މައުމޫނަށް ތުހުމަތު ކުރަނީ ފޯނެއް ނައްތާލި ކަމަށް: ޝަމީމް

ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މައްޗަށް ތުހުމަތު ކުރަނީ ފޯނެއް ނައްތާލި ކަމަށް ބުނެ ކަމަށް ގާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.


ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ ހެކި ނައްތާލިކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

މައުމޫންގެ ގާނޫނީ ޓީމުން އެންދެރިމާގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ފޯނެއް ނައްތާލި ކަމަށް ރައީސް މައުމޫންގެ މައްޗަށް ތުހުމަތު ކުރި ނަމަވެސް އެއީ ދޮގެއް ކަމަށެވެ.

ކުރީގެ ރައީސް މައުމޫން: ތުހުމަތު ކުރަނީ ހެކި ފޮރުވުމަށް ފޯނެއް ނައްތާލި ކަމަށް-- މިހާރު ފޮޓޯ

"އެންމެ ފުރަތަމަ ކަމަކަށް، ފޯނަކީ ހެއްކެއް ނޫން. ފޯނެއް ނައްތައެއް ނުލައި. ދެން ނައްތާލި ކަމަށް ބަލައިފިއްޔާ އެ އަމަލުގައި ރައީސް މައުމޫން ބައިވެރިއެއް ނުވޭ. ކުށް ކުށަކަށްވާ އެއް ކަމެއް ވެސް ނެތް،" ޝަމީމް ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުވާ ނުކުރަން ނިންމައި އަނބުރާ ފޮނުވާލި ކަމަށް ވާހަކަ ދެކެވޭއިރު، ޝަމީމް ވިދާޅުވީ އެމައްސަލާގައި މައުމޫންގެ މައްޗަށް ދައުވާ ނުކޮށްގެން ހައިރާން ނުވާ ކަމަށެވެ. ޝަމީމް ވިދާޅުވީ ހައިރާންވާން ޖެހޭނީ އެ މައްސަލާގައި މައުމޫންގެ މައްޗަށް ދައުވާ ކުރަން ނިންމި ނަމަ ކަމަށެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ދިފާއުގައި ދައްކާނެ ވާހަކަ ވަރަށް ގިނަކަން ޕީޖީގެ ވަކީލުންނަށް އެނގިވަޑައިގަންނަވާނެ އެވެ.

މޯބައިލް ފޯނަކީ ހެއްކެއް ކަމަށް ފުލުހުންނަށް ގަބޫލު ކުރެވުނަސް އެއީ އޭގެ ޒާތުގައި ހެއްކެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ފޯނު ހެއްކަކަށް ވަނީ އޭގައި ހުންނަ މައުލޫމާތެއް އިންޓެލިޖެންސް ބޭނުންކޮށްގެން ވިޔަސް އެހެން ގޮތަކުން ކަމަށް ވިޔަސް އޭގައި ހުންނަ މައުލޫމާތެއް ހެއްކަށް ވަނީ. ފޯނަކީ އޭގެ ޒާތުގައި ހެއްކެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު، ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ނެރުނު އަމުރާ ގުޅިގެން އިއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ސަރުކާރާ ދެކޮޅު ގިނަ ބައެއްގެ ފޯނު ފުލުހުން ވަނީ އަތުލައިފަ އެވެ.