ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ދައުވާކުރާ އެއް މައްސަލައިގެ ހުކުމް މިއަދު އިއްވާއިރު އޭނާގެ މައްޗަށް ޖަލުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓު ބޭޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ އޭނާ ޖަލަށް ލާން ހުކުމްކުރާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ޖަލަށް ލިޔަސް އެނބުރި ވަޑައިގަންނަވާނެ ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވި ގޮތުގައި ޖަލަށް ލުމަކުން އޭނާގެ އަޒުމަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
"އަޅުގަނޑު ވެސް ވަރަށް ދެރަވޭ އާއިލާ އާއި މައިންބަފައިންނާ ދުރަށް ދާން ޖެހޭނެތީ. އެކަމަކު އެކަމުން އަޅުގަނޑުގެ އަޒުމަށް އެއްވެސް ބަދަލެއް ނާންނާނެ،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުކުމް އިއްވާ މަޖިލިސް ސިއްރުކުރުމުން އެނގެނީ ގޮތް ނޭނގޭ ކަންތައްތަކެއް ހިނގާކަން ކަމަށެވެ.
އިިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފް ވިދާޅުވި ގޮތުގައި ކޮންމެ ހުކުމެއް ކުރިޔަސް ސަރުކާރާ ދެކޮޅަށް ކުރައްވާ މަސައްކަތް ހުއްޓައެއް ނުލައްވާނެ އެވެ. އަދި ކުރިއަށް ވުރެ ވަރުގަދައަށް ހަރަކާތްތައް ގެންދާނެ ކަމަށާއި އެގޮތުން ސިލްސިލާ ހަރަކާތްތަކެއް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ފުލުހުން ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅުހައްދަވައި، ފިލަން މަސައްކަތްކުރެއްވި ކަމަށް ބުނެ ދައުވާކުރި ނަމަވެސް، މަހުލޫފް ވިދާޅުވީ، އެއްވެސް އިރެއްގައި ފިއްލަވަން އުޅުއްވާފައި ނުވާނެ ކަމަށެވެ.
"މި ކުޑަކުޑަ ރާއްޖޭގައި ފިލައިގެން އަޅުގަނޑު ވަންނާނެ ތަނެއް ނޯންނާނެ،" މަހްލޫފް ވިދާޅުވި އެވެ.
އެ ދައުވާ ސާބިތުވިޔަސް މަހްލޫފްގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަކަށް ނުބެލެވެ އެވެ. މެމްބަރުކަން ގެއްލެނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ. މަހްލޫފަށް ދައުވާކުރާ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް އޮންނަނީ ހަ މަހަށް ޖަލަށް ލުމެވެ. އެކަމަކު ކުށް ސާބިތުވެ، ޖަލު ހުކުމެއް އަތުވެއްޖެ ނަމަ ހުކުމުގެ މުއްދަތުގައި މަހްލޫފަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި ބައިވެރިވެވަޑައެއް ނުގެންނެވޭނެ އެވެ.
ފުލުހުންނަށް ހުރަސް އެޅުމުގެ އިތުރު ދައުވާއެއް ވެސް މަހްލޫފްގެ މައްޗަށް ވަނީ އުފުލައިފަ އެވެ.