އިދިކޮޅު ޕާޓީތަކުން މިރޭ ރަސްދޫގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
27 އެޕްރީލް 2018 - 23:48
ދިވެހިން އަބަދުވެސް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި ހަށިފުރާނަ ހުރިހާ ދުވަހަކު އެކަމެއް ހުއްޓާ ނުލައްވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންތި ވިދާޅުވީ މިހާ ބިރުވެރި ކަމެއްގައި ދިވެހިން އުޅެން ޖެހިފައިވާ ދުވަސްތަކެއް ފަހުގެ ތާރީޚުގައި ރާއްޖެ ނުދެކޭ ކަމަށެވެ.
"މީގެ ހަފުތާއެއްހާ ދުވަސް ކުރިން، މަގުމަތިން މިލިއަނެއްހާ ފައިސާ ހިފައިގެން ވިޔަފާރި ނިންމާލުމަށް ފަހު ގެ އަށް ދަނިކޮށް [މީހެއްގެ] ދެ ލޮލަށް ޕެޕާ ސްޕޭ ޖަހައިފި. ޕޭޕަ ސްޕްރޭ އަކީ ފުލުހުންގެ އަތުގައި އެކަނި ހުންނަ އެއްޗެއް. ޕެޕާ ސްޕްރޭ ޖަހައި ފޭރިގެންފައި ވަނީ. އަނެއްކާ އޭގެ ފަހުން އިހަށް ދުވަހު ނޫހުގެ ހެޑްލައިން ބަލައިލިއިރު ދެ ލޮލަށް ފުރާ ޕެޕާ ސްޕްރޭ ޖަހައި އަނެއް މިލިއަން ރުފިޔާ މިވަނީ ފޭރިގެންފައި،" މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި، މާލޭގައި ދެ މީހެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖަހައި، އެއިން ކޮންމެ މީހެއްގެ އަތުން މިލިއަނެއްހާ ރުފިޔާ ފޭރިގެންފައިވާ މައްސަލާގައި އޭނާ ވިދާޅުވި އެވެ.
އިންތި ވިދާޅުވި ގޮތުގައި، މިހާ ބިރުވެރި މިހާ ނާމަން ރާއްޖެއެއް މި ފަހުގެ ތާރީޚުގައި އޭނާގެ ހަނދާނުގައި ވެސް ފެނިވަޑައެއް ނުގަންނަވަ އެވެ. އެގޮތުން އެއް ވެރިކަމެއްގައި، މިހާ ގިނަ އަދަދެއްގެ ބަޔަކު މަރައި ކޮށައިލި ދުވަސްތަކެއް ތާރީޚުގައި ވެސް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައިތުލްމާލަށް މިވަރުގެ ގެއްލުން ދިން ސަރުކާރެއް ތާރީޚުގައި ވެސް ދެކެފައެއް ނުވޭ. އަދި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ ދެ ފަނޑިޔާރަކު ދަމާ ކޫއްތާފައި ގެންދިޔަ ސަރުކާރެއް ވެސް ނުދެކެން،" ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނާއި ސިފައިންނާއި ފުލުހުންގެ ކޮމިޝަނަރުކަން ކުރެއްވި ބޭފުޅުންނާއި ފުލުހުން ޖަލަށްލި ވެރިކަމެއް ދުވަހަކު ވެސް ދެކިފައި ނުވާ ކަމަށެވެ.
"ގައުމު މިވަނީ ސުންނާފަތި ކޮށްފައި. ނަމަވެސް މި ދައުލަތް ސަލާމަތް ކުރެވޭނެ. އަޅުގަނޑުމެންނަށް ކާމިޔާބު ހޯދޭނެ،" އިންތި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމަ
28 April 2018
ސަރުކާރު ޖަވާބުދާރީ ކުރުވޭތަ އެބަ ތިޔަހެން އަގަ ތަޅުވައިގެން ވާކަމެއް އޮވޭބާ
އިސްމާޢީލް
28 April 2018
އިންތި ޒިންމާދާރަެތޯ އެއީ ކޮއްޗެއްތޯ. އެނގޭތޯ