ނޫސްވެރިން ތިބީ ބިރުވެރިކަމެއްގައި، މިނިވަންކަމެއް ނެތް: މީޑިއާތައް

ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ނެތް ކަމަށާއި ނޫސްވެރިން މަސައްކަތް ކުރަމުން ދަނީ ބިރުވެރި މާހައުލެއްގައި ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު ބުނެފި އެވެ.


ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަ ކުރާއިރު ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ މި ފަހަރު ވެސް ދިޔައީ ފަހަތަށެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން މިދިޔަ ހަފްތާގައި ނެރުނު މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާ ގޮތުން މިދިޔަ އަހަރަށް ވުރެ ތިން ދަރަޖަ ދަށަށް ގޮސް، ރާއްޖެ މިހާރު ވަނީ 120 ވަނަ އަށް ވެއްޓިފަ އެވެ.

ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވީ މީޑިއާގެ ސީއޯއޯ، މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ފިއްތުންތަން ބޮޑުވެގެން ގޮސް ނޫސްވެރިންގެ ޖޯޝާއި ފޯރި މުޅިން ގެއްލިފައިވާ ކަމަށެވެ. އެހެންވެ، މޮޅެތި އުފެއްދުންތައް އުފައްދަން މަސައްކަތް ކުރާ ނޫސްވެރިން މަދުވުމަކީ ބޮޑު ހިތާމައެއް ކަމަށް މޮންދު ވިދާޅުވި އެވެ.

"ސިޔާސީ ފިއްތުންތައް ބޮޑު ކަމުންނާއި މައުލޫމާތު ލިބުން ދަތިވެގެން ގޮސް ނޫސްވެރިކަން ކުރަން ނޫސްވެރިން ފޫހިވެއްޖެ. ހަމައެއާއެކު ބިރުވެރިކަން އެހާ ބޮޑު،" މީޑިއާ ހިންގެވުމުގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

އަބުރުގެ ގާނޫނެއް ހަދާފައިވާއިރު އެ ގާނޫނުގެ ދަށުން މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދިއުމަކީ ވެސް މީޑިއާތަކަށް އޮތް ގޮންޖެހުމެއް ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. އަބުރުގެ ގާނޫނުގެ ދަށުން މީގެ ކުރިން ރާއްޖެ ޓީވީ ތިން ފަހަރު، އަދި ސަންގު ޓީވީ އާއި ވީ މީޑިއާ އެއްފަހަރު ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ.

މޮންދު ވިދާޅުވީ އެ ގޮންޖެހުންތަކާ އެކު އިވެންޓެއް ލައިވް ކުރުން ވެސް ނަފްސާނީ ބިރުވެރި ކަމަކަށް ބަދަލުވެއްޖެ ކަމަށެވެ.

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން-- އެމްއެމްސީ

ވީއެފްޕީގެ ސީނިއާ އެޑިޓަރު މިސްބާހް އައްބާސް ވިދާޅުވީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ނޫސްވެރިންނަށް ކުރިމަތި ކުރުވާ އެކިއެކި ގޮންޖެހުންތަކާ އެކު ނޫސްވެރިން ތިބީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ.

ނޫސްވެރިން ފިޔަވައި ހައްގުތަކަށް ވަކާލާތު ކުރާ އެއްވެސް ބައެއް ރާއްޖޭގައި ނެތް ކަމަށާއި ގޮންޖެހުންތަކާއެކު ވެސް ނޫސްވެރިން ބުރަކޮށް މަސައްކަތް ކުރާ ކަމަށް މިސްބާހް ވިދާޅުވި އެވެ.

އެކަމަކު ސަން މީޑިއާގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތް ކަމަށެވެ. ކޮންމެ މީޑިއާއަކުން ވެސް މަސައްކަތް ކުރަމުން އަންނަނީ އެ ބަޔަކަށް ގަބޫލް ކުރާ މިންގަނޑުގެ ތެރޭގައި ކަމަށް ސިނާން ވިދާޅުވި އެވެ.

"ކޮންމެ ގައުމެއްގައި ވެސް ނޫސްވެރިކަމަށް ގޮންޖެހުންތައް ހުންނާނެ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ އަދި ނޫސްވެރިކަމުގެ ތަޖުރިބާ މަދު ނޫސްވެރިން ގިނަ ގައުމެއްގައި އެއްވެސް ހައްދެއް ނެތް ގޮތެއްގައި ނޫސްވެރިކަމުގެ މިނިވަންކަން ލިބުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫން،" ސިނާން ވިދާޅުވި އެވެ.

ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަ ކުރައްވަމުން ސިނާން ވިދާޅުވީ އެކަންކަން ދިމާވަނީ ބައެއް މީޑިއާތަކުން ނޫސްވެރިކަމުގެ މިނިވަންކަން އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރާތީ ކަމަށެވެ. އެކަންކަމުގެ ސަބަބުން މިނިވަން ނޫސްވެރިކަން ކުރަން ބޭނުންވާ މީޑިއާތަކަށް އެފުރުސަތު ގެއްލޭ ކަމަށް ސިނާން ވިދާޅުވި އެވެ.

ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރަން ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމުގެ އިތުރުން މީޑިއާތައް ރެގިއުލޭޓް ކުރުމަށް ދައުލަތުން ދެ މުއައްސަސާއަކަށް އަންނަނީ ބޮޑެތި ހަރަދުތައް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން އެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: މިހާރު

މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ މޮންދު ވިދާޅުވީ ނޫސްވެރިކަން ހިމާޔަތް ކުރަން އެ ދެ މުއައްސަސާއިން އެއްވެސް ވަރަކަށް ވަކާލާތުކޮށް މަސައްކަތް ކުރާތަން މިހާރު ނުފެންނަ ކަމަށެވެ.

"ނޫސްވެރިންގެ މިނިވަން ދުވަހު ހަފްލާއެއް ބައްދަލުވުމެއް ވެސް ބާއްވާލަން [އެ މީހުންނަކަށް] ނުކެރޭ. ނޫސްވެރިންނާ ބައްދަލުކޮށްލަން ކަމެއް ރާވާލާކަށް ނުކެރޭ،" މޮންދު ވިދާޅުވި އެވެ.

މީގެ ކުރީގެ އަހަރުތަކުގައި މީޑިއާ ކައުންސިލުން އަންނަނީ ނޫސްވެރިކަމުގެ މިނިވަން ދުވަހާ ގުޅުވައިގެން ނޫސްވެރިންގެ އަގުވަޒަން ކުރުމަށް އެވޯޑް ދެމުންނެވެ. ނަމަވެސް މިދިޔަ އަހަރު އެ ހަފްލާ އަހަރު ފަހުކޮޅު ބޭއްވިއިރު މި އަހަރު އަދި އެ ހަފްލާ އިއުލާނެއް ނުކުރެ އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ މިސްބާހް ވިދާޅުވީ މުއައްސަސާތައް ފަންކްޝަން ކުރުމަށް ބަޖެޓުގެ ދަތިކަމާއި ގޮންޖެހުންތައް ވެސް ގިނަ ކަމަށެވެ. އޭނާ ނިސްބަތްވާ މީޑިއާ ކައުންސިލުން މަސައްކަތް ކުރަން އުޅޭ ކަމަށާއި ނަމަވެސް ބާރުތަކެއް ލިބިފައިނުވާތީ އެކަންތައްތައް ނުވެގެން އުޅެނީ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނަ އިރު، އެ މުނާސަބާއާ ގުޅިގެން މި އަހަރު އެއްވެސް ކަމެއް އަދި ނެތެވެ.