ބޮޑެތި ލުއިތަކެއް ވިލާއަށް ދިނިން، އެކަމަކު އެއްބަސްވުމާ ޚިލާފްވީ ވިލާއިން: ދައުލަތް

ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން، ދޭން ނުޖެހޭ ބޮޑެތި ލުއިތަކެއް ސަރުކާރުން އޭރު ދިން ކަމަށާއި އެކަމަކު ވިލާއިން އެ އެއްބަސްވުންތަކާ ހިލާފުވި ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.


ވިލާއަށް ދޫކުރި ތިން ރަށަކާއި ދެ ފަޅެއްގެ އެއްބަސްވުން 2015 ގައި ބާތިލްކޮށް، ސަރުކާރުން އެތަންތަން އަތުލި މައްސަލާގައި ދަށު ކޯޓުން ނިންމީ ވިލާއާ އެއްކޮޅަށެވެ. އެކަމަކު ދައުލަތުން އެ މައްސަލަތައް އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމްތައް ބާތިލްކޮށް، އެތަންތަން އަތުލީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ވިލާއިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ދެ ފަރާތުގެ ދެމެދުގައި ޑިސެމްބަރު، 2013 ގައި ހެދި ސެޓްލްމަންޓް އެގްރިމެންޓްގެ ދަށުން، ދޭން ނުޖެހޭ ފަދަ ބޮޑެތި ލުއިތަކެއް ސަރުކާރުން އޭރު ދިން ކަމަށެވެ. އަދި އެކަމުގައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފައެއް ވެސް އޭރު ޓޫރިޒަމް މިނިސްޓްރީން ހޯދާފައިނުވާ ކަމަށް ވެސް ބުންޏެވެ.

ދައުލަތުން ބުނީ އެ އެއްބަސްވުމަށް ސަރުކާރުން އިހްތިރާމްކުރީ ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި އޮތުމުން ކަމަށެވެ.

ސަރުކާރާއި ވިލާއާ ދެމެދު ސެޓްލްމަންޓް އެގްރިމެންޓެއް ހެދީ ލ. ކައްދޫން އަލީ އިބްރާހިމް ކިޔާ މީހަކަށް ދިން ބިމެއް ސަރުކާރުން އަތުލި މައްސަލާގައި 9.7 މިލިއަން ޑޮލަރު ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، އެކަމުގައި ލުއި ގޮތްތަކެއް ހަމަޖައްސާށެވެ.

އަލީ އިބްރާހިމްގެ މަންދޫބެއްގެ ގޮތުން ވިލާގެ ޗެއާމަން ގާސިމް އިބްރާހިމާ އެކު ސަރުކާރުން އޭރު ކުރި މަޝްވަރާތަކަށް ފަހު، ހެދި ސެޓްލްމަންޓް އެގްރިމެންޓްގެ ދަށުން ދެ ފަރާތުން އެއްބަސްވީ 9.7 މިލިއަން ޑޮލަރު ދައުލަތުން ދެއްކުމުގެ ބަދަލުގައި ވިލާގެ ފަސް ރިސޯޓާއި ވިލާ އެއާއިން ދައުލަތަށް ދައްކަން ޖެހޭ ޓެކުހާއި ކުލީގެ ފައިސާއިން އެ ބައި އުނިކުރުމަށެވެ. އަދި ވިލާގެ ރަށްތަކާ ގުޅިގެން ވިލާއިން ދައުލަތާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރަން ވެސް އެ އެގްރިމެންޓްގައި އެއްބަސްވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ 9.7 މިލިއަން ޑޮލަރު ދެއްކުމުގެ ގޮތުން، ވިލާގެ ރިސޯޓްތަކާއި ވިލާ އެއާއިން ދައްކަން ޖެހޭ ފައިސާއިން އެ ބައި އުނިކޮށް މާޗް، 2014 ގައި ނިމިފައިވާ ކަމަށެވެ. އެކަމަކު އެ އެގްރިމެންޓްގެ ދަށުން އޭގެ ފަހުން ވެސް ގިނަ ލުއިތަކެއް ވިލާއަށް ލިބެމުން ދިޔަ ކަމަށް ދައުލަތުން ބުންޏެވެ. އާންމު ގޮތެއްގައި ރިސޯޓް ހަދަން ދޭ ރަށްތައް ދެ އަހަރު ތެރޭގައި ތަރައްގީކޮށް ނިންމަން ޖެހޭ ނަމަވެސް، ދައުލަތުން ބުނީ، ވިލާގެ ރަށްތައް އިމާރާތް ކުރުމުގެ މުއްދަތު އޮތީ ހަތް އަހަރަށް އިތުރުކޮށްދީފައި ކަމަށެވެ.

މީގެ އިތުރުން އެ ރަށްތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން 50 އަހަރަށް އިތުރުކޮށްދީ، ކޮންމެ އަހަރަކަށް ދައްކަން ޖެހޭ އެއް ލައްކަ ރުފިޔާ ވެސް ދައްކަން ނުޖެހޭ ގޮތަށް ސެޓްލްމަންޓް އެގްރިމެންޓްގައި އެއްބަސްވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެ ހުރިހާ ލުއިތަކުގެ ސަބަބުން ވިލާއަށް ލިބޭނެ މާލީ ފައިދާ 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ސެޓްލްމަންޓް އެގްރިމެންޓްގެ ދަށުން ވިލާއަށް ދިނީ ދޭން ނުޖެހޭ ލުއިތަކެއް ކަމަށް ބުނެ، ދައުލަތުން ފާހަގަކުރި ގޮތުގައި، އޭރު އެ އެއްބަސްވުމަށް އިހްތިރާމްކުރީ ދެ ފަރާތުން އޭގައި ސޮއިކޮށްފައި އޮތުމުންނެވެ. އެކަމަކު ދައުލަތާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރަން އެއްބަސްވެފައިވާ އެއްބަސްވުމާ ޚިލާފަށް، ވިލާގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އިން ދައުލަތާ ދެކޮޅަށް ދައުވާކުރުމުން އެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ކަމަށް ދައުލަތުން ބުންޏެވެ.

ވިލާގެ 70 ޕަސެންޓް ހިއްސާ އޮންނަ ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ހިއްސާ ކުރިން އޮތް އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ޑަބްލިއުއެލްޓީއަށް ރަށްތަކެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު އެރަށްތައް ހަވާލުނުކުރި މައްސަލާގަ އެވެ. ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރަނީ 129 މިލިއަން ޑޮލަރު ހޯދުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން މައިގަނޑު ގޮތެއްގައި ބަހުސްކުރީ ރަށްތަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެގްރިމެންޓްގެ ތެރޭގައި ޑަބްލިއުއެލްޓީ ހިމެނޭތޯ ނުވަތަ ނޫންތޯ ކަމާ މެދު އެވެ. އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ބެންޗުން ވެސް ދެ ފަރާތާ ސުވާލުތައް ކުރިމަތިކުރެއްވި އެވެ.

ދައުލަތުން ބުނާ ގޮތުން ސެޓްލްމަންޓް އެއްބަސްވުމުގެ ތެރޭގައި ޑަބްލިއުއެލްޓީ ވެސް ހިމެނޭނެ އެވެ. އެހެންވެ ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމަކީ އެ އެއްބަސްވުމާ ޚިލާފްވުން ކަމަށް ބަންޑާރަ ނައިބުގެ ވަކީލުން ވިދާޅުވި އެވެ. އެކަމަކު ވިލާއިން ބުނާ ގޮތުން އެ އެއްބަސްވުމުގެ ތެރޭގައި ޑަބްލިއުއެލްޓީ ނުހިމެނޭނެ އެވެ. އަދި ސެޓްލްމަންޓް އެއްބަސްވުން ހެދީ ހަމައެކަނި އެ އެއްބަސްވުމުގައި ބުނާ ރަށްތަކުގެ މައްސަލަތަކާ ގުޅިގެން ކަމަށް ވެސް ވިލާގެ ވަކީލުން ފާހަގަކުރެއްވި އެވެ.

ވިލާގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ ޑަބްލިއެލްޓީގެ މައްސަލަ، ސެޓްލްމަންޓް އެގްރިމެންޓް ހެދުމުގެ ކުރިން ވެސް ހިނގަމުން ދިޔަ ކަމަށެވެ. އަދި ޑަބްލިއުއެލްޓީގެ މައްސަލަ ދަށު ކޯޓުން ނިމުނު ފަހުން ވެސް ސެޓްލްމަންޓް އެއްބަސްވުމަށް ސަރުކާރުން ބަދަލު ގެނެސްދީފައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އޭނާ ވިދާޅުވީ ޑަބްލިއުއެލްޓީއަކީ ސެޓްލްމަންޓް އެއްބަސްވުމުގެ ތެރެއަށް ވަންނަ ކުންފުންޏެއް ނޫން ކަން އެކަމުން އެނގޭ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ތެރޭގައި ޑަބްލިއުއެލްޓީ ހިމެނޭ ކަމަށް ބެލިކަމަށް ވިޔަސް، އެ އެއްބަސްވުުން ބާތިލްކުރުމުގެ ކުރިން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭނެ އެވެ. ދެ ފަރާތުގެ ދެމެދުގައި މައްސަލައެއް ދިމާވެއްޖެ ނަމަ ކޯޓަށް ދާން ޖެހޭނީ މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ އެއްބަސްވުމުގައި ބުނާއިރު، އެއްބަސްވުން ބާތިލްކުރުމުގެ ކުރިން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލްކުރީ ވިލާއިން ހެޔޮ ނިޔަތާ ޚިލާފްވުމުން ކަމަށް ދައުލަތުން ބުނާ ބުނުމަށް ރައްދު ދެއްވައި، މުއިއްޒު ވިދާޅުވީ ހެޔޮ ނިޔަތާ ޚިލާފްވީ ދައުލަތުން ކަމަށެވެ. ހެޔޮ ނިޔަތެއް ދައުލަތުގެ ކިބައިގައި އޮތް ނަމަ، އެއްބަސްވުން ބާތިލްކުރުމުގެ ކުރިން، އެއްބަސްވުމުގައި ބުނާ ގޮތަށް ވިލާއާ އެކު މަޝްވަރާ ކުރީސް ކަމަށް ވިދާޅުވި އެވެ.

އޭގެ ރައްދުގައި ދައުލަތުން ބުނީ ސެޓްލްމަންޓް އެއްބަސްވުމުގައި މައިގަނޑު މަގްސަދާ ވިލާއިން ޚިލާފްވީ ކަމަށާއި އެހެންވެ އެ ހިސާބުން އެ އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ދައުލަތަށް އެބަ އޮތް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވިދާނެ ކަން އިނގިރޭސިވިލާތުގެ ކޯޓަކުން ނިންމާފައިވާ މައްސަލައެއްގައި ވެސް ބަޔާން ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތް ނަމަ ދެ ފަރާތުން އަމަލު ކުރަން ޖެހޭނީ އެ އެއްބަސްވުމަކަށް ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބުނާ ކަމަށެވެ. އެހެންވީއިރު، އެއާ ޚިލާފަށް އަމަލު ކުރެވިދާނެ ކަމަށް ބުނެ އިނގިރޭސިވިލާތުގެ ކޯޓެއްގެ ނިންމުމެއް ހުށަހަޅަން ޖެހޭތޯ މުއިއްޒު ސުވާލު އުފެއްދެވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ވިލާއިން ހުށަހެޅި އިސްތިއުނާފް ނުކުތާތަކަށް ލިޔުމުން ޖަވާބު ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދެއްވުމަށް ފަހު އެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި އޮންނާނެ ކަމަށް ވެސް ތިން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

ރަށްތަކުގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ވިލާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ވިލާއާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އެ މައްސަލަތައް ދަށު ކޯޓުގައި ދަނީ ހިނގަމުންނެވެ.