މައުމޫނާ ސުވާލު ނުކޮށް ބެހެއްޓީ ނަފްސާނީ ގެއްލުން ދޭން: ވަކީލް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރިތާ 33 ދުވަސް ވީއިރު ސުވާލެއް ނުކޮށް ހުރީ ނަފްސާނީ ގޮތުން ގެއްލުންދޭ ކަމަށް މައުމޫންގެ ވަކީލު މިރޭ ވިދާޅުވެއްޖެ އެވެ.


ހައްޔަރުކުރިތާ 33 ދުވަސް ފަހުން މައުމޫނާ ފުރަތަމަ ފަހަރަށް ސުވާލުކުރީ އިއްޔެ ކަމަށް ވަކީލް މުހައްމަދު ފައިސަލް ވިދާޅުވި އެވެ. ނަމަވެސް ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެ މައުމޫން ވަނީ ތަހުގީގަށް އެއްބާރުލުން ނުދެއްވައިފަ އެވެ.

އެންދެރިމާގޭ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ފައިސަލް ވިދާޅުވީ އެހާ ގިނަ ދުވަސްކޮށްފައި ފުލުހުން ސުވާލުކުރީ ހިތްވަރާއި އަޒުމަށް ބަދަލެއް އަތުވެދާނެ ކަމަށް ފުލުހުންނަށް ހީވާތީ ކަމަށް މައުމޫން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް. -- މިހާރު ފޮޓޯ

"އެމަނިކުފާނާ އަލަށް ސުވާލު ކުރެއްވިއިރުގަ އެކަމުގެ ބޭނުމެއްގެ ގޮތުގައި އެމަނިކުފާން ފާހަގަކުރެއްވީ އެމަނިކުފާނަށް މެންޓަލް ޓޯޗާ ކުރުމުގެ ގޮތުން،" މައުމޫނާ ހަވާލާދެއްވާ ފައިސަލް ވިދާޅުވި އެވެ.

މައުމޫންގެ މައްޗަށް ފުލުހުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތެވެ.

ފައިސަލް ވިދާޅުވީ އެފަދަ ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އެކަމަށް ޖަވާބުދާރީ ވުމަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށެވެ. ވަކީލުންގެ ބައްދަލުވުމަށް ދުވާލަކު 30 މިނެޓްގެ ފުރުސަތެއް ލިބޭއިރު އެއީ ބޮޑު ތުހުމަތަކާ އެކަށިގެންވާވަރުގެ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ތަހުގީގުގައި ފުލުހުން މައުމޫނާ އިއްޔެ ސުވާލުކުރީ 15 މިނެޓް ވަންދެން ކަމަށާއި ފުލުހުން ކުރާ ހުރިހާ ތުހުމަތަކަށް މައުމޫން އިންކާރު ކުރައްވާފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ރައީސް މައުމޫންގެ މައްސަލަ ޕުރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާއިރު މިހާރު ހިންގާ ތަހުގީގުގެ ބޭނުމާމެދު ވެސް އޭނާ ސުވާލު އުފެއްދި އެވެ.

މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވެސް ވިދާޅުވީ ނަދީމު ހައްޔަރުކޮށްފައި ހުންނަތާ 33 ދުވަސް ވީއިރު ވެސް ސުވާލެއް ނުކުރާ ކަމަށެވެ. އެހެންވެ އޭނާގެ ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް އެދި ޕުރޮސިކިއުޓާ ޖެނެރަލް އަށް ސިޓީއަކުން އެދިފައިވާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ. "ފުލުހުން މިހާތަނަށް ސުވާލެއް ކޮށްފައިނުވާތީ އަޅުގަނޑުމެން ގަބޫލުކުރަނީ ނަދީމުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ލިބިފައިނުވަނީ ކަމަށް،" ސިރާޖު ވިދާޅުވި އެވެ. ސާފު ބޯފެން ނަދީމަށް ނުލިބޭ ކަމަށާއި އެހެންވެ ބޭރަށް ހިންގުން ޖެހިގެން ފަރުވާ ހޯދާފައިވާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތުން، ނުވަ މީހަކު މިނިވަންކުރުމަށް މިދިޔަ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރަށް ފަހު، އެ އަމުރު ތަންފީޒު ނުކޮށް އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެންމެ ފުރަތަމަ ހައްޔަރު ކުރި ބޭފުޅުންގެ ތެރޭގައި މައުމޫނާއި ނަދީމް ހިމެނިވަޑައިންނަވަ އެވެ. މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.