ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުން ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ބޭފުޅުން ނިކުމެވަޑައިގަތީ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމަށް އައި ފޯނު ކޯލަކަށް ފަހު ކަމަށާއި އެ ކޯލުގައި ރައީސް އެންގެވީ ބައްދަލުވުމުން ނިކުމެވަޑައިގަތުމަށް ކަމަށް ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
އެކަމަކު މި ތުހުމަތު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ދޮގުކުރައްވަ އެވެ. އޭނާ ރޭ ވިދާޅުވެފައި ވަނީ ބައްދަލުވުމުން ނިކުންނެވުމަށް ރައީސް ޔާމީން އަންގަވާފައިނުވާ ކަމަށެވެ.
މައުމޫން ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ނަން ނުޖެހުމަށް އެދިވަޑައިގެން މިއަދު ވިދާޅުވީ ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުން ކައުންސިލް ބައްދަލުވުން ބޯއިކޮޓް ކުރެއްވީ 40 މިނެޓް ވާހަކަ ދެއްކެވުމަށް ފަހު ކަމަށެވެ. ޕާޓީގެ މައްސަލަތަކާ ބެހޭ ގޮތުން ރައީސް މައުމޫން އަބްދުލް ގައްޔޫމް ވާހަކަ ދެއްކެވި ފަހުން ވަކިވަކި މެމްބަރުން ވެސް ހިޔާލުފާޅުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީގެ މައްސަލަތައް ހައްލުކުރަން ކުޑަ ކޮމެޓީއެއް ނަގަން ފެނިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް މައުމޫނަށް ދެންނެވި ކަމަށް ވެސް "މިހާރާ" ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
"އެއް މެމްބަރަކަށް ފަހު އަނެއް މެމްބަރަކު ވާހަކަ ދައްކަވަމުން ގޮސް، ފޯނުކޯލަކާ ހިސާބުން މި ގޯސްވީ. އޭރު 40 މިނެޓަށް ބައްދަލުވުން ކުރިއަށް ގެންދިޔައީ ފާރިސް އާއި ނާދިރާ ވެސް ތިއްބަވަނިކޮށް،" މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަބްދުއްރަހީމަށް ފޯނު ކޯލެއް އައިތާ މާ ގިނައިރުތަކެއް ނުވެ، ފާރިސް އާއި ނާދިރާ ތިއްބެވުމުން ކައުންސިލް ބައްދަލުވުން ސައްހަ ނުވާނެ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ އަބްދުއްރަހީމް އިރުޝާދު ދެއްވުމުންނެވެ.
އަބްދުއްރަހީމް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ނުލިބުނެވެ.
ބައްދަލުވުމުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިހާން ރޭ ވިދާޅުވީ ބައްދަލުވުން ދޫކޮށް މެމްބަރުން ނިކުންނެވުމަށް ރައީސް ޔާމީން އަންގަވާފައި ނުވާ ކަމަށެވެ. މެމްބަރުން ނިކުންނެވީ ޕާޓީން ވަކިކޮށްފައިވާ ދެ މެމްބަރަކާ އެކު ބާއްވާ ބައްދަލުވުން ސައްހަ ނުވާނެތީ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ނިހާން މިހެން ވިދާޅުވިއިރު، ފާރިސް އާއި ނާދިރާ ބައިވެރިވެވަޑައިގަންނަވާ ނަމަ، ބައްދަލުވުން ދޫކޮށް މެމްބަރުން ނިކުމެވަޑައިގަތުމަށް ރައީސް ޔާމީން އެންގެވި ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ޕީޕީއެމް އޮފީހުގެ އިދާރީ ބައެއް މުވައްޒަފުން ގާތު ވިދާޅުވި އެވެ.
އެކަމަކު އޭނާ ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ސާފެއް ނުވި އެވެ.