ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ފުވައްމުލަކަށް ވަޑައިގަންނަވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ސިޓީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް މިހާތަނަށް ނުފުއްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ، ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ނަމަވެސް ފަހުން އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ޝާހް އެހެން ވިދާޅުވިއިރު، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މިއަދު ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ. އަދި އަންނަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްގެ ޖަލްސާއެއް ފުވައްމުލަކުގައި ބާއްވާނެ އެވެ.
އިދިކޮޅު ފަރާތްތަކުން، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހް ވިދާޅުވީ ފުވައްމުލަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި އެ ސިޓީ އަށް ސަރުކާރުން ވައުދު ވެފައިވާ ކަންކަން ފުއްދައި ނުދޭ ކަމަށެވެ.
ރަށް ގިރުމުގެ މައްސަލަ ފުވައްމުލަކަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށާއި އެއީ ވަށައިގެން ބިޔަ ރާޅު ނަގާ ރަށަކަށްވުމާ އެކު، އެ ރަށް ދެމިއޮންނާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން ހައްލު ކުރުމަށް ފުވައްމުލަކުގައި ލުމަށް ނިންމާފައިވާ ތޮށިގަނޑުގެ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށް ޝާހް ވިދާޅުވި އެވެ. އަދި އެއީ ނެދަލެންޑުގެ ހިލޭ އެހީ ވެސް ލިބިފައިވާ މަޝްރޫއެއް ކަމަށް އޭނާ ވިދޅުވި އެވެ.
"މިއީ ޕީޕީއެމްގެ ރިޔާސީ ވައުދެއް. ފުވައްމުލަކަށް ވަޑައިގަންނަވާ [ސަރުކާރުގެ] ބޭފުޅުން ޖަވާބުދާރީވާން ޖެހޭ މިކަމަށް،" ޝާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ނުނިމިވާއިރު އެ ސިޓީގެ ޒުވާނުން ކުޅިވަރު ކުޅެލާނެ ދަނޑެއް ވެސް ނެތެވެ. އަދި ޔޫތު މިނިސްޓްރީގެ ސަމާލުކަމަށް އެކަން ތަކުރާރުކޮށް ގެނެސްފައިވާނެ ކަމަށް ޝާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފުވައްމުލަކުގައި ނަރުދަމާ އެޅުމުގެ މަޝްރޫއަށް އެހެން ސަރުކާރުތަކުން ބަޖެޓު ހޯދާފައިވާއިރު، އެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރަށް އަދިވެސް ނިންމާ ނުލެވޭ ކަމަށެވެ. ހަތަރު އަހަރު ވެގެން ދިޔައިރު އެ މަޝްރޫއު ނުނިމި އޮތުމަކީ ފުވައްމުލަކުގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.
އޭނާ ވަނީ ފުވައްމުލަކުގެ ރައްޔިތުންނަށް، އިތުރު ހުވަފެން ދެއްކުމުގެ ބަދަލުގައި މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ފުވައްމުލަކުގެ ތަރައްގީގެ މަޝްރޫތައް އިފްތިތާހު ކުރުމުގެ ނަމުގައި މީގެ ކުރިން އެ ސިޓީގައި ބޭއްވި ޖަލްސާ އަށް މީހުން ގެންދިޔައީ ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުންނާއި އެ މީހުންގެ އާއިލާތަކަށް މަޖުބޫރު ކޮށްގެން ކަމަށް ވެސް ޝާހް ވިދާޅުވި އެވެ. އަދި އެކަން މިހާރު ތަކުރާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.