ކެޓަގަރީގައި ނުހިމެނޭ މީހުންނަށް ކުރިއަށް އޮތްތަނުގައި ފްލެޓް ލިބޭނެ: މިނިސްޓަރު

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް، ކެޓަގަރީތަކަކަށް ބަހާލީ ސަރުކާރުގެ ވައުދު ފުއްދަން ކަމަށާއި ކުރިއަށް އޮތްތަނުގައި، އެ ކެޓަގަރީތަކުގައި ނުހިމެނޭ މީހުންނަށް ވެސް ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.


އެ ފްލެޓްތައް 11 ކެޓަގަރީ އަކަށް ވަނީ ބަހާލައިފަ އެވެ. އެއީ، ސިވިލް ސާވަންޓުންނާއި ކައިވެނި ކޮށްގެން އުޅޭ އުމުރުން 18-40 ދެމެދުގެ މީހުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދޭ އާއިލާތަކާއި ގުޅިފަޅާއި ޓާޓާ އިން ފްލެޓް ނުލިބުނު މީހުންގެ އިތުރުން މާފަންނުު ހުޅަނގު ދާއިރާގައި ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކެވެ.

ކެޓަގަރީތަކަށް ބަހާލުމުން ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން އެއިން ކެޓަގަރީއެއްގައި ނުހިމެނޭ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރެއިން ވެސް ވަކި އުމުރުފުރައެއް ކަނޑައަޅާފައިވުމުން ކިޔަމުން އަންނަ ފާޑުކިޔުންތައް ގިނަ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ އެތައް މަޝްރޫއެއް ކުރިއަށް އެބައޮތް ކަމަށެވެ. އެ ކެޓަގަރީތަކުގައި ނުހިމެނޭ މީހުންނަށް ކުރިމަގުގައި ފްލެޓް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އެއީ އަމަލީ މަސައްކަތް ފެށިފައި ހުރި ފްލެޓް، އޭގެ ދެ ގުނަ އަދި ކުރިއަށް އެބައޮތް. އެއްގޮތަކަށް ވެސް އެއްވެސް ދިވެހި ރައްޔިތަކު ކަންބޮޑުވާނެ ކަމެއް ނެތް. ރައީސް ޔާމީންގެ ވައުދުފުޅެއްގެ ގޮތުގައި އޮންނާނެ ދިވެހި ކޮންމެ ރައްޔިތަކަށް ގެދޮރުގެ ހައްލު ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުން ފުރަތަމަ ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލިއިރު ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ. އެ ފްލެޓްތައް ދިނުމުގައި ވެސް ޕޮއިންޓް ލިބިފައިވާ އުސޫލުގެ ބޭރުން ސިޔާސީ ނުފޫޒުގެ ތެރެއިން ފްލެޓްތައް ދޫކުރި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މިނިސްޓަރު މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ފްލެޓް ދޫކުރީ ވަރަށް ރަނގަޅަށް ބެލުމަށް ފަހު އޭގެ ހައްގުވެރިންނަށް ކަމަށެވެ. ހައުސިން މިނިސްޓްރީގެ ސާވޭތަކަށް ފަހު ފޯމް ހުށަހެޅިއިރު ދީފައިވާ ޕޮއިޓްތަކަށް ބަދަލު އައިސްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓް ލިބޭ މީހާ އާއި އޭނާގެ އާއިލާ އުޅުމަށް ދޭ ފްލެޓްތައް ކުއްޔަށް ދިނުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ގަވައިދު ބުނާގޮތުން ފްލެޓުން ކުއްޔަށް ދެވޭނީ މިނިސްޓްރީގެ ހުއްދައާ އެކު އެއް ކޮޓަރި ކަމަށެވެ. އެ އުސޫލާ ހިލާފުވާ މީހުންގެ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ ބައެއް ފްލެޓްތަކަށް މިހާރު ވެސް ވަނީ ނޯޓިސް ދީފަ އެވެ.