އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ހަރަކާތެއް ބާއްވަނީ

ޑްރައިވިން ލައިސަންސް އެއް ދުވަހުން ލިބޭ ހަރަކާތެއް ކުރިއަށް ގެންދަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.


އެ އޮތޯރިޓީގައި ބޭއްވި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ، "އެއް ލަކިން މަށަށް ލައިސަންސް" ނަމުގައި ކުރިއަށް ގެންދާ ހަރަކާތް މި މަހު މާލޭގައި އޮންނާނެ ކަމަށެވެ. އެ އަށް ފަހު، ރާއްޖޭގެ އެކި ރަށްރަށުގައި ވެސް، އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ޒުވާނުންނަށް ޚާއްސަ ކޮށްފައިވާ އެ ޕްރޮގްރާމް ބާއްވާނެ ތަނާއި ދުވަސްތައް އަންނަ ހަފުތާގައި އިއުލާން ކުރާނެ އެވެ.

މިހާރު އޮންނަ ގޮތުން ލައިސަންސް ނެގުމަށްޓަކައި ތިއަރީ އަދި ވެހިކަލް ދުއްވުމުގެ ޓެސްޓް ހަދަން ހަފުތާ އަކަށް ވުރެ ގިނަ ދުވަސް ނަގަ އެވެ. އެކަމަކު ޓްރާންސްޕޯޓުން ކުރިއަށް ގެންދަން ނިންމާފައިވާ އާ ހަރަކާތުގެ ތެރެއިން ލައިސަންސް ނަގާނަމަ އެއް ދުވަސް ތެރޭގައި އެ ހުރިހާ ކަމެއް ނިމޭނެ އެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ވެސް ލައިސަންސް ލިބޭނީ ތިއަރީ ޓެސްޓު ހަދައި އަދި ވެހިކަލް ދުއްވުމުގެ ޓެސްޓަށް ފަހު އެވެ.

"ކުރީގައި ވެސް އޮންނަ އުސޫލުން ތިއަރީ ޓެސްޓެއް ހަދައި ޑްރައިވިން ޓެސްޓެއް ހެދުމަށް ފަހު، ވަކި ވަރަކުން މަތިން މާކްސް ލިބޭ ނަމަ ލައިސަންސް ލިބެނީ. އެ ޕްރޮގްރާމްގައި ވެސް ތިއަރީ އާއި ޑްރައިވިން ޓެސްޓް ހެދުމަށް ފަހު ލައިސަންސް ލިބޭނީ،" އަބްދުﷲ ވިދާޅުވި އެވެ.

"ގާނޫނާއި ގަވާއިދުގައި އޮންނަ ގޮތަށް ކަންތައްތައް ކުރާނީ. އެކަމަކު ތަފާތަކީ، ކިއުގައި މަޑުކުރުމެއް ނެތި އެއް ދުވަހުގެ ތެރޭގައި ލައިސަންސް ލިބުން. މިއީ ޒުވާނުންނަށް ހާއްސަ ޕްރޮގްރާމަކަށް ވިޔަސް ހުރިހާ އުމުރު ފުރައަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ."

ދިވެހިންނަށް ޚާއްސަ ކޮށްފައިވާ މި ޕްރޮގްރާމްގައި، ސައިކަލް ލައިސަންސްގެ އިތުރުން ކާރާއި ޕިކަޕްގެ ލައިސަންސް ވެސް ނެގޭނެ އެވެ.

އަބްދުﷲ ވިދާޅުުވީ، "އެއް ލަކިން" ޕްރޮގްރާމްގައި ބައިވެރިވެވޭނީ އެކަމަށް ޚާއްސަ ފޯމަކުން ކަމަށެވެ. ޕްރޮގްރާމް ބާއްވާ ތަނުން ފޯމް ދޫކުރާއިރު، ދެން ފުރަން ޖެހޭނީ ޑްރައިވިން ލައިސަންސް އަށް އެދޭ ފޯމެވެ. ފައިސާ ބަލައިގަތުމާއި ރެވެނިއު ސްޓޭމްޕް ވެސް އެ ޕްރޮގްރާމް ބާއްވާ ތަނުން ގަންނަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ، މިހާރު އޮންނަ އުސޫލުގެ ތެރެއިން ތެއަރީ ޓެސްޓަށް ފަހު ޑްރައިވިން ޓެސްޓް ހެދުމަށް ދުވަސްތަކެއް ނަގާ ކަމަށެވެ. އެހެންވެ ޒުވާނުންނަށް އުނދަގޫތަކާއި ދަތިތަކެއް ދިމާވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރަފީއު ވިދާޅުވީ އެ ޕްރޮގްރާމްގެ ތެރެއިން ޑްރައިވިން ޓެސްޓު ވެސް ކުރިއަށް ގެންދާނީ، މިހާރު އޮންނަ ގޮތަށް ވުރެ ފަސޭހަ އުސޫލަކުން ކަމަށެވެ.