18 އެޕްރީލް 2018 - 10:44
އަލިރަސްގެފާނު ޝަހީދުކޮށްލުމާއި މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހު ހިނގައިދިޔަ ކަންކަމާ މާބޮޑު ތަފާތެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި އަމުރު ނެރެފައިވާއިރު، އެ ދުވަހު ހިނގައިދިޔައީ ދިވެހިންގެ ހިޔާލަށް ވެސް ނާންނަ ފަދަ ހާދިސާއެއް ކަމަށެވެ. އެގޮތުން ވެރިކަމުގެ ދަހިވެތި ކަމުގައި، ދިވެހިންގެ މުގައްދަސް ތަންތަން ކަމަށް ބެލި ބައެއް ތަންތަނުގެ އަބުރާއި އިއްޒަތް ގެއްލި، މުޅި ތަނުގެ އަގު ވެއްޓި، ގައުމުގެ ރީތި ނަން ފަނޑުވާނެ ފަދަ އެތައް ކަމެއް އެ ދުވަހު ހިނގި ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފްގެ ވާހަކައިގައި، ފެބްރުއަރީ 1 ގައި ހިނގި ކަންކަމުގެ ތަފްސީލެއް ނުދެއްވަ އެވެ. ބެލެވޭ ގޮތުގައި މިނިސްޓަރު އިޝަރާތް އެ ކުރައްވަނީ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށެވެ. އަދި އެ އަމުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބޮޑު މުޒާހަރާއެއް ކުރިއިރު، އެ އަމުރު ތަންފީޒު ކުރަން ފުލުހުންގެ ތެރެއިން ބަޔަކު އުޅުނު ކަން ފުލުހުން ބުނެ އެވެ. ސަރުކާރުން ދެކޭ ގޮތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާޜު އަލީ ހަމީދާއި ފުލުހުންގެ ތެރެއިން ބަޔަކާއި އިދިކޮޅު ބައެއް ފަރާތްތައް ގުޅިގެން ފެބްރުއަރީ 1 ގައި ރާއްޖެ އަށް ގެންނަން އުޅުނީ ބަޣާވާތެކެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ އަމުރު، ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.
އާދަމް ޝަރީފް ރޭ ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ އެތައް ކަމެއް ވެރިކަމުގެ ދަހިވެތިކަމުގައި ހިންގަމުންދާ ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ކޮށްފައި ނުކުރާނެ ހަމަ އެއްވެސް ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ގޮތުން ވެރިކަމަށް އައްޔަން ކޮށްފައި ހުރި ވެރިއަކު އަވަހާރަ ކޮށްލުމަށްޓަކައި ލޯންޗު ގޮއްވާލަން ވެސް ތައްޔާރުވެގެން ތިބީ. އެކަން ވެސް އަޅުގަނޑުމެންގެ މި ގައުމުގައި ކޮށްފި. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން 57 ވޯޓު ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން މަސައްކަތް ކޮށްފި، ވެރިކަމުގައި ހުންނެވި ބޭފުޅަކު ކުރެއްވި ކުށެއް އެއްވެސް ބޭފުޅަކަށް އަދި ނުދެއްކެވޭ،" ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލަ އާއި އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކަމަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފެބްރުއަރީގައި 1 ގައި އުޅުނީ ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން، ކުށްވެރިން ދޫކޮށްލައި މާލެ ތެރެ ހަލަބޮލިކޮށް، ގޭންގްތައް ހަރަކާތްތެރި ކުރުވުމަށެވެ. އަދި ރައީސް ޔާމީނާއި ވަޒީރުން ހައްޔަރުކޮށް، ރައީސް ޔާމީން ހަވަރަށް ދޭން ބަޔަކު ބޭނުންވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލިގެން ދަނިކޮށް، ރައީސް ޔާމީންގެ "ހިކުމަތު އަމަލީ"އާ އެކު ގައުމު ސަލާމަތްކޮށް ކޮށްފައިވާ ކަމަށެވެ. ބަޣާވާތް ކުރި މީހުން، ތިބީ ސާބިތުކަމާއެކު ނޫން ކަން އެނގިގެން ގޮސްފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ބަޣާވާތުގައި ބައިވެރިވި ބޭފުޅުން ތިއްބެވީ އެއް ބަޔަކު އަނެއް ބަޔަކަށް ހިޔާނާތެރިވެވަޑައިގެން. އެ ބޭފުޅުންނަށް އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ދެން ގައުމުގައި ކަންތައް ހިނގަމުން ދާނީ ކިހިނެއް ކަމެއް؟،" ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ބައިވެރިވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ޑިފެންސް މިނިސްޓަރު ވިދާޅުވީ ފެބްރުއަރީ 1 ގައި ރައީސް ޔާމީން އަމަލު ކުރެއްވީ، އިންޑިއާ އަށް މިނިވަންކަން ހޯދައި ދިނުމަށް މަހާތުމާ ގާންދީ މަސައްކަތް ކުރެއްވި ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެއްޔާ، އެކުވެރިސުވައިދީބު
19 April 2018
ދުނިޔޭގެ ކަންކަން ހިނގާމަގަށް ވިސްނަވައި ފިކުރު ކުރުމަށްފަހު "ވާހަކަ" ވިދާޅުވެލައްވާށެވެ. ހަނދުމަފުޅު ކުރައްވާ! ބަސް ބުނުމަށްފު ބަހުގެ އަޅަކަށް ތިމާމީހާ ވެދެއެވެ. ސަލާމް!
ޚިޔާލް123
18 April 2018
އާދަމް ސަރީފް ހީފުޅު ކުރައްވަނީތޯ މިގައުމުގައި ތިބީ ހުސްމޮޔައިންކަމަށް، މަނިކުފާންމެން ވަޒީފައިއަށްޓަކައި ދައްކާފަ ނުދައްކާނެ ވާހަކައެއްވެސް ނެތޭދޯ.
ބީރުބޮލް
18 April 2018
އިންސާނުންނަކީ އެންމެމާތް މަހުލޫގުންގެ ގޮތުގައި ލެހެއްޓެވިމަވެސް ތިމާމެން ބިންމަތީ ލެހެއްޓެކަމުގޭމާނަ ނޭގޭނަމަ ވިސްނާނުލާނަމަ ވަރަށް އަވަހަށް އަމިއްނަފުސުގެ ބާރުކެނޑި ތިމާމެންގެ ތަރަހައިން ގެއްލިދާބައެކެވެ. ދުނިޔޭގެ އުށުލާއި ހަގީގަތަށް ފާދުކިޔަން އާދަވެދާބައެކެވެ.
ޖައިސާމް
18 April 2018
ކޮސް ނުގޮވާ.
ސަބްނަމް
18 April 2018
ތިޔަ ލަގަބަކީ ކާކަށް ލިބުނު ކޮން އެއްޗެއް. ކީއްވެގެން. ކޮމާ އެކަމާ މިކަމާ ހުރި ގުޅުމަކީ.
އަޖީތު
18 April 2018
ނާހަމަ ތެދެއް؟ އަލިރަސްގެފާނު ގަޑުވަރަށް ވެސް ވަނީ ފުރާޅުން ޓިނުނަގައިގެންތޯ؟
އެކްސް ހަލީލް
18 April 2018
ޔާމީނު ޝަހީދުކޮށްލީ ކާކުބާ؟ އަނެއްކާ އަނެއް މޮޔަ
ސިދުގީ
18 April 2018
"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން 57 ވޯޓު ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން މަސައްކަތް ކޮށްފި" މިއީ ކުށެއްކަމަށް މިނިސްޓަރުންނަށް ވިސްނޭކަމީ ނާގާބިލުކަން. ބޭފުޅާ ތިހުންނެވީ ސްޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ހުރަސްއަޅައިގެން ބޮޑު ކުށަކަށް އަރައިގެންކަމުން ލިބެން އޮތް އަދަބުގެ ބޮޑުކަމުން ހަމަނިދި ނުލިބިގެން އުޅުއްވަނީހެން ހާދަ ހީވެއޭ.
އީމަން
18 April 2018
މުޅި ތަނުގެ އަގު ވެއްޓި، ގައުމުގެ ރީތި ނަން ފަނޑުވާނެ ފަދަ އެތައް ކަމެއްވީ، ފެބްރުއަރީ 1 ގައި ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކުރީމައެވެ. އެހެނޫނަމަ ރީތި ނަމެއް ރާއްޖެއަށް ލިބި އާންމުންގެ މޫނުތަކުން ހިނިތުވުން ފެނުނީހެވެ.
ޑޮންޑޮން މަތި
18 April 2018
01 ފެބުރުއަރީ އަކީ ހަމަ ލިބުނު ހުދު ފޮށައެއް