ދިއްދޫ ކައުންސިލް އިދާރާ އަށް ފުލުހުން ވަދެ، ފާސްކޮށްފި

ހއ. ދިއްދޫ ކައުންސިލްގެ އިދާރާ އަށް ކޯޓު އަމުރާ އެކު ފުލުހުން ވަދެ، އެ ތަން މިއަދު ފާސްކޮށްފި އެވެ.


ފުލުހުން ބުނީ ދިއްދޫ ކައުންސިލްގެ އިދާރާ ފާސްކުރީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ދިއްދޫ ކައުންސިލް އިދާރާ ފުލުހުން ފާސް ކުރިއިރު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ މަހު ވަނީ އެ ކައުންސިލްގެ ހަތަރު ކައުންސިލަރަކު ސަސްޕެންޑްކޮށްފަ އެވެ. އެ ކައުންސިލަރުން ސަސްޕެންޑް ކުރީ މިދިޔަ ފެެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި، އެ ކައުންސިލަރުން ސޮއިކުރައްވައި ނެރުނު ބަޔާނާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި، ބަޔާން ނެރުނު އެހެން ބައެއް ކައުންސިލްތަކުގެ މެމްބަރުން ވެސް އެލްޖީއޭ އިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.