އަރީފް މަސައްކަތް ކުރީ ވަކި މީހަކަށް ވެރިކަން ހޯދައިދޭން: ހޯމް މިނިސްޓަރު

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މަސައްކަތް ކުރެއްވީ ވަކި މީހަކަށް ވެރިކަން ހޯދައިދިނުމަށް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.


ފުލުހުންގެ މުއައްސަސާ އަށް 85 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަޒްލީން ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން، ފެބްރުއަރީ 1 ގައި ނެރުނީ ޣައިރު ގާނޫނީ އަމުރެއް ކަމަށެވެ. އެ އަމުރު ތަންފީޒު ކުރުމުގެ ނަމުގައި އަރީފް އަމަލު ކުރެއްވީ ވަކި ފަރާތަކަށް ވެރިކަން ހޯދައިދިނުމަށް ކަމަށް އަޒްލީން ވިދާޅުވި އެވެ. ނަމަވެސް އެއީ ކާކުކަމެއް ވިދާޅެއްނުވެ އެވެ.

"އެ ފަރާތުން ފުލުހުންގެ ބައެއް ބޭފުޅުންނާ ގުޅިގެން ހިންގަން ރާވާފައިވާ ޖަރީމާތަކަކީ ގާނޫނުއަސާސީ އަނދާ އަޅި އަށް ހަދާލައި އޭގެ ބާރު ކަނޑުވާލައި ވެރިކަން ވަކި ފަރާތަކަށް ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ހިތާމަވެރި އަމަލެއް." އަޒްލީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރާނެ ކަމަށް ފުލުހުން އެރޭ އިއުލާންކުރި އެވެ. އޭގެ މާ ގިނަ އިރުތަކެއްނުވެ އަރީފް ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ. އޭނާ މިހާރު ވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ މުއައްސަސާ އަށް ނިސްބަތްވާ ބައެއް ބޭފުޅުންނަކީ ޣައްދާރުންގެ ގޮތުގައި ދިވެހި ތާރީހުގައި ލިޔެވޭނެ ބައެއް ކަމުގައި ވާނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

ވަކި ބަޔަކަށް ވެރިކަން ލިބޭ ގޮތަށް ގެންނަން އުޅުނު ބަޣާވާތް ހުއްޓުމަކަށް ގެނައީ ރައީސް ޔާމީންގެ ޖެހިލުން ކުޑަކަމާއި ތަޖުރިބާގެ ސަބަބުން ކަމަށް އަޒްލީން ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރާއްޖެ ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ފުލުހުން ވާންވާނީ ސަރުކާރަށް ވަފާތެރި، ގާނޫނުއަސާސީ ދަމަހައްޓާ، ރައްޔިތުންނަށް އެހީތެރިވާ ބަޔަކަށް ކަމަށެވެ.

"ސަރުކާރަށް ވަފާތެރިވުމަކީ ރައްޔިތުންގެ މަސްލަހަތު ދަމަހައްޓަން މަސައްކަތް ކުރާ އެންމެ އިސް ފަރާތަކީ ސަރުކާރުކަން ބަލައިގަނެ ސަރުކާރާ ދެކޮޅަށް ގާނޫނު އަސާސީން ބޭރުން ގައުމުގެ އަމާންކަން ނަގާލާ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ ކޮންމެ ފަރާތަކާ ދެކޮޅަށް ތެދުވެ ތެދުވެރިކަމާއެކު މަސައްކަތްކުރުން" އަޒްލީން ވިދާޅުވި އެވެ.