ބެންޗް ބަދަލުކޮށް، ރިޔާޒްގެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފުލުހުންގެ ތަހުގީގެއްގައި އޭނާގެ ފޯނު ހުޅުވައި ނުދިން މައްސަލާގައި އޭނާއާ ދެކޮޅަށް އިސްތިއުނާފް ކޮށްފައިވާ މައްސަލަ ބަލާ ބެންޗް ބަދަލުކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.


ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ރިޔާޒްގެ މައްޗަށް ދައުލަތުން ކުރީ މިދިޔަ އަހަރުގެ މާޗް މަހު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ހުޅުވަން އެންގުމުން އެކަން އޭނާ ނުކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ ދައުލަތުންނެވެ.

މީގެ ކުރިން ވެސް އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާ އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލީ ގަޑިއެއްހާއިރަށް ކުރިއަށް ގެންދިޔަ އަޑުއެހުމުގަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް ކުރުމެވެ.

އެ މައްސަލައިިގެ އަޑުއެހުންތައް ނިންމާލިއިރު، މައްސަލަ ބަލަމުން ގެންދެވި ބެންޗަށާއި އެ ބެންޗުގެ ރިޔާސަތަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން އެ ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަލީ ސަމީރެވެ.

އެކަމަކު މިއަދު އަޑުއެހުން ބޭއްވިއިރު، ފަނޑިޔާރު ސަމީރާއި ފަނޑިޔާރު ރައޫފްގެ ބަދަލުގައި އެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ. ކުރިން އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިިޔާރު އަބްދުﷲ ދީދީ ކަމަށް ވިޔަސް، މިހާރުގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ޝުޖާއު އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމާ އެކު މެމްބަރުކަމުގެ ގޮނޑި ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ރިޔާޒްގެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލިއިރު، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާ ކުރާ އެހެން މައްސަލައަކާ ގުޅިގެން އޭނާ މިހާރު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ. އެއީ ފުލުހުން ބަލަމުންދާ އެކި މައްސަލަތަކާ ގުޅޭ މައުލޫމާތު ހޯދަން ވަކިވަކި ފުލުހުންނާ ރިޔާޒް ސުވާލުކޮށް، މަޝްވަރާ ކުރި ކަމަށް ބުނެ ދައުލަތުން ކުރާ "ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ" ދައުވާ އެވެ.

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހިނގައިދިޔަ ކަންކަމާ ގުޅިގެން ރިޔާޒްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާއެއް ވެސް އުފުލައިފަ އެވެ. އަދި ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި ދައުލަތުން ދައުވާ ކުރާ 12 މެމްބަރުންގެ ތެރޭގައި ވެސް ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.