އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުވާ ސާފު ނުވާ ކަމަށް، ގާޒީ ނިންމެވީ ދައުވާއަށް އިންކާރު ކުރި ކަމަށް!

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާފު ނުވާ ކަމަށާއި އެ ދައުވާއަށް އިންކާރު ކުރުމާ މެދު ވަކި އެއްޗެއް ވިދާޅުވާން އެމަނިކުފާނުގެ ވަކީލުން ދެކޮޅު ހެއްދެވުމުން، އެއީ އެ މައްސަލައަށް އެ މަނިކުފާނު އިންކާރު ކުރެއްވުން ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ މިރޭ ނިންމަވައިފި އެވެ.


ކްރިމިނަލް ކޯޓުގައި އޮތީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން، ލިޔެކިޔުން ބަދަލު ކުރުމަށް ސަރުކާރުން ގާއިމު ކޮށްފައިވާ ނިޒާމު ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެ މަނިކުފާނާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމެކެވެ.

ދައުލަތުން ވަނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުށް ސާބިތުކުރުމަށް ސިއްރު ތިން ހެއްކަކާއި ސިއްރު ލިޔެކިޔުންތައް ހުށަހަޅުއްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް ވިދާޅުވީ ދައުލަތުން ހުށަހެޅި ބައެއް ލިޔެކިޔުންތައް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި ދިފާއީ ވަކީލުންނަށް ލިޔުންތައް ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލިޔެކިޔުންތައް ނުދީ ހިފެހެއްޓޭނީ ކޯޓުން އެފަދަ އަމުރެއް ނެރުނު ނަމަ ކަމަށާއި މިހާތަނަށް އައިއިރު އެފަދަ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސިއްރު ހެކިތަކާއި ލިޔެކިޔުންތައް ސިއްރުކުރަން ބޭނުންވާ ކަން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ހެކިތައް ހާމަ ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ކޯޓުގައި އޭނާ އެދިވަޑައިގަތެވެ.

މައްސަލަ ބަލާ ގާޒީ ބަދަލުކުރިކަން ނޭނގުނު

މީގެއިތުރުން މި މައްސަލަ ބައްލަވާ ފަނޑިޔާރުން ބަދަލުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރުންގެ ވަކީލުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން ވަކީލް ހިސާން ހުސެއިން ވިދާޅުވީ ގާޒީ ބަދަލުކޮށް ދިނުމަށް އެދިވަޑައިގެންފައިވާނެތޯ ދައުލަތުގެ ވަކީލްއާ ސުވާލު ކުރައްވައިފަ އެވެ. ނަމަވެސް އެކަމަށް ޖަވާބުދާރީވެވަޑައިގަތުމަށް ދައުލަތުގެ ވަކީލް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ކުރިން އެ މައްސަލަ ބެއްލެވީ އަހުމަދު ހައިލަމް އެވެ.

ގާޒީ އިބްރާހިމް އަލީ ވިދާޅުވީ މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ގާޒީ އެހެން ވިދާޅުވާން ފެއްޓެވުމާއެކު، ކޯޓުގެ އިދާރީ މުވައްޒަފަކު ތެދުވެގެން ގޮސް، ގާޒީ އަރިހުގައި އެ މައްސަލަ ކުރިން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ދިނެވެ.

އެއަށްފަހު ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ކުރިން ބޭއްވި ކަމަށް އިދާރީ މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ އެމަނިކުފާނުގެ ސެކްޝަނަށް ހުށަހަޅާފައި ވަނީ އަލަށް ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ އެހެން ގާޒީއަކާ ހަވާލުކުރިކަން ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.

ބައެއް ގާނޫނުތަކުން މިސާލު ނަންގަވައި ހިސާން ވަނީ ގާޒީ ބަދަލު ކުރެވޭނީ މަގުބޫލު އުޒުރެއް އޮވެގެން ކަމަށް ވިދާޅުވެ. އެ ސަބަބު ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. ނޫރުއްސަލާމް ވެސް ވިދާޅުވީ ގާޒީ ބަދަލުކުރުމުގެ ކުރިން ގާނޫނުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ މިއަދުން ފެށިގެން އަބްދުﷲ ސައީދުގެ މައްސަލަ ބައްލަވާނީ އޭނާ ކަމަށެވެ. އަދި މި މައްސަލަ ބެލުމަށް އެހެން ގާޒީއަކާ ހަވާލުކުރައްވާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރަށް އެކަމާއި ބެހޭ ވާހަކަތަށް ނުދައްކާ، ޝަރީއަތް ކުރިއަށް ގެންދެވުމަށް ގާޒީ ނިންމެވި އެވެ.

ދައުވާ ސާފު ނުވާ ކަމަށް ވަކީލުން ވިދާޅުވި

އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ ކުރަނީ މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔުންތައް ބަދަލުކުރަން ގާއިމުކޮށްފައިވާ ނެޓްވޯކް، ޖެމްސް ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. މި މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ކުށަށް އިއުތިރާފްވެއްޖެނަމަ، އަދަބު ކުޑަވާނެ އެވެ.

މި މައްސަލައިގައި ދިފާއީ ވަކީލުން ތަކުރާރުކޮށް ވަނީ ދައުވާއާ ގޫޅޭ ގިނަ ލިޔެކިޔުންތަކެއް ނުލިބޭ ކަމަށް ބުނެ އެ ލިޔުންތައް ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ.

ނޫރުއްސަލާމް ވިދާޅުވީ ކޯޓުން އަމުރެއް ނުނެރެ އެއްވެސް ލިއުމެއް ސިއްރު ނުކުރެވޭނެ ކަމަށެވެ. އަދި ދައުލަތުން ހެކި ސިއްރުކުރަން ވަގުތީ އަމުރަކަށް އެދުނު ނަމަވެސް، އަމުރު ނެރެ ދެވެން ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އެނާ އެދިވަޑައިގެންނެވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ހެކި ސިއްރު ކުރަން އެދުނީ ހެކި އާންމުކުރުމުގެ ސަބަބުން ހެކިވެރިޔާއަށް ޖިސްމާނީ އަނިޔާތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.

އެކަމަކު ވަކީލް ހިސާން ވިދާޅުވީ އުއްތަމަ ފަނޑިޔާރަކީ މިހާރުވެސް ބަންދުގައި ހުންނެވި ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ޖިސްމާނީ އަނިޔާއެއް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.

ގާޒީ ވަނީ ދައުލަތުން ބޭނުންވި ގޮތަށް ދައުލަތުން ހުށަހެޅި ހެކިތައް ސިއްރު ކުރަން ނިންމައި އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެއްވައިފަ އެވެ.

ދިފާއީ ވަކީލުންނަށް ދައުވާ ސާފުވެއްޖެތޯ ގާޒީ އިބްރާހިމް އަލީ ސުވާލު ކުރެއްވުމުން ނޫރުއްސަލާމް ވިދާޅުވީ ދައުވާ ސާފު ނުވާ ކަމަށެވެ. އޭނާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ދައުލަތުން ހުށަހެޅި ލިޔެކިޔުންތައް ވަކީލުންނަށް ލިބިވަޑައިގެންފައިނުވާތީ އެވެ. އަދި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ކުށުގެ އަމަލަކީ ކޮބައިކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ދައުލަތުގެ ވަކީލް ވިދާޅުވީ އުއްތަމަ ފަނޑިޔާރު، މާއްދީ ގޮތުން ހުރަސްއަޅާފައި ނުވަތަ ރަސްމީ ވާޖިބަށް ހިލާފުވެގެން ނުވަތަ ތަނުގެ މުވައްޒަފުންނަށް ހުރަސްތަކެއް ކުރިމަތިކޮށްގެން ނުވަތަ އެ ނޫންވެސް ހުއްދަނޫން އަމަލުތަކެއްގެ ތެރެއަށް މި ކުށުގެ އަމަލު ފެތޭ ކަމަށެވެ.

މި މައްސަލައިގައި ދައުވާ އަށް އިންކާރު ކުރައްވަންތޯ ނުވަތަ ނޫންތޯ ގާޒީ ސުވާލުކުރެއްވުމުން ވަކީލުން އެކަމާ މެދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި އެކަމާ ގުޅިގެން ވަކި އެއްޗެއް ވިދާޅުނުވުމުން ގާޒީ ނިންމެވީ އެއީ ދައުވާ އަށް އިންކާރު ކުރުން ކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ މި މައްސަލަ ބެލޭނެ ކަމަށް މަދަނީ މިންގަނޑުން ކަނޑައަޅުއްވައިފަ އެވެ. އަދި ދައުލަތުންނާއި ދިފާއީ ވަކީލުން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ދެ ދުވަސްތެރޭގައި ހުށަހެޅުމަށް ގާޒީ އެދިވަޑައިގެންނެވި އެވެ.

އަންނަ ބުރާސްފަތި ދުވަހު އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.