އިތުރު ތިން ކައުންސިލެއްގެ މެމްބަރުންތަކެއް ސަސްޕެންޑުކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިތުރު ތިން ކައުންސިލެއްގެ މެމްބަރުންތަކެއް އަނެއްކާ ވެސް ސަސްޕެންޑު ކޮށްފި އެވެ.


އެލްޖީއޭ އިން މި ފަހަރު ސަސްޕެންޑް ކުރީ، ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި ނައިބު ރައީސް އައިމިނަތު ފަރުޒީނާ އާއި އެ ކައުންސިލްގެ މެމްބަރު އާމިރު އަބްދުﷲ އާއި ބ. ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދާއި އެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަސަން އަދި ކައުންސިލްގެ މެމްބަރު އަންވަރު މުހައްމަދެވެ. މީގެ އިތުރުން މާދަމާ އިން ފެށިގެން ދެން ސަސްޕެންޑު ކުރަން އެލްޖީއޭ އިން ނިންމީ ށ. މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒާއި އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމެވެ.

އެ ހުރިހާ ކައުންސިލަރުން ވެސް ސަސްޕެންޑް ކުރަން ނިންމީ މާދަމާ އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގައި މުސާރަ އާއި އިނާޔަތްތަކެއް ލިބިވަޑައިނުގަންނަވާނެ ކަމަަށް އެލްޖީއޭ އިން ބުންޏެވެ.

ގައްދު އާއި ހިތާދޫ އަދި މިލަންދޫ ކައުންސިލްގެ މެމްބަރުންނާ މެދު އެލްޖީއޭ އިން ފިޔަވަޅު މި އެޅީ ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި އެ ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ސޮއިކުރެއްވުމުންނެވެ. މި މައްސަލާގައި އިއްޔެ ވެސް ވަނީ އައްޑޫގެ އިތުރުން ފަސް ރަށެއްގެ 13 ކައުންސިލަރަކު ސަސްޕެންޑު ކޮށްފަ އެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގު މަހުމޫދު ސޮއިކުރައްވައި ގައްދު އާއި މިލަންދޫ އަދި ހިތާދޫ ކައުންސިލަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން ކައުންސިލްތަކުން ނޫސްބަޔާން ނެރެފައިވާ ކަން މައްސަލައާ ގުޅިގެން ލިބިފައިވާ ލިޔެކިޔުމުންނާއި ސާފުކުރި މައުލޫމާތުން ކަށަވަރުވާ ކަމަށެވެ. އެހެންވެ އެ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅަން ނިންމީ ކަމަށް އެލްޖީއޭގެ ސިޓީގައި ވެ އެވެ.

އެލްޖީއޭ އިން ބުނިގޮތުގައި، ގައްދު އާއި މިލަންދޫ އަދި ހިތާދޫގެ ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވާ މުއްދަތުގައި އެ ތަންތަން ހިންގާނީ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅާ އެވެ.

އެލްޖީއޭގެ ސީއީއޯ ވަނީ، ކައުންސިލްތަކުން އެ ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފި ނަމަ އެ ކައުންސިލެއް ރޫޅާލަން ހައި ކޯޓަށް ހުށަހަޅުއްވާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ މަހުގެ އެކެއްގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި ބައެއް ކައުންސިލްތަކުން ބަޔާން ނެރުނު ނަމަވެސް އެ ހުކުމް ތަންފީޒު ކުރަންޖެހޭ ކަމަކަށް ސަރުކާރުން ނުދެކެ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ އަމުރުގެ އެ ބައި ފަހުން ބާތިލް ކޮށްފައި ވާތީ އެވެ.

އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ އެ ބައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަހުން ބާތިލް ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު އެވެ. ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު ހިފި ކަމުގެ ތުހުމަތުގަ އެވެ.