ޚަބަރު / ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ގާނޫނު އަސާސީ އޮތީ ފުނޑާލާފައި، މިހާރު ހިންގަނީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ފުލުހުންގެ ލޯންޗެއްގައި ގެންދަނީ: މިހާރު ހިންގަމުންދާ ކަންކަމަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށް އެމަނިކުފާނު ކޯޓުގައި ވިދާޅުވި-- ފޮޓޯ/މިހާރު

ގާނޫނު އަސާސީ މިހާރު އޮތީ ފުނޑާލާފައި ކަމަށާއި މިހާރު ހިންގަމުންދާ ކަންކަމަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް އުއްތަމަ ފަނޑިޔާރު މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު އެގޮތަށް ކޯޓުގައި ވިދާޅުވީ އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގަ އެވެ. މިއީ އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމެއްގައި އުއްތަމަ ފަނޑިޔާރު މިހާ ގިނަ ވާހަކަފުޅު ދެއްކެވި ފުރަތަމަ އަޑުއެހުމެވެ. މީގެކުރިން ބޭއްވި އަޑުއެހުންތަކުގައި ގިނައިން ވާހަކަ ދައްކަވަނީ އެމަނިކުފާނުގެ ވަކީލުންނެވެ.

އެ ދައުވާ އެ ބޭފުޅުންގެ މައްޗަށް ކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ބޭފުޅުން ހައްޔަރު ކުރުމަށް ފަހު އެ ބޭފުޅުންގެ ފޯނުގައި މައްސަލައާ ގުޅޭ ހެކިތަކެއް ހުރި ކަމަށް ބެލެވޭތީ ފޯނު ދޭން އެންގުމުން ފޯނު ދީފައިނުވާ މައްސަލާގަ އެވެ.

އަޑުއެހުމުގައި ދައުވާ އިއްވުމުން، އެ ދައުވާ ސާފުވެއްޖެތޯ އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވުމުން އުއްތަމަ ފަނޑިޔާރު ފުރަތަމަ ވެސް ދެއްވި ޖަވާބަކީ ދައުވާ ސާފުނުވާ ކަމަށެވެ. އެގޮތަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ މިހާރު ހިނގަމުންދާ ކަންކަމަކީ އަދުލު އިންސާފުގެ ނިޒާމުގެ ބާރު ކަނޑުވާލުން ކަމަށާއި މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށް، ދައުވާ އުފުލުމަކީ އާބިޓްރަރީކޮށް ހިންގާ ކަމެއް ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު އެކަން ސިފަ ކުރެއްވީ އެންފޯސްޑް ޑިސްއަޕިއަރިންސްގެ (ގަދަކަމުން ފޮރުވުން) އަމަލެއްގެ ގޮތުގަ އެވެ.

"މިއީ އުއްތަމަ ފަނޑިޔާރާ ދެމެދު ހިނގާ މައްސަލައެއް ނޫން. މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމަކާ ދެކޮޅަށް ހިނގާ ކަމެއް،" ހުދު ކުލައިގެ ގަމީހެއް ތުރު ކުރައްވައިގެން ނޫކުލައިގެ ޓައީއެއް އަޅުއްވައިގެން އިންނެވި އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ އެ ވާހަކަފުޅު ނިމުމުން އެމަނިކުފާނުގެ ވަކީލުންނަށް ގާޒީ ފުރުސަތު ދެއްވީ ދައުވާ ސާފުނުވާ ސަބަބުތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށެވެ. އެކަމާ މެދު ދެ ފަރާތުގެ ވަކީލުން ގިނަ ވަގުތުތަކެއް ވަންދެން ވާހަކަ ދެއްކެވުމުން، ދައުވާ ސާފުވެއްޖެތޯ އުއްތަމަ ފަނޑިޔާރު އަރިހުން އަނެއްކާވެސް ގާޒީ ސުވާލު ކުރެއްވި އެވެ. އެ ފުރުސަތުގައި ވެސް އެމަނިކުފާނު ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށެވެ.

"ދައުވާގައި ބުނާ އެއްވެސް އެއްޗެއް ސާފުނުވާ" ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އަމުރު ނެރުނީ ޑިއު ޕްރޮސެސްގެ ތެރެއިން ގާނޫނާ އެއްގޮތަށް ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކާ މެދު ޗެލެންޖް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކުރިން ދުވަހަކު ވެސް ކުރި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ގާނޫނު އަސާސީ މިހާރު އޮތީ ފުނޑާލާފައި ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނު ހައްޔަރުކޮށް، ދައުވާ ކުރަނީ ތުހުމަތެއް އޮވެގެނެއް ނޫނެވެ.

ދައުވާ ސާފުނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ދެވަނަ ފަހަރަށް ވިދާޅުވުމުން ގާޒީ އާރިފް އުއްތަމަ ފަނޑިޔާރަށް އެންގެވީ ގާނޫނުގައި ބުނާ ގޮތަށް، ދައުވާއަށް އެއްބަސްވުން ނުވަތަ އިންކާރު ކުރުން، ދެ ގޮތުން ކުރެ ގޮތެއް އިހްތިޔާރު ކުރެއްވުމަށެވެ. އެގޮތަށް ގާޒީ އެންގެވުމުން، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ.

އޭގެފަހުން ވެސް އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނުގެ ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންދާތީ އާއި އެމަނިކުފާނު ބަންދުގައި ހުރުމުގެ އިންތިޒާމްތަކާ މެދު ވެސް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ވާހަކަ ދެއްކެވުމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގެން، ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ހިނގަނީ "ވެކްސިން ޖަހާ އުސޫލުން" އަވަސް އަރުވާލައިގެން ކަމަށެވެ.

"މިހާ އަވަސްކޮށް ގެންދާކަށް ނުވޭ. ކުށެއް ކޮށްފިއްޔާ ކޮންމެ މީހަކަށް ވެސް އަދަބު ލިބެން ޖެހޭނެ. އަދި ކުށެއް ނުކުރާ ކަން ސާބިތު ވަންޏާ އޭނާ އެކަމަކުން ބަރީއަ ވެސް ވާން ޖެހޭނެ.،" ކޯޓުތަކުގައި އޮންނަ އާންމު އުސޫލުން ކޮޅަށް ހުންނަވައިގެން ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އިންސާފު ލިބިދިނުމުގައި އަވަސް އަރުވާލުމަކީ އިންސާފަށް ފަސް އަޅާ ފޮރުވުން ކަމަށް ބުނާ އިނގިރޭސި ޖުމްލައެއް ވިދާޅުވުމަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތްތައް އެހާ އަވަސް އަވަހަށް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ބަންދުގައި ބަހައްޓާފައި ހުންނަނީ އެކަށީގެންވާ ތަނެއްގައި ނޫން ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރީއަތްތައް ކޮންމެ ދުވަހަކު ހެން ބާއްވާތީ ވަކީލުންނާ ބައްދަލުކުރަން އެކަށީގެންވާ ވަގުތު ވެސް ނުލިބޭ ކަމަށެވެ.

"އަޅުގަނޑުމެން ވަޅުލެވިދާނެ. އެކަމަކު މި ޝަރީއަތްތަކެއް ވަޅެއް ނުލެވޭނެ،" މައުމޫނާއި އަލީ ހަމީދު ވެސް ހާޒިރުވެ އިންނެވި އެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޝަރީއަތް އަވަސް އަރުވާލައިގެން ގެންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވުމުން އެކަމާ ގުޅިގެން ގާޒީ އާރިފް ވިދާޅުވީ ޑިއު ޕްރޮސެސްއަކީ ކޮބައިކަމާއި މައްސަލަތަކުގައި އެކަށީގެންވާ ވަގުތު ދޭންޖެހޭ މިންވަރާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެބަހުރި ކަމަށާއި އެ މައްސަލަ ކުރިއަށް ގެންދަނީ އެ ނިންމުންތަކުގައި ހުރި އުސޫލުތަކާ އެއްގޮތަށެވެ.

ސުޕްރީމް ކޯޓުން ނިންމި އެފަދަ މައްސަލައެއް މިސާލެއްގެ ގޮތުން ނަންގަވަމުން ގާޒީ އާރިފް ފާހަގަ ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށް، ސުޕްރީމް ކޯޓުން ކޮށްފައިވާ 2016 ގައި ކުރި ހުކުމެވެ. އެ ހުކުމަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފުލް ބެންޗުންގެ އިއްތިފާގުން ނިންމި މައްސަލަ އެކެވެ.

ދައުވާ ސާފުނުވާ ކަމަށް ބުނެ ވަކީލުންގެ ސުވާލުތަކެއް ދައުލަތަށް

ދައުވާ ސާފުނުވާ ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވަނީ ސުވާލުތަކެއް ދައުލަތާ ކުރިމަތިކުރައްވައިފަ އެވެ.

ވަކީލުން އެންމެ ފުރަތަމަ ސުވާލު އުފެއްދެވި ކަމަކީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގައި ދައުވާ އެމަނިކުފާނުގެ މައްޗަށް ކޮށްފައި އޮތުމުންނެވެ.

ދިފާއި ވަކީލުން ބުނިގޮތުގައި އެ މާއްދާގެ ދަށުން މީހަކަށް ދައުވާ ކުރެވޭނީ އެހެން މީހަކާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެއްކެއް ފޮރުވައިފި ނަމަ ނުވަތަ ނައްތާލާ ހާލަތުގަ އެވެ. ތިމާއާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެއްކެއް ނައްތާލާ ހާލަތުގައި އެ މާއްދާގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި އެ ވަކީލުން ވިދާޅުވީ ގާނޫނުގެ އެ މާއްދާގައި "ތިމާ" އެ ބަސް ބޭނުން ކޮށްފައި ނެތުމެވެ.

އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެ މާއްދާގައި އޮތީ "މީހަކު" ގެ ވާހަކަ ކަމަށާއި އެހެންވުމުން އެ މާއްދާގެ ދަށުން ކުށަކަށް ވާނީ އެހެން މީހަކާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެއްކެއް ނައްތާލުން ނުވަތަ ފޮރުވުމުން ކަމަށެވެ. އަދި ތިމާ އާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެއްކެއް އަމިއްލައަށް ނައްތާލުން ނުވަތަ ފޮރުވުމަކީ އެ މާއްދާގެ ދަށުން ކުށަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ދައުލަތުން ބުނިގޮތުގައި އެ މާއްދާގައި ބުނާ "މީހަކު" އެ މާނައިގެ ތެރޭގައި "ތިމާ" ވެސް ހިމެނޭނެ އެވެ. އެހެންވުމުން މީހަކު، އޭނާއާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެއްކެއް އަމިއްލައަށް ނައްތާލާ ނުވަތަ ފޮރުވާ ހާލަތުގައި ވެސް އެ މާއްދާގެ ދަށުން ދައުވާ ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ ފޯނު ދޭން ފުލުހުން އެންގީ އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ހެކިތަކެއް ހުރި ކަމަށް ބެލެވޭތީ ކަމަށާއި އަދި އެ ފޯނުގައި އެހެން ބަޔަކާ ދެކޮޅަށް ހެކި ހުރި ނަމަ އެކަން އެނގޭނީ ވެސް ފޯނު ލިބުމުން ކަމަށެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު ފޯނު ދެއްވާފައި ނުވާތީ އެކަން ނޭނގެނީ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެގޮތަށް ބުނުމުން ވަކީލް ނޫރު ވިދާޅުވީ މީހަކު ނައްތާލި ހެއްކަކީ އެހެން މީހަކާ ދެކޮޅަށް ބޭނުން ކުރެވޭ ހެއްކެއް ނަމަ، އެ މީހެއްގެ ނަން ދައުވާގައި އޮންނަން ޖެހޭނެ ކަމަށެވެ. އެކަމަކު އުއްތަމަ ފަނޑިޔާރުގެ ފޯނު ނުދެއްވުމުން ގެއްލިގެން ދިޔައީ ކާކަށް ދެކޮޅަށް ބޭނުން ކުރެވޭ ހެއްކެއް ކަން ދައުވާއިން އެނގެން ނެތް ކަމަށް ވިދާޅުވި އެވެ.

އެ މައްސަލާގައި ދެ ފަރާތުން މިއަދު ބަހުސް ކުރިއިރު، އެ މައްސަލާގެ އިތުރު އަޑުއެހުމެއް މާދަމާ އޮންނާނެ އެވެ. މާދަމާ ބާއްވާ އަޑުއެހުމަކީ ފަނޑިޔާރު އަލީ ހަމީދުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމެވެ.

21 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 12%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އީމަން

25 April 2018

ރައީސް ޔާމީނު ވެރިކަމާ ހަވާލުވުމަށްފަހު މުޅިންވެސް ހިންގަނީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެވެ.

The name is already taken The name is available. Register?

ކަރްމާ

25 April 2018

ނަޝީދުގެ މައްސަލަ ޕަޓާސް ބަރިއެއްހެން ނިންމާލެވޭނެކަަމަށް އުއްތަމަ ފަޑިޔާރު ނިންމާ ހުކުމް ކުރުމުން... އުއްތަމަ ފަނޑިޔާރުގެ މައްސަލަ ހަމަ އެއުސޫލުން "ވެކްސިން ޖަހާ ނިންމާލާހެން" ނިންމުމާމެދު ކޮންކަމަކާ ތޯ އެ އިއުތުރާޟުކުރަނީ؟ ހަމަ ހިނި އަންނަނީ!!! ރާކަނި މަސް ކެވިފަ ހުންނާނީ!!!

The name is already taken The name is available. Register?

ދުލި

25 April 2018

ރައީސް ނަޝީދުގެ މައްސަލަ ބެލި އިސްގާޒީ މިހާރު ކޮބާތޯއެވެ. ރައީސް ނަޝީދުގެ މައްސަލައިގެ އަސްލު ރައްދުވާ ގާޒީ މިހާރު ކޮބާތޯއެވެ. ރައީސް ނަޝީދުގެ މައްސަލައިގެ އަސްލަކީ "..... ހަލާތުއްޟަރޫރީ ....." އޮވެގެން ހިނގައިދިޔަ ކަމެއްކަންވެސް މިހާރު ސާފުވެއްޖެ ނޫންތޯއެވެ. ދެން ހަމަ ބުނެލަން އޮތީ ވިސްނަވާށެވެ. ފުންކޮށް ވިސްނަވާށެވެ. ބޭނުމީ ވަގުތީ ހިތްހަމަޖެހުމަކާއި އުފަލެއް ހެއްޔެވެ. ނުވަތަ ހިތި ބޭހެއް ބޮއެގެން ނަމަވެސް ދައިމީ ހިތްހަމަޖެހުމަކާއި އުފަލެއްތޯއެވެ. މިއީ ފެންކައްކާ ބޮލީގެ އިއްޒަތްދޭ ސަރުކާރެއްކަން ހަނދުމަފުޅުއް ކައްސާލިޔަ ނުދެއްވާށެވެ. ނޫނީ މާދަމާ މިހާރު އިންނެވި ފަރާތް ބަދަލުވުން ވަރަށް ކައިރިއެވެ. އެ ދުވަހުން މިއަދު އަޑުއަހަން އިން ވާހަކަތައް ޖެހޭނީ ހާމަކުރަން ހުންނަވާށެވެ.

The name is already taken The name is available. Register?

ޖުހާން

25 April 2018

މަމޫނަށް ތިހެންތިވީ އަމިއްލައެދުން ބޮޑުކަމުން.ތީ މީހަކުކުރާނެކަމެއްނޫ. އަދިމިހާރުވެސް އަނގަޔަކުންދެރައެއްނުވެއެންނު

The name is already taken The name is available. Register?

ސަންޕަ

25 April 2018

ބަލަ ސުޕްރީމްކޯޓަކީ އަދުލުއިންސާފުންކަތައްކުރަންޖެހޭތަނެއް ރާއްޖޭގެ ތިންބާރުގެތެރެއިން އެއްބާރު..އިއްޔެ އަންނިޖަލައްލާންހުކުމްކޮށްފަ މިޔަދު މިބުނަނީ އަންނި ދޫކޮށްލަން ..ކޮބާމިތަނުގެ އިތުބާރު..މިހާހިސާބަށްކަންތަށްދިޔާމަ ދެން އިނަސާބފުހޯދަންދާނއތަނެއްވެސްނެތް.މީތޯތިބުނާފަނޑިޔާރުންގެ ކަންތައްހުންނަންޖެހޭހިސާބަކީ.

The name is already taken The name is available. Register?

އުއްތަ

25 April 2018

ގާނޫނުއަސާސީކީއްކުރަން ..މިލޮބުވެތި ގައުމުވެސް ފުޑާލަން އަސްލު އުޅޭބަޔަކީ އުއްތަމަފަނޑިޔާރު ބައެއްގެ އަވައިގަޖެހިގެން.ބަލަ ކަލޭމެނަށްހީވާކަހަލަދޯ ތިހާވާހަޑި އެއްވެސްފަރާތަކަށްނޭނގޭނެޔޭ..ކާކުމޮޔަހައްދަންތިއުޅެނީ..ހެއްދެވިފަރާތަކަށް އެއްވެސްކަމެއްސިއްރެއްނުކުރެވޭނެ.

The name is already taken The name is available. Register?

MANNOOBURI

25 April 2018

ހެހެހެ... އެދުވަހު ނަޝީދުގެ ޝަރީއަތް ވަރަށްވެސް އިންސާފުވެރި..... ތިމާފޭހުނު އިލޮށިގަޑު ތިމާގެ ލޮލަށް. ޝުކުރިއްޔާ ގާޒީ އާރިފް

The name is already taken The name is available. Register?

ޣިޔާލު

25 April 2018

ޝުކުރިއްޔާއަކަށްވުރެ ބޮޑަށް އާރިފްއަށް މިވަގުތަށް ބޭނުންވާނީ ނަސޭހަތެއް ކަމުގަ ދެކެން. ޢަދި ތިޔަ ބުނި "ތިމާ ފޭއްސި އިލޮށީގެ..." މިސާލުބަހާއި "ފެންކައްކާ ބޮލީގެ އިއްޒަތާ..." މާދަމާވެސް ވާނޭގޮތެއް ނޭނގޭކަން ހަދުމަކޮށްދިނުން މާ ބުއްދިވެރި "ވިސްނުމެއްނެތި ކޮއްފިކަމަކުން އެންމެ ފަހަރަކު ދޭހުގައި، ގިސްލަމުން ހިތިކަރުނަ އޮއްސަން ޖެހިދެޔޭ އުމުރަށް މުޅިން".

The name is already taken The name is available. Register?

އުމަރު

25 April 2018

އުއްތަމަ ފަނޑިޔާރު އޮޕަރޭޝަން ތިއޭޓަރަކަށް ވައްދާފައި އޮޕަރޭޝަން ކޮށްފައި ހިތުގައި ހުރި އެއްޗަކާއި، ސިނކުޑީގައި ހުރި އެއްޗެއް ނަގައިގެން ހެކި ހޯދަންވީނޫންތޯ؟ ފޯނުގައި ހުންނަނީ ހެއްކެއްނޫން، ފޯނަކީ މިހާރު އެހެން މީހަކު ނޭގި ފޮނުވާ އެއްޗެއްވެސް އޮޓަމެޓިކުން ޑައުންލޯޑް ވެދާނެ އެއްޗެއް، މިސާލަކަށް މީހަކު ފޮނުނި ވައިބަރ ފޮޓޯއެއްވެސް އޭގެ ކެމެރޭގެ ފޮޓޯތެރޭގައި ހުރެދާނެ، އަދި ރާއްޖޭގައި ނެއް ޑިޖިޓަލް ނުވަތަ ޓެކްނޮލޮޖީގެ ތެރެއިން ހެކި ހޯދައިގެން ހިންގާ ޝަރިއްއަތުގެ އުސޫލެއްވެސް ޤާނޫނެއްވެސް، އެހެންކަމުން ނެއްޤާނޫނަކަށް ބަލައި ޕްރޮސެކިއުޓަރ އޮފީހުގެ ވަކީލުން ހިތަށް އަރާހާ އެއްޗެއް ނަގައިގެން މީހަކު ޖަލުގައި ބަންދުކޮށްގެން ނުގެންގުޅެވޭނެ، އެއީ ބޮޑުކުށެއް

The name is already taken The name is available. Register?

ކޯޠ

24 April 2018

ޔާ ﷲ އަދުލުވެރި ފަޑިޔާރުން އަޅަމެންނަށް ދެއްވާންދޭވެ. އަދި ނެރޭ ހުކުމަކުން ފަޑިޔާރު ހިފާ ހައްޔަރުކޮށްގެންނުވާނެ.

The name is already taken The name is available. Register?

ބޮޑުރިޔާ

24 April 2018

އިމުރާނު އާއި ރައީސް ނަޝީދު އާއި ކާނަލް ނާޒިމް އަށް ހަވާފަޓަސްބަރިއެއްހެން ނުހައްގުންކުރިހުކުމުގެ ސަޒާކަންނޭގެ މިއަދު ލިބެމުންތިޔަދަނީ ކޮންމެއަކަސް މިއަދުވެސް ދިފާއުގައި ނިކުންނަން މިޖެހުނީ އަހަރެމެންނަށް އެކަމަކު އިންސާފުގެ ދަތުރުގައި އަހަރެމެން އަދިވަރުބަލިވާން ކައިރިވެސްނުވޭ ކޮންމެ 5 އަހަރަކުން 1 ފަހަރު ވޯޓްލާން ލިބޭކަމަށްވަންޏާ އަދި އަނިޔާވެރިންގެ ވަކިތަކުން މިގައުުސަލާމަތްކުރާނަން އިރާދަކުރެއްވިއްޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454