ތެޔޮ ބޯޓާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް: ޒިޔާދު

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރަކީ އެމްއެންޑީއެފްގެ ކުރީގެ ކާނަލް، އަހްމަދު ޒިޔާދާ ގުޅުން އޮތް ބޯޓެއް ކަމަށް ކުރަމުންދާ ތުހުމަތު އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.


ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި އިއްޔެ ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ފެނުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުން ކަމަށެވެ. ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް މި ދެ އުޅަނދު ފެނުނީ ދެ އުޅަނދު އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކަނޑުމަތިން ފެނުނު ރާއްޖޭގެ ދިދަ ނަގާފައިވާ ޓޭންކަރާއި އުތުރު ކޮރެއާގެ ޓޭންކަރު.

ރާއްޖޭގެ ދިދަ ނަގާފައި އޮތް ޓޭންކަރަކީ، ކާނަލް ޒިޔާދުގެ ކުންފުންޏެއް ކަމަށްވާ ގްރީން ބޮކްސްގެ ޓޭންކަރެއް ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ފަތުރަމުންނެވެ.

މިކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން ޒިޔާދު ވިދާޅުވީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އޭނާގެ ކުންފުންޏާ ގުޅުން އޮތް ބޯޓެއް ކަމަށް ބުނެ ވާހަކަ ފަތުރަނީ، އޭނާގެ އަގު ވައްޓާލަން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޯޓެއް ނޫން އެއީ، އަޅުގަނޑުންގެ ބޯޓެއް އޮތަސް އެ އޮތީ މެލޭޝިއާ ޑޮކްގައި،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ލޯނެއް ވެސް ނަގައިފައެއް ނޯންނާނެ އެވެ. އެހެންކަމުން، އެ ކުންފުންޏާ ގުޅޭގޮތުން ދައްކަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

ގްރީން ބޮކްސް ކުންފުނީގެ އަގު ވައްޓާލަން ހަގީގަތާ ޚިލާފު ވާހަކަ ފަތުރާ މައްސަލަ ފުލުހުން ހުށަހަޅަން އެ ކުންފުނީގެ ވަކީލުން އަންނަނީ ތައްޔާރު ވަމުންނެވެ.

ޓްރާންސްޕޯޓާއި ޑިފެންސް މިނިސްޓްރީން ވެސް ބުނެފައި ވަނީ، އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގީ ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަމަށް ވާހަކަ ފެތުރިއަސް އޭގައި ހަގީގަތެއް ނެތް ކަމަށެވެ.

ޓްރާންސްޕޯޓުން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެފައިވާ ޝިން ޔުއާން 18 އުޅަނދަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރެއް ނޫނެވެ.

ރާއްޖެއަކީ ބޭރު ގައުމުތަކުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކޮށްދޭ ގައުމަކަށް ނުވާތީވެ، އެ އުޅަނދުގައި ދިވެހި ދިދަ ބޭނުންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާ ކަމަށް ވެސް ޑިފެންސް މިނިސްްޓްރީން ވަނީ ބުނެފަ އެވެ.