ޖަގަހައިގައި ރޯކޮށްލީ އަމިއްލަ އަށް ކަމަށް ވެދާނެ، ތަހުގީގުކުރަން ޖެހޭ: ޖޭޕީ

"ރުމާލު 2" ޖަގަހައިގައި ޕީޕީއެމުން އަމިއްލަ އަށް ވެސް ރޯކޮށްލައިފާނެ ކަމަށާއި އެހެންވެ އެއީ ވަރަށް ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަމަށް ޖޭޕީން ބުނެފި އެވެ.


މާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ޕީޕީއެމްގެ ޖަގަހަ އަށް ރޭ މީހަކު ވަދެ އެ ޖަގަހައިގެ ސްޓޭޖަށް ޕެޓްރޯލް އަޅައި ރޯކޮށްލުމުން ސްޓޭޖާއި ޕޯޑިއަމްގެ އިތުރުން މޭޒެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްޕާސަން އަލީ ސޯހިލް ވިދާޅުވީ ސިޔާސީ މަސްރަހާ ގުޅިގެން ބޭރުގެ ވަފްދުތައް ރާއްޖެ އަންނަމުންދާ ދަނޑިވަޅެއްގައި އެ ހާދިސާ ހިނގުމަކީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އަޅުވަން ޕީޕީއެމުން ކުރި ކަމަކަށްވުން ގާތް ކަމަށެވެ. އެ މައްސަލަ އަކީ ވަރަށް ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ޖަގަހަ އަކީ ގާޑުން ބަހައްޓައިގެން، 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ތަނަކަށް ވުމާއި އެ ތަނުގައި ސީސީޓީވީ ހަރުކޮށްފައި ހުންނާތީ އެއީ ޕީޕީއެމްގެ ތެރެއިން އެހީތެރިކަން ލިބިގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.

"ކިހިނެއްތޯ 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ތަނެއްގެ ސްޓޭޖުގައި އަޅައިފަ އޮތް ކާޕެޓުގައި ހަމަ ހުރެފައި ރޯވާނީ. މި މައްސަލަ ރަނގަޅަށް ބަލަން ޖެހޭ،" އަލީ ސޯލިހް ވިދާޅުވި އެވެ.

ޖަގަހައިގައި ރޯކޮށްލުމުގެ ތުހުމަތު އިދިކޮޅު ބައެއް ފަރާތްތަކުން ޕީޕީއެމްގެ ބޮލުގައި އަޅުވަމުން ގެންދާއިރު، އެ ހާދިސާ ހިންގީ ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އެ ތުހުމަތު ކުރަނީ އިދިކޮޅު ފަރާތްތަކަށެވެ.

ޕީޕީއެމުން ބުނީ ޖަގަހާގައި އަލިފާން ރޯކުރީ އެންމެ މީހަކު ވެގެން ކަމަށާއި އޭނާ އެތަނަށް ވަނީ ސެކިއުރިޓީ ގާޑަށް ބިރު ދައްކައިގެން ކަމަށެވެ. އޭނާ އަލިފާން ރޯކޮށްފައި ދިއުމުން އެ އަލިފާންގަނޑު ނިއްވާލީ ސެކިއުރިޓީ ގާޑްކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.