މަހުލޫފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ބާއްވަނީ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާ ގުޅިގެން އަންނަ ބުދަ ދުވަހު ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން ޗިޓް ފޮނުވައިފި އެވެ.


މެމްބަރު މަހުލޫފަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގަ އެވެ.

އޭނާގެ މައްޗަށް ޓެރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލިއިރު މާފުށި ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށް މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފައިވެ އެވެ. މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ސްރީ ލަންކާގައި ހުންނަވައިގެން ކުރި ޓްވީޓާ ގުޅިގެން އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މާދަމާ ހެނދުނު 10:00 އަށް ތާވަލުކޮށް އޭނާ އަށް ވަނީ ޗިޓް ވެސް ފޮނުވައިފަ އެވެ. އަދި އެ މައްސަލައިގެ އިތުރު އަޑު އެހުމެއް ވެސް ބުދަ ދުވަހު ބާއްވަން ތާވަލްކޮށްފައިވެ އެވެ. މަހުލޫފް މިހާރު ހުންނެވީ ގޭބަންދުގަ އެވެ.

މަހުލޫފްގެ މައްޗަށް މައްޗަށް މިހާރު ވެސް ވަނީ އިތުރު ދައުވާތަކެއް ކޮށްފަ އެވެ. މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ހިމެނެ އެވެ.