މ. ވީނަސް ގޭ ފަސް ވަނަ ބުރިން "ވެއްޓި" މިއަދު މަރުވި ޒުވާނާއާ އެކު ކޮޓަރީގައި އުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މަޖީދީމަގު ސޮނީ ހާޑްވެއާ ފިހާރަ ހިންގާ އިމާރާތުގައި ހުންނަ ގެސްޓް ހައުސްގެ ފަސް ވަނަ ބުރީގެ ބެލްކަންޏަކުން "ވެއްޓި" މަރުވީ އަހުމަދު އިޔާޝް، 22، އެވެ.
މަންޒަރު ދުށް މީހަކު، ނަން ނުޖަހާ ގޮތަށް، "މިހާރު" އަށް ކިޔައިދިން ގޮތުގައި ގެސްޓް ހައުސްގެ ހަތަރު ވަނަ ބުރީގެ ކޮޓަރިއެއްގައި އިޔާޝްގެ އިތުރުން ދެ އަންހެނަކާއި ތިން ފިރިހެނުން ރޭ އުޅުނެވެ. އަދި ރޭ ފަތިހުން ފެށިގެން އެމީހުން ތެރޭ ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭހެން ހީވާ ފަދަ އަޑުތަކެއް އިވުނު ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ މި މަރާ ގުޅިގެން ފުލުހުން ގެންދިޔައީ އެ ކޮޓަރީގައި ތިބި ދެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.
މި މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
އެ އިމާރާތުގައި ގެސްޓް ހައުސް ހިންގަނީ ތިން ބުރި ކުއްޔަށް ނަގައިގެންނެވެ. އެނގިފައިވާ ގޮތުގައި މިދިޔަ ބުދަދުވަހުން ފެށިގެން އިޔާޝް އުޅެމުން ދިޔައީ އެގެސްޓް ހައުސްގަ އެވެ.
އެ ކޮޓަރި ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާ ކަމުގެ އަޑުތައް އިވޭތީ އެކަން ގެސްޓް ހައުސްގެ ފަރާތުން ފުލުހުންނަށް ހުށަހެޅިކަން އެނގިފައިވެ އެވެ.
"އެމީހުން ތަކެއްޗަށް ގެއްލުންދޭތީ މިއަދު ހެނދުނު 6:01 ގައި [އަޅުގަނޑުމެން] ފުލުހުންނަށް ރިޕޯޓް ކުރިން. ފުލުހުން ބުނީ ކޯޓް އަމުރެއް ނެތުމުން ނުވަދެވޭނެއޭ،" ގެސްޓް ހައުސްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ދެން ބުނިން މިއީ ވެރިފަރާތުންނޭ، ކޯޓު އަމުރު ނެތަސް ވަންނާށޭ."
އޭނާ ބުނީ ހަމަނުޖެހުންތަކަށް ފަހު އިޔާޝް އެ އިމާރާތުގެ ފަސް ވަނަ ބުރިއަށް އަރައި ބެލްކަނީގައި އެލިގަނެގެން އޮތްތަން ފެނުނު ކަމަށެވެ. އެވަގުތު ފުލުހުންނަށް އެކަން ވެސް ރިޕޯޓްކުރި ކަމަށް އޭނާ ބުންޏެވެ.
"އެއީ ގާތްގަނޑަކަށް 6:21 ގައި. އޭނާ އެލިގަނެގެން އޮއްވާ ފެނުނީ. އޭރު އަޅުގަނޑު ހުރީ ހަތަރު ވަނަ ފުލޯގައި،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.
އެކަމަކު އޭނާ އަށް ފަސް ވަނަ ބުރިއަށް ނުދެވެނީސް، ޔަޝް "ވެއްޓުނު" ކަމަށް އޭނާ ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިޔާޝް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އިތުރު ތަހުގީގަށް އޭނާގެ ހަށިގަނޑު މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.