ތުހުމަތާ ގުޅޭ ސުވާލެއް ނުކޮށް ތަޒްމީލް ދޫކޮށްލައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކުރި ހޯމް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ތަޒްމީލް އަބްދުލް ސަމަދު، ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލައިފި އެވެ.


އޭނާގެ ވަކީލް އަބްދުލް މާނިއު ހުސެއިން ވިދާޅުވީ ތަޒްމީލް ދޫކޮށްލީ ކުރިއަށް އޮތް 15 ދުވަސް ތެރޭ ރަށުން ބޭރަށް ދާ ނަމަ ފުލުހުންގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ކަމަށެވެ.

ތަޒްމީލްގެ ބަންދަށް ކޯޓުން ވަނީ ކުރިން 10 ދުވަސް ދީފަ އެވެ. އޭނާ ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުންނެވެ.

މާނިއު ވިދާޅުވީ ތަޒްމީލްގެ މައްޗަށް ފުލުހުން ތިން ތުހުމަތެއް ކުރާ ކަމަށެވެ. އެއީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ޣައިރު ގާނޫނީ އެއްވުންތަކުގައި ބައިވެރިވެ ސަލާމަތީ ބާރުތަކާ މާރާމާރި ހިންގުމާއި ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ މީހުންގެ އަގު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތެވެ. ނަމަވެސް ވަކީލް ވިދާޅުވީ މިއިން އެއްވެސް ތުހުމަތަކާ ބެހޭ ގޮތުން ސުވާލެއް ނުކުރާ ކަމަށެވެ.

ނަމަވެސް، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ސްވޮޓްގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ ސައިފް ހުސައިންގެ ފޯނާ ގުޅޭ ގޮތުން ތަޒްމީލާ ސުވާލުކުރި ކަމަށް އެނގިފައިވެ އެވެ.

ތަޒްމީލް ހައްޔަރުކުރީ ހޯމް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުއްޓަ އެވެ. ނަމަވެސް މިހާރު ވަނީ އޭނާ މަގާމުން ވަކިކޮށްފައި ކަމަށް ވަނީ އެނގިފަ އެވެ.