އިލެކްޝަންސް ކޮމިޝަނަށް ޝަރީފް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޝަރީފްގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ހަމައެކަނި ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ޝަރީފާ ދެކޮޅަށް ވޯޓު ދެއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އެކަންޏެވެ.

އީސީގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރުމާ މެދު ގޮތެއް ނިންމަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ އަށް އިދިކޮޅު މެމްބަރުން ވަޑައިނުގެންނެވި ނަމަވެސް، އޭނާގެ ނަން ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މެމްބަރުން ވަޑައިގަތެވެ.

ޝަރީފްގެ ނަން ދިރާސާކުރި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިނީ 77.3 މާކުހެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ގާބިލް ބައެއް ކަމަށް ކޮމިޓީން ކަނޑައަޅަނީ އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ސޮއި ކުރައްވައި ނެރުއްވި ރިޕޯޓުގައިވާ ގޮތުން ޝަރީފަކީ އީސީގެ މެމްބަރު ކަމަށް ގާބިލް ބޭފުޅެކެވެ.

ޝަރީފަށް އެ ވަރަށް މާކްސް ލިބިވަޑައިގަތީ އޭނާގެ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލު ކަމާއި ހުނަރަށް ބެލުމަށް ފަހު ކަމަށް ރިޕޯޓުގައި ވެ އެވެ.

ޝަރީފް ވަނީ މީގެ ކުރިން އަހަރެއްހާ ދުވަސް ވަންދެން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް އޮންނަ ޝަރީފް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރީ ޑިސެމްބަރު 26، 2016 ގަ އެވެ. އޭނާ ވަނީ ކުރިން ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

ކުރީގެ ޕްރިންސިޕަލް ޝަރީފް މި ސަރުކާރުގައި އެންމެ ފުރަތަމަ އަދާކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބެއްގެ މަގާމެވެ. އެ މަގާމުން ވަކިވެ، މިއަދާ ހަމައަށް އޭނާ ހުންނެވީ ފެނަކައިގެ އެމްޑީގެ މަގާމުގަ އެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަރީފް އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރައްވަން ރުހުން ދިނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ސުލައިމާން މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. ސުލައިމާން މިހާރު ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސްގެ މަގާމަށް އައްޔަންކޮށްފަ އެވެ.