ކަރަންޓު ބިލް ދެއްކޭނެ އެޕްލިކޭޝަނެއް ސްޓެލްކޯ އިން ތައާރަފްކޮށްފި

ކަރަންޓު ބިލް ދެއްކޭނެ މޮބައިލް އެޕްލިކޭޝަނެއް ސްޓެލްކޯ އިން މިއަދު ތައާރަފްކޮށްފި އެވެ.


ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން ތައާރަފް ކޮށްދެއްވީ، އެ ކުންފުނީގެ ޗެއާމަން އަހުމަދު އައިމަން އެވެ.

ސްޓެލްކޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި އެޕްލިކޭޝަންގެ ސަބަބުން، ކިއުގައި ނުޖެހި ކަރަންޓު ބިލް ދެއްކޭނެ މަގު މިހާރު ފަހިވެ އާންމުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. މިއީ މާލެ އާއި ސްޓެލްކޯ އިން ޚިދުމަތް ދޭ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، ބިލް ދެއްކުމާއި ކަރަންޓު ބިލަށް އަރާ ވަރު ބަލައިލެވޭނެ އެވެ. އަދި ކުރީ ބިލްތަކުގެ މައުލޫމާތާއި ޓެރިފް ރޭޓްތަކުގެ މައުލޫމާތު ވެސް ފަސޭހަކަމާ އެކު ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ މޮބައިލް އެޕްލިކޭޝަން "އެޕް ސްޓޯރު" އަދި "ޕްލޭ ސްޓޯރު" އިން ޑައުންލޯޑް ކުރެވޭނެ އެވެ.