ނަދީމްގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުވި ސަބަބު ކޯޓުން ސާފުކޮށް ދެނީ

ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުވި ސަބަބު ނަދީމްގެ ވަކީލުންނަށް ސާފުކޮށްދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.


މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ނަދީމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުވި ސަބަބު ނަދީމްގެ ވަކީލުންނަށް ސާފުކޮށްދޭން ކްރިމިނަލް ކޯޓުން ނިންމީ މިއަދު ބޭއްވި އަޑުއެހުމުގައި އެކަން ނަދީމްގެ ވަކީލުން ފާހަގަ ކުރުމުންނެވެ.

ނަދީމްގެ ވަކީލުންގެ ޓީމުން ވަނީ އިޖްރާއީ ނުކުތާއެއް ނަގައި، ގާޒީ ބަދަލުވި ސަބަބު ސާފުކޮށްދޭން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން ގާޒީ ބަދަލުވެއްޖެ ނަމަ އެކަން ދެ ފަރާތަށް ވެސް އަންގަންޖެހޭނެ ކަމަށާއި އެކަމަކު ގާޒީ ބަދަލުވި ސަބަބު ނަދީމަށް އަންގާފައި ނެތް ކަމަށް ބުނެ، އަޑުއެހުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވަކީލުން ބުންޏެވެ.

މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަހުމަދު ހައިލަމް ކަމަށް ވިޔަސް، ނަދީމްގެ ވަކީލުން ބުނިގޮތުގައި ކުރިން ހަވާލުވެ ވަޑައިގެން ހުންނެވީ ގާޒީ ހުސައިން ޝަހީދެވެ.

ނަދީމްގެ ވަކީލުން ނެގި އެ ނުކުތާއާ ގުޅިގެން ގާޒީ ހައިލަމް ނިންމެވީ ގާޒީ ބަދަލުވި ސަބަބު ސާފުކޮށް ދިނުމަށެވެ. އަދި އެކަން ނަދީމްގެ ވަކީލުންނަށް އެންގުމަށް ފަހު ފަހުން އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ މިއަދު އިތުރަށް ކުރިއަކަށް ނުގެންދެ އެވެ.

ނަދީމްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަދީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުުގެ ހަތަރު މެމްބަރަކަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެ ބޭފުޅުންގެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.