ޚަބަރު / ފާރިސް މައުމޫން

ޓެރަރިޒަމްގެ ދައުވާއަކީ މީހަކަށް ފެނުނު ހުވަފެނެއް، ދައުވާ އަށް އިންކާރު: ފާރިސް

ފާރިސް: ޓެރަރިޒަމްގެ ދައުވާ ސިފަވަނީ މީހަކަށް ފެނުނު ހުވަފެނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، އޭނާ ވަނީ ދައުވާ އަށް އިންކާރު ކުރައްވާފައި--ފޮޓޯ/މިހާރު

އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ސިފަ ވަނީ މީހަކަށް ފެނުނު ހުވަފެނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، އޭނާގެ މައްޗަށް ކޮށްފައިވާ އެ ދައުވާ އަށް ކްރިމިނަލް ކޯޓުގައި މިއަދު އިންކާރު ކުރައްވައިފި އެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ފާރިސަށް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މިއަދު ބޭއްވި އެ މައްސަލައިގެ ދެ ވަނަ އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވަނީ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެ، ސުވާލުތަކެއް ދައުލަތާ ކުރިމަތި ކުރައްވައިފަ އެވެ.

ފާރިސްގެ ވަކީލުންގެ ސުވާލަށް ދައުލަތުން ޖަވާބު ދިނުމުން ފާރިސަށް ގާޒީ އަހުމަދު ހައިލަމް އެންގެވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ދައުވާ އަށް އިންކާރު ކުރުން ނުވަތަ އިއުތިރާފްވުން، ދެ ގޮތުން ކުރެ ގޮތެއް އިހްތިޔާރު ކުރެއްވުމަށެވެ.

ޖަވާބު ދެއްވުމުގެ ގޮތުން ފާރިސް ވިދާޅުވީ ދައުވާގައި ސާފުނުވާ ކަންކަން އެބަހުރި ކަމަށާއި އޭނާ އަށް އެ ދައުވާ ސިފަ ވަނީ މީހަކަށް ފެނުނު ހުވަފެނެއްގެ ގޮތުގައި ކަމަށެވެ. އަދި ދުވަހަކު ވެސް ޖިނާއީ ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވެ، ދައުވާ އަށް އިންކާރު ކުރައްވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

"އެ ދައުވާގައި ހިމެނޭ ކަންކަމާއި ނުހިމެނޭ ކަންކަމަށް ވެސް އަޅުގަނޑު އިންކާރު ކުރަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ކުރާ ދައުވާގައިވާ ގޮތުން 2013 އިން ފެށިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލަން އުޅުމުގެ އިތުރުން ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ވެސް ފާރިސް ބައިވެރިވި ކަމަށް ދައުވާގައިވެ އެވެ. އަދި އެ އަމުރު ނެރުމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ލައްވައި، ބައެއް ފުލުހުން މަގުމައްޗަށް ނެރެގެން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް ދައުވާގައިވެ އެވެ.

ދައުލަތުން ދައުވާ އިއްވުމުން ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފަނޑިޔާރުންނަށް ފާރިސް ރިޝްވަތު ދިން ކަމަށް ދައުވާގައި ބުނާ އިރު، ރިޝްވަތު ދިނީ ކޮން ފަނޑިޔާރުންތަކަކަށް ކަން އެ ދައުވާގައި ބުނެފައި ނެތް ކަމަށާއި އެހެން ވީއިރު، ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނަނީ ރާއްޖޭގެ ހުރިހާ ފަނޑިޔާރުންނަށްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ. އަދި އަރީފް ލައްވައި، ފުލުހުންތަކެއް ނެރެގެން ހަމަނުޖެހުން ހިންގަން އުޅުނު ކަމަށް ބުނާ އިރު، ހަމަނުޖެހުން ހިންގަން އުޅުނީ ކިހިނެއް ކަން ދައުވާގައި ނެތުމުން ވެސް އެކަމާ މެދު ޝަމީލް ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ ހުރިހާ ވާހަކަތަކެއް ދައުވާގައި ހިމަނަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަން އެގޮތަށް ކުރަން ގާނޫނީ ގޮތުން ލާޒިމްނުވާ ކަމަށެވެ. ފާރިސް ރިޝްވަތު ދިނީ ވަކި ފަނޑިޔާރުންތަކަކަށް ކަމަށާއި އެކަން ހެކިންގެ ބަހުން ސާބިތުވާނެ ކަމަށް ނައުޝާދު ވިދާޅުވި އެވެ.

ވެރިކަން ވައްޓާލުމުގެ ހަގީގީ އެއް މޭސްތިރިއަކީ ފާރިސް ކަމަށް ވިދާޅުވެ، ވަކީލު ނައުޝާދު ވިދާޅުވީ ފާރިސްގެ ނިޔަތަކީ އެކަމުގައި ބައިވެރިވި އެހެން ފަރާތްތަކާ ގުޅިގެން ސަރުކާރު ވައްޓާލުމަށް ފަހު އެ މީހުން ބޭނުންވާ ވަކި މީހަކު ވެރިކަމަށް ގެނައުން ކަމަށެވެ.

ފާރިސްއާ ދެކޮޅަށް 32 ހެއްކެއް

ފާރިސް ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ފާރިސްއާ ދެކޮޅަށް ޖުމްލަ 32 ހެއްކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ސިއްރު 17 ހެކިވެރިއަކާއި ހަތް ފުލުހަކާއި ހަތަރު ސިއްރު ލިޔުމެއްގެ އިތުރުން އިތުރު ބައެއް ހެކިތަކެއް ވެސް ހިމެނެ އެވެ. ސިއްރު ހެކިވެރިންނަކީ ފާރިސް ރިޝްވަތު ދިން ކަން ސާބިތު ކުރުމަށާއި ސަރުކާރު ވައްޓާލަން ވާހަކަ ދެއްކި ކަން ސާބިތު ކުރުމުގެ އިތުރުން ހަމަނުޖެހުން ހިންގަން އުޅުނު ކަން ސާބިތުކުރަން ހުށަހެޅި ހެކިންނެވެ.

ގާޒީ ހައިލަމް ވިދާޅުވި ގޮތުގައި ސިއްރު ހެކިވެރިން ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން ކުރިން އެދިފައިވާތީ، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ކޯޓުން ކުރިން އޮތީ އެކަމަށް ވަގުތީ އަމުރެއް ނެރެފަ އެވެ. އަދި އެ އަމުރުގެ ކޮޕީއެއް ފާރިސްގެ ވަކީލުންނަށް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދިފާއީ ހެކިން ހުށަހެޅުމަށް ފާރިސަށް ފުރުސަތު ދެއްވުމުން ފާރިސްގެ ވަކީލުން އެދިވަޑައިގަތީ އެކަމަށް ހަތް ދުވަހުގެ ފުރުސަތެއް ދެއްވުމަށެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދޭން ވެސް ވަކީލުން އެދިވަޑައިގަތެވެ.

އެކަމަކު ގާޒީ ހައިލަމް ނިންމެވީ އެ ފުރުސަތު ދެވޭނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކަމަށާއި އެ ދުވަހު ދެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ އިތުރުން ފާރިސްގެ ފަރާތުން ދިފާއީ ހެކިން ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އޭގެ ފަހުން އިތުރު ފުރުސަތެއް އެކަމަށް ނުދެވޭނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

އެގޮތަށް ގާޒީ ނިންމެވުމުން ފާރިސްގެ ވަކީލުން ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި، ވާހަކަ ދައްކަވައިފަ އެވެ. ވަކީލު ޝަމީލް ވިދާޅުވީ ފާރިސް ބަންދުގައި ހުންނެވުމުން އޭނާއާ ބައްދަލުކޮށް، މަޝްވަރާ ކުރަން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުށަހެޅުންތަކާއި ދިފާއީ ހެކިން ހުށަހަޅަން ދަތިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ. އަދި ސިއްރު ހެކިން ތިބި އިރު، އެ މީހުންނަކީ ފާރިސްއާ އަދާވާތްތެރި ކަމެއް އޮތް ބައެއް ކަމަށް ވެދާނެ ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.

ޖަވާބުގައި ގާޒީ ހައިލަމް ވިދާޅުވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ތައްޔާރުވުމަކީ ތަހުގީގު މަރުހަލާ އިން ފެށިގެން ވެސް ކުރެވޭނެ ކަންކަން ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި ވެސް ފާރިސްގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވީ މިހާރު ވެސް ހަރަކާތްތެރިވާ ވަކީލުން ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

ގާޒީ އެގޮތަށް ވިދާޅުވުމުން ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލު މުހައްމަދު ފައިސަލް ވެސް ތަހުގީގު މަރުހަލާއަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ތައްޔާރުވާން ޖެހޭ މަރުހަލާއެއް ނޫން ކަމަށާއި ދައުވާއެއް އުފުލާނެ ކަން ނުވަތަ ނޫންކަން ވެސް އެ މަރުހަލާގައި ނޭނގޭނެ ކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ ކަން ފާހަގަ ކުރައްވައި، ފައިސަލް ވިދާޅުވީ އެފަދަ ދައުވާއަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ.

"މިހިރީ މި މައްސަލާގައި ހުރި ލިޔުންތައް، މި ހުރިހާ އެއްޗެއް ދިރާސާކޮށްފައި ބުރާސްފަތި ދުވަހާ ހަމައަށް ތައްޔާރުވުމަކީ މިހާރު ލިބޭ ވަގުތުތައް ހުރި ގޮތުން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން،" ގިނަ އަދަދެއްގެ ލިޔުންތައް ހިމެނޭ ކަޅު ފައިލެއް ދައްކާލައްވަމުން ފައިސަލް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ފާރިސަށް ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ކޯޓުން އަންގާނެ ކަމަށެވެ. އެކަމަކު ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމުގައި ހުށަހެޅުންތައް ހުށަހެޅުމާއި ދިފާއީ ހެކި ހުށަހަޅަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ އިތުރުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މަޖިލީހުގެ އިތުރު ތިން މެމްބަރަކާއި ކުރީގެ ސީޕީ އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެ ބޭފުޅުންނަށް ކުރާ ދައުވާތައް ވެސް ކޯޓުން ކުރިން ވަނީ ފަށައިފަ އެވެ.

1 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 28%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތައްޚާނުބޭ

06 May 2018

"ވެރިކަން ވައްޓާލުމުގެ ހަގީގީ އެއް މޭސްތިރިއަކީ ފާރިސް ކަމަށް ވިދާޅުވެ، ވަކީލު ނައުޝާދު ވިދާޅުވީ" ވެރިކަން ވައްޓާ ނުލަނީސް ވެރިކަން ވައްޓާލުމުގެ ދައުވާއެއް ނުކުރެވޭނެއެވެ. ވެރިކަން ވައްޓާލީ ކާކުތޯ؟ ކޮންބައެއްތޯ ދިފާއީވަކީލުން ، ސަރުކާރުގެ ވަކީލާ ސުވާލު ކުރަން ޖެހެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454