ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ކުރެހުމެއް: މިދިޔަ މަހު ވެސް ގިނައިން ހުށަހެޅީ ކުޑަކުދިން ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް
27 މާޗް 2018 - 21:32
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 44 މައްސަލައެއް މިދިޔަ މަހު އެކަނި ވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެކި ބާވަތުގެ 210 މައްސަލައެއް އެ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅިއިރު އޭގެ ތެރެއިން 117 މައްސަލައަކީ ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލަ އެވެ.
ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައިން ހުށަހެޅީ ޖިންސީ ގޯނާގެ މައްސަލަތައް ކަމަށާއި އެފަދަ 44 މައްސަލައެއް މިދިޔަ މަހު ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ކުޑަކުދިންނާ ގުޅޭގޮތުން ދެވަނަ އަށް އެންމެ ގިނައިން ހުށަހެޅީ ކުޑަކުދިންނަށް ޖިސްމާނީގެ ގޮތުން އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެފަދަ 30 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއިރު، އިހުމާލުވުމުގެ 18 މައްސަލައަކާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ ނުވަ މައްސަލައެއް އަދި އެހެން ބައެއް ބާވަތުގެ މައްސަލަތައް ވެސް ކުޑަކުދިންނާ ގުޅޭގޮތުން ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 13 މައްސަލައަކާއި ކުޑަކުދިންގެ އަޚުލާގީ 17 މައްސަލައެއް ވެސް މިދިޔަ މަހު ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ކުޑަކުދިންގެ ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ހުށަހެޅި އެވެ.
އާއިލީ މައްސަލަތަކުގެ ގޮތުގައި 29 މައްސަލައެއް ހުށަހެޅިއިރު އަނިޔާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތަކުގެ ގޮތުގައި 20 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
28 March 2018
''ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައިން ހުށަހެޅީ ޖިންސީ ގޯނާގެ މައްސަލަތައް ކަމަށާއި އެފަދަ 44 މައްސަލައެއް މިދިޔަ މަހު ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.'' މިއީ ހިތާމަ ހުރިކަމެއް.އަދި ބިރުވެރި ކަމެއް.ކުޑަކުދިން އެއީ ބޮޑެތި މީހުންގެ ހިމާޔަތް ލިބެންޖެހޭ ބައެއް.ނަމަވެސް އެމީހުން ކުޑަ ކުދީންނަށް ޖިންސީ ގޯނާ ކުރަނީ.ލަދު ކޮބާ؟؟
ދިވެހިސޮރު
28 March 2018
އެވްރެޖްކޮށް ދުވާލަކަށް 7 މައްސަލަ. ސިޔާސީ ކަންތައް އެއްފަރާތުގައ ބާއްވާ. އަހަރެމެންގެ މުޖުތަމަޢުގައި ވަރަށްބޮޑަތި މައްސަލަތަކެއް އެބައުޅޭ.
އަލީ!
28 March 2018
މިއީ ސިންގަޕޫރޯ!!! ހެހެ
އިޙްސަ
28 March 2018
ތިވާހަކަ ލިޔާނެ ކަމެއްނެތް. ތިންބެއިންނާ ގުޅުންހިންގި ބެއްޔާވެސް އަރާމުގަ. ވާނުވާއެއް އެނގެނީއެއްނޫން. ތިމީހުންގެ ދަފުތަރެއްހަދާ ޖުމުހޫރީ މައިދާނުގަ ފޮޓޯއާއިއެކު ބޯޑެއް ބަހައްޓަން ފެނޭ..
ޑާޑާޑާޑާޑާ
27 March 2018
މިކަހަލަ ރިކޯޑުތައް މުގުރާތީވެ މަމެންގެ ބިއުޓިފުލް އެންޑް އޯސަމް ސަރުކާރަށްޓަކާ އަހުން ފަޚުރުވެރިވަނީ ފަޅައިގެން ދާވަރަށް.
ސާޗް
27 March 2018
1412 ކޯލް ސެންޓަރު ނަމަކަށް ހިންގަނީ! މުވައްޒަފުންނެއް ނުތިބޭ! ކޭސް ވަރކަރއަށް ޖެހެނީ ކޯލަށް ޖަވާދޭން އަދިވެސް! އެކަމަކު ބޮޑު ކޯލް ސެންޓަރެއް ހުޅުވާފަ ވާކަމަށް ނިއުސްއަށް ހަބަރުދަނީ!