ޖަލުގައި މައުމޫނަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ ކަންބޮޑުވޭ: ވަކީލް

ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު އިއްޔެ ވެސް ގޯސްވެ، ފަރުވާދޭން ޖެހުނު ކަމަށާއި ޖަލުގައި އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ އާއިލާ އާއި ވަކީލުން ކަންބޮޑުވާ ކަަމަށް ވަކީލް މުުހައްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.


ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައުމޫނަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެވަޑައިގެންފަ އެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެމަނިކުފާނު ގެންދަވަނީ، "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އަށް ފަރުވާ ހޯއްދަވަމުން ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މައުމޫން ޖަލަށް ލީ ފަހުން، އެ މައްސަލަ ބޮޑުވެ، އެމަނިކުފާނާއެކު އަރިހުގައި އަބަދުވެސް މީހަކު ބެހެއްޓުމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. އެއީ، ވާޓިގޯ އެޓޭކަކާ އެކު މައުމޫންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ކަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވައި، ވަކީލް ވިދާޅުވި އެވެ.

އެ ބަލީގެ ސަބަބުން، ބޮލަށް ގެންނަ ހަރަކާތަކާ ގުޅިގެން ވެސް ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އެ ގޮތަށް ވެއްޓޭ އިރު އެހީތެރިވޭނެ މީހަކު ކައިރީގައި ނެތް ނަމަ ފުރާނަ އަށް ގެއްލުންވުމުގެ ފުރުސަތު އޮވެ އެވެ.

"ފަރުވާގެ ގޮތުގައި ޑޮކްޓަރު ވަނީ ވަކި ކަންތައްތަކެއް ގަވާއިދުން އެމަނިކުފާނު ކުރައްވަން އިރުޝާދު ދެއްވާފައި. ޖަލުގައި ހުންނަވައިގެން، އެ ކަސްރަތުތަކާއި އެހެން ފަރުވާތައް ވެސް ކުރިއަކަށް ނުގެންދެވޭ. އެންމެ ބޮޑު ކަންބޮޑުވުމަކީ، އެކަނި އެގޮތަށް ހުންނަވަން ޖެހިވަޑައިގަތުމަކީ ފުރާނަފުޅަށް ނުރައްކާ އޮތް ކަމަކަށް ވުން،" ވަކީލް ވިދާޅުވި އެވެ.

މައުމޫންގެ ހާލުކޮޅު ގޯސްވެފައިވާތީ، އެމަނިކުފާނުގެ އަރިހުގައި ފުލުހަކު ބަހައްޓާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އެއީ ހައްލެއް ނޫން ކަމަށެވެ. އެމަނިކުފާނަށް ބޭނުންފުޅު ވަނީ، އާއިލާގެ ބޭފުޅެއްގެ އެހީތެރިކަން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި އެ ހާލަތާ ގުޅިގެން، ގޭބަންދަށް ބަދަލުކޮށްދޭން މައުމޫނާއި އާއިލާ އިން ވެސް ވަނީ ތަކުރާރުކޮށް މުއައްސަސާތަކަށް ސިޓީ ހުށަހަޅައިފަ އެވެ. އެކަމަކު، މިހާތަނަށް، ފުލުހުންނާއި އެޗްއާރުސީއެމާއި ކޯޓުން ވެސް އެދެވޭ ޖަވާބެއް ނުލިބޭކަމަށް ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައުމޫން ގޭބަންދަށް ބަދަލުކޮށްދޭން ދެކޮޅު ހަދައި ދައްކަމުންދަނީ، މުޖުތަމައަށް ނުރައްކާވުމާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމެވެ. އެކަމަކު، މައުމޫނާ ދެކޮޅަށް ހުށަހަޅާފައިވާ ހުރިހާ ހެއްކަކީ ވެސް ސިއްރު ހެއްކަށްވާއިރު، އެމަނިކުފާނު ނުފޫޒު ފޯރުއްވަނީ ކިހިނެއްތޯ ފައިސަލް ސުވާލު އުފެއްދެވި އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ. އެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.