ތައިލެންޑްގެ ފީފީ އައިލެންޑްގައި އިއްޔެ ހުޅުވި މެރިން ޑިސްކަވަރީ ސެންޓަރާއެކު، މި އަހަރުގެ ފަހުކޮޅު، އެނބޫދޫ ފިނޮޅުގައި ވެސް އެފަދަ ސެންޓަރެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ދުނިޔޭގެ މަޝްހޫރު ކުންފުނި ސިން އެސްޓޭޓް އިން އިއްޔެ ހުޅުވި މެރިން ޑިސްކަވަރީ ސެންޓަރުގެ އެންމެ ބޮޑު ބޭނުމަކީ ކަނޑުގެ ދިރުންތަކާ ގުޅޭ މައުލޫމާތު ޓޫރިސްޓުންނަށް ދީ ހޭލުންތެރި ކުރުވުމެވެ. އަދި ކަނޑުގެ ދިރުންތަކުގެ މުހިންމުކަން ވެސް މި ސެންޓަރުން އާންމުންނަށް ކިޔައިދޭނެ އެވެ.
ފީފީ އައިލެންޑް ވިލެޖްގެ ގޮނޑުދޮށް ކައިރީގައި ހުޅުވި ސެންޓަރުގައި މިޔަރަށް ކާން ދީ ބެލެހެއްޓުމަށް 10 ފޫޓެއްހާ ބޮޑުމިނުގެ ޓޭންކެއް ބަހައްޓާފައިވެ އެވެ. ސެންޓަރުގެ އޮފިޝަލަކު ބުނީ އެއީ ފީފީ އައިލެންޑް ވިލެޖްގެ މަސްވެރިންތަކެއް ބޭނި މިޔަރުތަކެއް ކަމަށެވެ.
މެރިން ޑިސްކަވަރީ ސެންޓަރުން ކުރާ ކަމަކީ މިޔަރަށް ކާން ދީ ބޮޑު ކުރުމަށް ފަހު ކަނޑަށް ދޫކުރުމެވެ. އެތަނުން ހައެއްކަ މިޔަރު ވަނީ ކަނޑަށް ދޫކޮށްލައިފަ އެވެ.
މީގެއިތުރުން މެރިން ޑިސްކަވަރީ ސެންޓަރުގައި ވަނީ ކުދި ކުދި ކްލައުން ފިޝްއަށް ކާން ދީ ބޮޑު ކުރުމަށް ހާއްސަ ޓޭންކުތަކެއް ބަހައްޓައިފަ އެވެ. ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މަސްތަކަށް ވެސް ވަކި ވަރަކަށް ކާން ދީ ބޮޑު ކުރުމަށް ފަހު، ކަނޑަށް ދޫކޮށްލުމަށް ވަނީ ހަމަޖެހިފަ އެވެ.
ސެންޓަރުގައި ވަނީ ކްލައުން ފިޝް އާއި އެކި ބާވަތުގެ މިޔަރުތަކާއި ކަނޑުގެ ދިރުންތަކާ ބެހޭ ތަފާތު މައުލޫމާތުތައް ފެންނަން ހުންނާނެހެން ބަހައްޓައިފަ އެވެ. އަދި ފީފީ އައިލެންޑްގައި ޓޫރިސްޓުންނަށް މަގުބޫލު ތަފާތު މަންޒިލްތަކުގެ ތަފްސީލްތައް ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
ސިންހަ ސްޓޭޓްގެ ޗީފް ހޮސްޕިޓަލިޓީ އޮފިސަރު ޑާކް ކީ ކޫޕާ ވިދާޅުވީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އާންމުންނަށް ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު ފޯރުކޮށް ދިނުން ކަމަށެވެ.
އެގޮތުން ކްލައުން ފިޝް އާއި ކަނޑުގައި މިޔަރު އުޅޭ ގޮތާއި އާންމުންގެ ފަރާތުން ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުންތައް ސެންޓަރުން ކިޔައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތައިލެންޑްގައި ހުޅުވި ސެންޓަރަށް ވުރެ، ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައިވާ މެރިން ޑިސްކަވަރީ ސެންޓަރު ބޮޑުވާނެ ކަމަށެވެ. އަދި ސެންޓަރު ގާއިމުކުރުމަށް މެރިން ބައިލޮޖިސްޓުން ރާއްޖެ އަށް ދަތުރުތަކެއް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ތިމާވެށި ވަރަށް ރީތި، ވަރަށް ތަފާތު. ހާއްސަކޮށް ކަނޑުގެ އަޑި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަނޑުގެ ދިރުންތަކަށް ގެއްލުންވަމުން އަންނަކަން އާންމުންނަށް ކިޔައިދީ، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރަން އެ ކުންފުނިން މަސައްކަތްކުރަނީ އަންނަން އޮތް ޖީލުތަކަށް މިކަމުގެ ފައިދާ ހޯދައި ދިނުމަށެވެ.
ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ޔޫން އައިލެންޑް ކައިރީ ހައްދަމުން އަންނަ މުރަކަތައް ބަލައިލުމުގެ ފުރުސަތު ތައިލެންޑްގައި މެރިން ޑިސްކަވަރީ ސެންޓަރު ހުޅުވުމުގެ ކުރިން ލިބިފައިވެ އެވެ. މުރަކަ އާލާކުރުމުގެ ބޭނުމުގައި އެ ރަށް އޮންނަނީ ޓޫރިސްޓުންނަށް ނުދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
ރާއްޖޭގެ ފަރުތަކޭ އެއްގޮތަށް، ފިފީ އައިލެންޑްގެ ފަރުތައް ވެސް ޓޫރިސްޓުންގެ މެދުގައި މަގުބޫލެވެ. އެކަމަކު، ޓޫރިސްޓުންގެ އަމަލުތަކުގެ ސަބަބުން ފަރުތައް ހަލާކުވަމުން އަންނާތީ ސިން އެސްޓޭޓް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތާއި ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތައް އާންމުންނަށް އޮޅުން ފިލުވައި ދިނުމުގެ ބޭނުމުގައި ދުނިޔޭގެ އެކިއެކިކޮޅުތަކުގައި އަންނަނީ މެރިން ޑިސްކަވަރީ ސެންޓަރުތައް ގާއިމުކުރަމުންނެވެ. ތައިލެންޑްގެ އިތުރުން މޮރިޝަސް އާއި ފިޖީގައި ވެސް މީގެ ސެންޓަރުތައް ހުރެ އެވެ.