މަހްލޫފް 13 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް 13 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.


އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއަކުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރި މަހްލޫފް މިއަދާ ހަމަ އަށް ބަންދުގައި ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދުގައި ތިބޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރެއް ނުކުރެ އެވެ.

މަހްލޫފް 13 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް މި ރޭ ގެންދިއުމުންނެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އިދިކޮޅު ގިނަ ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ. ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި އެކަނި ވެސް 140 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ.