ހައި ކޯޓު: ވިލާއަށް ހުޅުމާލެއިން ދޫކުރި ބިމެއް ސަރުކާރުން 2015 ގައި އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައި -ފޮޓޯ/މިހާރު
18 އެޕްރީލް 2018 - 17:55
ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ހުޅުމާލެ އިން ދޫކުރި ބިމެއް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިނާއީ ބޭނުމަށް ވިލާ ހަކަތައަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން 25 އަހަރަށް ދޫކުރި އެ ބިން 2015 ގައި އެޗްޑީސީން އަތުލި މައްސަލާގައި 2016 ގައި ހުޅުމާލޭ ކޯޓުން ނިންމާފައި އޮތީ އެތަން އަތުލީ ގާނޫނާ ޚިލާފަށް ކަމަށާއި، އެހެންވެ އެތަނުގެ އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށެވެ.
އެ މައްސަލަ އެޗްޑީސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ވަނީ ހުޅުމާލޭ ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ބިން އަތުލީ ގާނޫނާ އެއްގޮތަށް ކަމަށް ހުކުމްކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ ބިން ދޫކުރީ އާދަޔާ ޚިލާފަށް އަޑު ގަދަ، ވަސްދުވާ ނުވަތަ ކުޑި އަރާ ޒާތުގެ މަސައްކަތެއް ކުރުމަށް ކަމަށާއި އެކަމަކު ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު އެތަން ވިލާއިން ބޭނުން ކުރަމުން ދިޔައީ ގޭހާއި ހިލަ އާއި ހިލަވެހި ގުދަން ކުރުމަށް ކަން އެނގޭ ކަމަށެވެ. އެކަމަކު އެއްބަސްވުން އޮތްގޮތުން އެއީ ވިލާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހަވާލާދީ ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އެއްބަސްވުމެއް އޮންނަ ހާލަތުގައި އިތުރު ޝަރުތަކާ ނުލައި، އެއްބަސްވުމުގައި ބުނާ ކަންކަން އޭގައި ބަޔާން ކޮށްފައިވާ ގޮތަށް އަދި ބަޔާންކުރާ ވަގުުތުގެ ތެރޭގައި ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެކަމަށް އޮތް އިސްތިސްނާއަކީ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އެކަމަށް ލުޔެއް ދިނުން ކަމަށާއި އެހެންކަމުން ވިލާއަށް ދޫކުރި އެ ބިމުގައި އެހެން ސިނާއީ މަސައްކަތެއް ކުރެވޭނީ އެޗްޑީސީން އެކަމަށް އެއްބަސްވާ ނަމަ ކަމަށް އެ ހުކުމުގައިވެ އެވެ.
އެއްބަސްވުމުގެ ދަށުން އެތަނުގައި ވިލާއިން އެ ބިމުގައި ސިނާއީ މަސައްކަތް ފަށަން ޖެހޭ ވަކި މުއްދަތެއް އެއްބަސްވުމުގައި ބަޔާން ކޮށްފައި ނެތްކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެ ހާލަތުގައި ދެން އަމަލު ކުރަން ޖެހޭނެ ގޮތަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ފެށުން ކަމަށެވެ. އެކަމަކު އެ ބިން ދޫކުރުމާއި އެތަން އަތުލުމާ ދެމެދު 10 އަހަރު ދުވަސް ހޭދަ ވެފައިވާއިރު، އެ މުއްދަތަކީ އެކަށީގެންވާ މިންވަރަށް ވުރެ ވެސް ދިގު މުއްދަތެެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެއްބަސްވުމުގައި ބަޔާންކުރާ ފަދަ ސިނާއީ މަސައްކަތެއް އެ ބިމުގައި ފެށުމަކީ ވިލާއިން ފުރިހަމަ ކުރަން ޖެހޭ އަސާސީ ޝަރުތެއް ކަން ފާހަގަކޮށް، އެ ހުކުމުގައިވާ ގޮތުން އަސާސީ ޝަރުތަކާ އެއްބަސްވުމެއްގެ ބައިވެރިއަކު ޚިލާފްވެއްޖެ ނަމަ އެއްބަސްވުން ނިމުމަކަށް ގެނައުމަކީ އެ އެއްބަސްވުމެއްގެ އަނެއް ބައިވެރިޔާއަށް އޮތް ހައްގެކެވެ.
އެ މައްސަލާގައި ވިލާއިން އެއްބަސްވުމާ ޚިލާފަށް އަމަލު ކުރާ ނަމަ، އެކަންކަން ރަނގަޅު ކުރަން އެންގުމާއި ޖޫރިމަނާ ކުރުމުގެ އިހްތިޔާރު އެއްބަސްވުމުގެ ދަށުން އެޗްޑީސީއަށް ލިބިފައި އޮތް ކަމަށާއި އެކަމަކު، އެ މަރުހަލާއަށް ނުގޮސް އެއްބަސްވުން އުވާލުމަކީ ވެސް އެޗްޑީސީއަށް އޮތް ހައްގެއް ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ ބިމުގެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ އެއްގޮތަށް ކަމަށާއި އެހެންވެ ހުޅުމާލޭ ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުޖާއު އުސްމާނު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ހުޅުމާލެއިން ވިލާއަށް ދޫކުރި ބިމެއް އަތުލި މައްސަލަ ވިލާއާ ދެކޮޅަށް ހައި ކޯޓުން ނިމުނުއިރު، ވިލާގެ އެހެން ކުންފުނިތަކަކަށް ސަރުކާރުން ދޫކުރި ފަސް ރަށެއްގެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ވަނީ ވިލާއާ އެއްކޮޅަށް ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
19 April 2018
މީގަނެތް މާބޮޑުހާސްކަމެއް ސުޕުރިމް ކޯޓުން ހުޅިމާލޭ ކޯޓުގެ ހުކުމް ސައްހަކަމައްނިންމާނެ އިންޝާﷲ ބަޔަކު ބުނެފާނެ އަލިރަސްގެފާނު ޝަޙީދުކޮށްލުން ކަހަލަގެ ހުކުމެއް ނެރުނީއްޔޭވެސް
ވަތުބަތާނަ
19 April 2018
ޙުކުމްތަކަށް ގާނޫނުތަކާއި އުޞޫލުތަކާއި ގަވާއިދުތަށް ގެންނައިރު މީހާގެ ކުލައާއި ޖިންސަށް ނުބަލައި ކަންކުރުން ރަނގަޅުވާނެ! މިސާލަކަށް ސޭޓްގެ ރައްތަށް އަތުލިމައްސަލަ ދަށުކޯޓުން ގޯސްކަމަށް ނިންމިއިރު ހައިކޯޓުން ރަނގަޅުކަމަށް އެކަމަކު ސްޕްރީމް ކޯޓުން ނިންމީ ދަށުކޯޓުގެ ޙުކުމް ރަނގަޅުކަމަށް. ސަބަބުތައްވެސް ބައިވަރު، މި މައްސަލަ އެކޯޓަށް ދިޔައީމާ ވާނީ ކިހިނެއްބާ؟
ހައްޖަ
19 April 2018
ތަިޔަ މައްސަލަތައް ތިޔަ ނިންމެނީ އަދި އެންމެ ރަނގަޅަށްނޫންކަން ވިސްނޭނެ. ގާސިމްއަށް އެހާބައިވަރު ބަންތަކާ ފަޅުތައްދީފާ ވަނީ އަހާލުމެއް ބަލާލުމެއްނެތި. ގާސިމްއަށް ތާއީދުކުރިޔަސް ނުކުރިޔަސް ބުނެވެންއޮތީ މިހެން.
އަޖީތު
19 April 2018
މިއީވެސް ފިޔާތޮށި ޖަގަހައެއް
ތަމީމް
18 April 2018
މި މައްސަލައިގައި ހައިކޯޓުން އަވަަހަށް ޙުކުމް ކޮށްލީ، ސުޕްރީމް ކޯޓަށް ޢިސްތިއުނާފު ކޮށް މައްސަލަ ވެއްދުމަށް ކަމަށް ބެލެވޭ. ސުޕްރީމް ކޯޓުން މި މައްސަލައިގައި ހައިކޯޓުން ކުރި ޙުކުމް ބާޠިލުކޮށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ނިންމާނެ!
ޡާފިރު
18 April 2018
ޢެގޮތަށް ނިންމެން އޮތްކަމަށް ފަނޑިޔާރުންނަށް ފެނިއްޖެ ހާލަތެއްގައި އެގޮތަށް ހުކުމް އައުމަކީ މައްސައެއް ނޫން.