މިނިސްޓަރު ޒިޔާދު (ކ-2) ސައުދީގެ ހައްޖު، އުމްރާ މިނިސްޓަރުގެ ނައިބާ ބައްދަލު ކުރައްވަނީ. - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
29 މާޗް 2018 - 13:58
މި އަހަރު ހައްޖަށް ދާ ދިވެހިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާ އިން އިއްޔެ ދީފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ސައުދީ އަށް ވަޑައިގެން، އެ ގައުމުގެ ހައްޖު/ އުމްރާ މިނިސްޓަރުގެ ނައިބު ޑރ. އަބްދުލްފައްތާހް ބިން ސަލްމާނާ ބައްދަލު ކުރައްވައި، މި އަހަރުގެ ހައްޖާ ގުޅޭ ރަސްމީ ވާހަކަތައް ބާއްވައިފަ އެވެ. ހައްޖު މިނިސްޓްރީގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ހައްޖުވެރިންގެ ކަންތައްތައް ކުރިއަށްދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މިނިސްޓަރު ޒިޔާދު ދެއްކެވި ވާހަކައިގައި ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަށް ދާ މީހުންނަށް ހިދުމަތްތައް ފަހިކުރުމަށް ސައުދީ ރަސްގެފާނާއި ކަމާ ގުޅުން ހުރި ވުޒާރާތަކުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.
އެގޮތުން، ހައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބޮޑެތި މަޝްރޫއުތައް މައްކާ އާއި މަދީނާ އާއި މަޝާއިރުގައި ކުރިއަށް ގެންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ސައުދީގެ ހައްޖު މިނިސްޓަރުގެ ނައިބު ވަނީ ވޭތުވެދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން އައި ހައްޖުވެރިންގެ އިންތިޒާމުތައް ކުރައްވާފައިވާ ގޮތުގެ ފުރިހަމަ ކަމަށްޓަކައި ދެއްވި އެއްބާރުލެއްވުމަށް މިނިސްޓަރަށާއި ކަމާ ގުޅުން ހުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި ނަމޫނާ އަހުލާގެއް ދައްކާ ބައެއް ކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ނަމޫނާ އެގޮތަށް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އަބްދުލް ފައްތާހް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
30 March 2018
ބޭންކު އެކައުންޓް ނަމްބަރ ދެއްވާ. އޭރުން ތި ހިސާބައް ނުގޮސް ލާރިކޮޅު ފޮނުވާލަދޭނަން. އެނިމުނީނު. ކިހާ ފަސޭހަ!
ޖަޒްބާތު
29 March 2018
ރޮހިންޏާ ނިކަމެތިންނަށްވެސް ލުއިފަސޭހަކަން ބޭނުންވާނެ. ރުޕިޔާކޮޅު ހަވާލުކޮށްފިބާ؟