ގައުމުތައް ގުޅިގެން ނެރުނު ބަޔާނުގައި އެއްވެސް އަސްލެއް ނެތް: ދިވެހި ސަރުކާރު

ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި 41 ގައުމަކުން ގުޅިގެން ނެރުނު ބަޔާނަށް ރާއްޖެއިން މިއަދު ރައްދު ދީފި އެވެ.


މިހާރު ކުރިއަށް ދާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ހިމެނޭ ގޮތުން، 41 ގައުމެއް ގުޅިގެން ނެރުނު ބަޔާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރަން ވެސް ގޮވާލާފައިވެ އެވެ.

އެ ބަޔާނަށް ރާއްޖެއިން ރައްދުދީ، ރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ހާލާ ހަމީދު ދެއްވި ބަޔާނުގައިވަނީ ގައުމުތައް ގުޅިގެން ނެރުނު ބަޔާނަކީ އެއްވެސް އަސާސެއް ނެތް އަދި އެއްވެސް ބިނާ ކުރުވަނިވި ކަމެއް ނެތް ބަޔާނެއް ކަމަށެވެ. ރާއްޖޭގެ ސުޕްރީމް ކޯޓާ ބެހޭގޮތުން އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ 2013 ގައި ރާއްޖެ ވަޑައިގަތް އދ. ގެ މަންދޫބު ކަމަށާއި އޭރު އިނގިރޭސިވިލާތާއި އީޔޫގެ ގައުމުތަކުން ވެސް އދ. ގެ މަންދޫބު ތައްޔާރު ކުރެއްވި ރިޕޯޓަށް ތާއީދުކުރި ކަން ހާލާގެ ބަޔާނުގައި ފާހަގަ ކުރެއްވި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އުސޫލުތަކާ ރާއްޖެއިން ދުރުވެފައި ކަމަށް ގައުމުތަކުން ނެރުނު ބަޔާނުގައި ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި، ހާލާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި އެކަނި ވެސް ރާއްޖެއިން އިސް ނަގައިގެން އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ވަފުދެއް ރާއްޖެއަށް ދަތުރުކުރި ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ވެސް ދާދިފަހުން އޭގެ ވަފުދެއް ރާއްޖެ އައި ކަމަށް ހާލާގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މިއަހަރުގެ ތެރޭގައި އދ. ގެ ދެ ސްޕެޝަލް ރެޕަޓުއާއަކު ރާއްޖެ އައުމަށް ދައުވަތު ދިނުމަށް ވެސް މަޝްވަރާތަކެއް މިހާރު ކުރިއަށްދާ ކަމަށް ވެސް ހާލާގެ ބަޔާނުގައިވެ އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ވެސް އިތުރު ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ވަފުދެއް ރާއްޖެ ފޮނުވަން އެ ކައުންސިލުން މިހާރު ވަނީ ނިންމައިފަ އެވެ.