ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކޮށްދިނުމަށް އެދި އިދިކޮޅު ޕާޓީތަކުން ޕޮލިހަށް

އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރަން، މިދިޔަ ފެބުރުއަރީ 1 ގައި، ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކޮށްދިނުމަށް އެދި އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒްއާ ބައްދަލުކުރަން އިދިިކޮޅު ފަރާތްތަކުން ފުލުސް އޮފީހަށް ހިނގައްޖެ އެވެ.


އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ އިސް ބޭފުޅުންތަކެއް ނަވާޒްއާ ބައްދަލުކުރައްވަން ފުލުސް އޮފީހަށް ވަޑައިގަތީ އެޕޮއިންޓްމެންޓަކާ ނުލަ އެވެ.

އެމްއެމްއޭ ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރަކީ، ދައުލަތުގެ މުއައްސަސާތަކުން ތަބާވާންޖެހޭ، އަމުރެއް ކަމަށެވެ. އެ އަމުރު ތަންފީޒުކުރުމަކީ، ފުލުހުންގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ނަވާޒް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއް ކަމަށެވެ.

އޭނާ މިހެން ވިދާޅުވިއިރު، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގެ އެ ބައި، އެ ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ، ފެބްރުއަރީ 1 ގައި ނެރުނު އަމުރު ދެން ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގެ އެ ބައި ބާތިލް ކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކުރި ފަހުންނެވެ.

މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ ސިޔާސީ ބޭފުޅުން.

ހަސަން ވިދާޅުވި ގޮތުގައި އެޕޮއިންޓްމެންޓަކާ ނުލައި ނަވާޒާ ބައްދަލުކުރަން އިދިކޮޅުން ދިޔައީ، އެ ބައްދަލުވުމަށް އެދޭ ހިސާބުން، ނަވާޒް ހައްޔަރުކުރާނެ ކަން އެނގޭތީ އެވެ.

"ނަވާޒްގެ ބާލީސް ދަށުން ފިސްތޯލަ ފެނުމާއި ގޮދަޑި ދަށުން މިލިއަނުން މިލިއަނުން ޑޮލަރު ފެނުމާއި އެކިއެކި ކަންކަން މެދުވެރިކޮށް ނަވާޒް ހައްޔަރު ކުރާނެ. އެހެންވީމަ އަޅުގަނޑުމެން ބޭނުމެއް ނުވޭ އެހެންވާކަށް،" ހަސަން ވިދާޅުވި އެވެ.

އެޕޮއިންޓްމެންޓަކާ ނުލައި ނަވާޒްއާ ބައްދަލުކުރަން އިދިކޮޅުން ދިއުމުން، ފުލުހުން ހުރަސްއަޅަނީ. --ފޮޓޯ: ސޯޝަލްމީޑިއާ

ކޯޓުގެ އަމުރުު ތަންފީޒުކުރަން ނަވާޒް ބޭނުން ނުވާނަމަ، ހަސަން ވިދާޅުވި ގޮތުގައި، ފުލުހުންގެ މުއައްސަސާގައި ދެން ތިބި އޮފިސަރުން އެ އަމުރު ތަންފީޒު ކުރަން ޖެހެ އެވެ. ފެބުރުއަރީ 1 ގެ އަމުރު ތަންފީޒުކުރަން ބޭނުންވާ އެތައް ފުލުހުންނެއް، އެ މުއައްސަސާގައި ތިބި ކަން ސާފުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަވާޒް އިސްކޮށް ހުންނަވައިގެން އެ އަމުރު ތަންފީޒު ކުރައްވަން އެއްގޮތަކަށް ވެސް ހުރަސްނާޅުއްވާށޭ އަޅުގަނޑުމެން ދަންނަވަން ބޭނުންވީ. ނަވާޒަށް ހުކުމް ތަންފީޒު ނުވާ ނަމަ އެ މުއައްސަސާ އިން ވަކިވާންވީ،" ހަސަން ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ނަވާޒްއާ ބައްދަލުކުރަން އުޅުމުން، ގިނަ އަަދަދަކަށް އެސްއޯ ފުލުހުން ނެރެ ހުއްޓުވާފައިވާ ކަމަށެވެ. އެފަދަ އަމަލުތަކުން، ފުލުހުންގެ މުއައްސަސާއަށް ވަކި ފަރާތެއްގެ ނުފޫޒު ފޯރައި، މުއައްސަސާ މަޖުބޫރީ ހާލަަތަކަށް ގޮސްފައިވާ މިންވަރު ކަމަށް ވެސް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފުވާ ފަރާތްތައް އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނަން. މިއަދު އެ ބޭފުޅުން [ފުލުހުން] އަމަލު ކުރާނީ އޭޖީ އަނިލް ވިދާޅުވާ ގޮތަށޭ ބުންޏަސް އެއީކީ ގާނޫނީ ހުއްޖަތެއް ނޫން،" އަލީ ޒާހިރު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި ނަވާޒްއާ ބައްދަލުކުރަން ފުލުސް އޮފީހަށް ދިއުމުން ފެނިވަޑައިގަތީ، ފުލުހުންގެ މުއައްސަސާ މިލިޓަރައިޒް ވެފައި އޮތް މިންވަރެވެ. މަދަނީ ޚިދުމަތެއް ރައްޔިތުންނަށް ދިނުމުގެ ބަދަލުގައި މަތިން އަންނަ ކޮމާންޑަށް ފުލުހުން އަމަލު ކުރަމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ގާނޫނުއަސާސީ 2008 ގައި އަމަލުކުރަން ފެށި ފަހުން މިހާތަނަށް ހޭދަވީ މުއްދަތުގައި، ސުޕްރީމް ކޯޓުން އަމުރެއް ކޮށްފި ނަމަ އެ އަމުރަށް ތަބާނުވެ ފުލުހުންގެ މުއައްސަސާ އޮތް ހަނދާނެއް ރައްޔިތުންގެ ނެތް ކަމަށެވެ. ފުލުހުންގެ މުއައްސަސާ އިން ގާނޫނާ ޚިލާފުވަމުން އަންނަނީ ނަވާޒް އިސްވެ ހުންނަވައިގެން ކަމަށް ވެސް އަލީ ހުސެއިން ތުހުމަތު ކުރެއްވި އެވެ.

"ނަވާޒް ފުލުހުންގެ މުއައްސަސާގައި އުޅޭކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ނަވާޒްއާ ބައްދަލުކުރިޔަ ނުދީ އަޅުގަނޑުމެން މިތަނުން ދުރުކުރުމަކީ ފައްސާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ފުލުހުން ކުރެއްވި ކަމެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.