައި ހަދާފައި ވެސް އެބަހުރި،" އޮފިޝަލް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެން މެނޭޖްކުރާ ހޮސްޕިޓަލްގައި 210 އެނދު ހުރެ އެވެ. އަދި 30 ގައުމެއްގެ މީހުންގެ ވަޒީފާ އަދާކުރާނެ ކަމަށް، ޓްރީ ޓޮޕުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް: މިއަދުން ފެށިގެން ވަނީ ޚިދުމަތް ދޭން ފަށާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ހޮސްޕިޓަލަށް ދާ މީހުންނަށް ހާއްސަކޮށްގެން ގަޑިއަކު އެއް ފަހަރުފެރީއެއް އޮވެ އެވެ. ބްރިޖް ހުޅުވެންދެން ގިނަ ޕޭޝެންޓުން އެ ފެރީ ބޭނުން ކުރާނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ލަފާކުރެ އެވެ.

ޓްރީ ޓޮޕް އިންވެސްޓްމަންޓްގެ އެއް ޑިރެކްޓަރު އަހުމަދު ސަލީމް (ގަދަގޭ ސަލީމް) ކުރިން ވިދާޅުވި ގޮތުގައި މާލޭގައި އުޅޭ މީހުން ފުރަތަމަ ޑޮކްޓަރަށް ދައްކާނީ، މާލޭގައި ހުޅުވާފައިވާ ކްލިނިކަށެވެ. ސެންޓްރަލް ހޮޓަލުގައި ހުންނަ އެ ކްލިނިކުގައި ޖެނަރަލް ޑޮކްޓަރުންގެ އިތުރުން ކޮންމެ ދުވަހަކު ވެސް ސްޕެޝަލިސްޓަކު އިނދެ އެވެ.