އީސީން ވެސް އިންތިޒާރުކުރަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ބައި އިލެކްޝަން ނުބާއްވައި މަޑުކޮށްގެން ތިބީ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.


ވެރިކަން ކުރާ ޕީޕީއެމުން އެދިގެން މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން މިދިއަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓަކުން ފައިސާ ވެސް ހަމަޖެއްސި އެވެ. އެކަމަކު މެމްބަރުންގެ ގޮނޑި ގެއްލިއްޖެތޯ ކުރާ ބަހުސަށް ގޮތެއް ނުނިމި ދިގުލައިގެން ގޮސް، މައްސަލަ އަދިވެސް އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ކޯޓުގައި މައްސަލަ އޮއްވައި، ރައްޔިތުންގެ މަޖިލީހުން އެންޓި ޑިފެކްޝަން ބިލް މި ފަހުން ފާސްކުރީ، 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމާ އަހުމަދު ޝަރީފް (މ) މިއަދު ހަވާލުވެވަޑައިގަތުމަށް ފަހު، އެ ކޮމިޝަންގެ އަނެއް ހަތަރު މެމްބަރުންނާ އެކު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އީސީން ނޫސްވެރިންނާ އެކު ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި، ނޫސްވެރިންގެ ބައެއް ޝަކުވާތަކަށް ކޮމިޝަނުގެ އާ ރައީސް އަހްމަދު ޝަރީފް ވަނީ ޖަވާބުު ދެއްވައިފަ އެވެ. އެގޮތުން، މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ނޫސްވެރިންގެ ސުވާލުތަކަށް މިހާތަނަށް ވެސް ޖަވާބު ނުދީ އީސީން ހިމޭނުން އޮންނަނީ ކީއްވެތޯ ނޫސްވެރިއަކު އެހުމުން، އޭގެ ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލާގައި އަދި މުޅިން ގޮތެއް ކަނޑަނޭތީ އެވެ.

ޝަރީފް ވިދާޅުވީ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ކަނޑައެޅުމުން، އެ މެމްބަރުން އެ މައްސަލަ ހުށަހަޅުއްވައި، ސުޕްރީމް ކޯޓުގައި ޝަރީއަތް ހިނގަމުން ދާ ކަމަށެވެ.

މިހާރު ރާއްޖެ އައިސް އުޅޭ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ވަފުދުން ވަނީ އީސީއާ މިއަދު ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވެސް އެ ސުވާލުކުރި ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ނުރަސްމީ ބައްދަލުވުންތަކެއްގައި ބައި އިލެކްޝަނާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު ނިންމުމަކާ ހަމައަށް ނުދެވުނީ، ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިންތިޒާރުކުރާނީ ސުޕްރީމް ކޯޓުން އެކަމާ ގުޅޭ ގޮތުން ބުނާ ބަހަކީ ކޮބައިތޯ. ބަލާފައި، އެ ހިސާބުން އަޅުގަނޑުމެން ގޮތެއް ނިންމާނީ،" އީސީގެ ހަތަރު މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީސީ އަށް ގާނޫނީ ލަފާ ދޭ ފަރާތްތަކުގެ ލަފައަކީ ވެސް ސުޕްރީމް ކޯޓުގެ ނިންމުމަށް މަޑުކުރުމެވެ. އެކަމަކު އެ ލަފާ ދިނީ، ބަންޑާރަ ނައިބުގެ އޮފީހުންތޯ ނުވަތަ އީސީގެ ގާނޫނީ ވަކީލުންތޯ އޭނާ ވިދާޅެއް ނުވެ އެވެ.

އެއީ، ނޫސްވެރިންގެ ބައްދަލުވުމަކަށް ނުވުމާއި ހަމައެކަނި ގުޅުން ބަދަހިކުރުމުގެ ވާހަކަތަކަކަށް ވާތީވެ ޝަރީފްގެ އެ ވާހަކަތަކާ ގުޅިގެން ދެން ހުރި ކަންބޮޑުވުންތަކުގެ ސުވާލުތައް ނޫސްވެރިން ނުކުރެ އެވެ. އޭނާ ވިދާޅުވީ ރަސްމީ ސުވާލުތަކަށް ޖަވާބު ދެއްވާނީ އީސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު، ބައި އިލެކްޝަން ބާއްވަން ޖެހިއްޖެ ނަމަ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރިއަށް ދާނެ އެވެ. ބައި އިލެކްޝަނަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދިން ފައިސާއާ ގުޅޭ ގޮތުން ތުހުމަތުތަކެއް ކުރި ނަމަވެސް އެ ފައިސާ އެހެން ކަމަކަށް ބޭނުން ނުކުރާ ކަމުގެ ޔަގީންކަން އީސީގެ މެމްބަރުން ދެއްވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.