ޒަކަރިއްޔާ މަންސޫރު ބަންދެއް ނުކުރޭ: އެމްއެންޑީއެފް

ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބަންދުކޮށްފައިވާ ކަމަށް ދައްކާ ވާހަކަތައް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ދޮގުކޮށްފި އެވެ.


ކައުންޓަ ޓެރަރިޒަމް ސެންޓަރުގައި އިސްކޮށް އުޅުއްވާ ޒަކަރިއްޔާ މަންސޫރު، ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްފައިވާ ކަމަށް ވިދާޅުވެ ޓުވީޓް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމަނިކުފާނުގެ ޓުވީޓް ދޮގުކުރައްވައި އެމްއެންޑީއެފުން ބުނީ އެ މުއައްސަސާއާ ގުޅިގެން ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޒަކަރިއްޔާ މަންސޫރު މިއަދު އޮފީހަށް ވަޑައިގެން ރަސްމީ މަސައްކަތްތައް ވެސް ކުރެއްވި އެވެ.

ޒަކަރިއްޔާ މަންސޫރު ބަންދުކޮށްފައިވާ ކަމަށް ވާހަކަ މި ފެތުރުނީ، ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހު 1ގައި ނެރުނު އަމުރާ ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބައެއް ސިފައިންނާއި ފުލުހުންތަކެއް ހައްޔަރުކޮށްފައި ވަނިކޮށެވެ. ހައްޔަރުކޮށްފައި ވަނީ ސަލާމަތީ ޚިދުމަތްތަކުގެ ކިތައް މީހުން ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެ މީހުންގެ މައްޗަށް ވެސް ކުރަނީ، އެނގިފައިވާ ގޮތުގައި، ގާނޫނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.