ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ގުންޑޮޅި ކަނޑައިގެން ގޮސް ވެލިގަނޑު ދަށުވެ، ބިދޭސީ އަކު ވަރަށް ބޮޑަށް މިއަދު ޒަޚަމްވެއްޖެ އެވެ.
މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ހުދުމާ ފިހާރައިގެ ކުރިމަތީގައި ހަދަމުން އަންނަ ގެއެއްގެ ފައުންޑޭޝަންގެ މަސައްކަތް ކުރަނިކޮށް، ގުންޑޮޅި ކަނޑައިގެން ދިޔައިރު، ބިދޭސީ މީހާ ހުރީ ކޮންސްޓްރަކްޝަން ސައިޓުގެ ވަޅުގަނޑުގެ ތެރޭގަ އެވެ. އެމީހާ ބުނީ، ބިދޭސީ މީހާ އަށް ބޮޑެތި އަނިޔާތަކެއްވީ ގުންޑޮޅި ކަނޑައިގެން ގޮސް އޭނާ ވެލިގަނޑުގެ ދަށުވުމުން ކަމަށެވެ.
ވެލިގަނޑު ދަށުވި މީހާ ނެގީ، އޭނާއާ އެކު މަސައްކަތް ކުރަން އުޅުނު ބަޔަކު ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ. އޭނާ ނެގިއިރު، ބޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
"ގުންޑޮޅި ކަނޑައިގެން ގޮސް ވެލިގަނޑު ދަމައިގަތީ ކޮނެފައި ހުރި ވަޅުގަނޑަށް. އޭނާ އަށް އެވަގުތު ހުރެވުނީ ވަޅުގަނޑު ތެރޭގައި. އެމީހާ ވެލިގަނޑު ދަށުވުމުން، އުނދަލިން ކޮނެގެން ނެގީ،" އޭނާ ބުންޏެވެ.
އެމީހާ ބުނި ގޮތުގައި ބިދޭސީ މީހާ ނެގިއިރު، ބޯ ފަޅައިގެން ގޮސް އޮތީ ހޭ ނެެތިފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ކޮންސްޓްރަކްޝަން ސައިޓުގައި ހިނގި ހާދިސާގައި ޒަޚަމްވީ ބަންގްލަދޭޝްގެ އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.