ގއ. ވިލިނގިލީގައި ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ އިންނެވި ކާރެއް އެކްސިޑެންޓުވެ މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.
މެންދުރު ފަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ ވިލިނގިލި މިސްކިތެއްގެ މުދިމަކަށް އުޅޭ އުމުރުން 23 އަހަރުގެ ޒުވާނަކަށެވެ. ސައިކަލުގައި އިން އެ ޒުވާނާގެ ބޮލަށް އަނިޔާވެ ގއ. އަތޮޅު ހޮސްޕިޓަލުން ވެސް ފަރުވާ ދިނެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، އެ ޒުވާނާގެ ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެކްސްރޭ ވެސް ނަގާފައިވާ ކަމަށާއި ސީރިއަސް ކަމެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުނީ މެންދުރު 2:45 ހާއިރު އެ ހާދިސާ ހިނގީ ރަށުގެ އަމީނީ މަގުން، އަތޮޅު ވެހި ކައިރީ ކަމަށެވެ. ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށް، ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"މި ރަށުގެ ޓެކްސީ ސެންޓަރުގެ ކާރެއް، މިނިސްޓަރު ބޭނުން ކުރެއްވުމަށް ކުއްޔަށް ހިފީ. ރަށުގެ އަމީނީ މަގުން، އަތޮޅުވެހި ކައިރީގައި އެ ހާދިސާ ހިނގީ. ކާރު ދުއްވަން އިނީ ފުލުހެއް. އެ ކާރާ ދިމާއަށް ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލާއި ކާރު މިޖެހުނީ. ބޮޑަށް ބެލެވެނީ މިނިސްޓަރު އަތޮޅު ވެއްސަށް ވަޑައިގަންނަވަން އުޅެނިކޮށް ހިނގި ކަމެއް ހެން،" ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ޒެނީޝާ ވިލިނގިއްޔަށް ވަޑައިގެން އުޅުއްވަނީ ރަސްމީ ދަތުރެއްގަ އެވެ.