އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމައިފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ 24 މިލިއަން ރުފިޔާ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.


ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީ އަށް ފައިސާ ދޫކުރަން ނިންމިއިރު، އިދިކޮޅު އެމްޑީޕީއަށް ފައިސާ ދިނުން ލަސްވަނީ، އެ ޕާޓީން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަންގެ މެމްބަރު، އަހްމަދު އަކްރަމް ވިދާޅުވީ އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހަށް ހަމަވާއިރު، އޭގެ ކުރިން އޮޑިޓް ރިޕޯޓް ހުށަހަޅައިފި ނަމަ އެމްޑީޕީއަށް ވެސް ފައިސާ ދޫކުރަން ފޮނުވާނެ ކަމަށެވެ.

ޕާޓީތަކަށް ފައިސާ ލިބޭގޮތުގެ ތަފްސީލް:

ފައިސާ ދޫކުރަނީ 10،000 މީހުންނަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ޕާޓީތަކަށް މެމްބަރަކަށް 251.58ރ. ގެ މަގުންނެވެ.

މެމްބަރުންގެ ގޮތުގައި 45،865 ރަޖިސްޓްރީވެފައިވާ ޕީޕީއެމަށް 11.5 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާއިރު 10،537 މެމްބަރުން ހިމެނޭ އެމްޑީއޭއަށް ދޭން ނިންމާފައިވަނީ 2.7 މިލިއަން ރުފިޔާ އެވެ. ޖޭޕީގައި 10،225 މެމްބަރުން ތިބޭއިރު އެ ޕާޓީއަށް ދޫކުރުމަށް ނިންމާފައިވަނީ 2.6 މިލިއަން ރުފިޔާ އެވެ.

އެމްޑީޕީގައި 29759 މެމްބަރުން ތިބޭއިރު އެޕާޓީއަށް ލިބޭނެ ފައިސާގެ އަދަދަކީ 7.5 މިލިއަން ރުފިޔާ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ. އެ ގޮތަށް ގުނުމުން ތިން މަސް ހަމަވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށެވެ.