ރޯދަ މަހާ އެކު އުފެދޭ ކުނި ގިނަވެ، ކުރިއަށް ވުރެ ގާތްގަނޑަކަށް 50 ޓަނު އިތުރުވެއްޖެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.
ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާންމު މަސް މަހު މާލެ އިން އުކާލަނީ ދުވާލަކު 70 އާއި 75 ޓަނުގެ ކުނި ކަމަށެވެ. ނަމަވެސް ރޯދަ މަސް ފެށުނު ފަހުން ދުވާލަކު އުކާލާ ކުނީގެ މިންވަރު 120 ޓަނާއި 140 ޓަނާ ދެމެދުގެ މިންވަރަށް އިތުރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އުކާލާ ކުނީގެ ތެރޭގައި ގިނައީ ކުނިވާ ޒާތުގެ އެއްޗެހީގެ އިތުރުން ލަކުޑި އާއި އިމާރާތް ތަޅާލައިގެން އުފެދޭ ގާކުނޑި ވެސް ހިމެނެ އެވެ.
"ކުރިން ދެ ކޮތަޅު ކުނި އާންމުކޮށް ބައެއް ގޭގެއިން އުކާލާއިރު މިހާރު ހަތަރު ކޮތަރު، ހަ ކޮތަޅުގެ ކުނި ގެއަކުން އުކާލަން ދޭ،" އޮފިޝަލް ވިދާޅުވި އެވެ.
މިއީ މާލޭ ސަރަހައްދުން ކުނި އުކާލުމުގެ ޒިންމާއާ ވެމްކޯ އިން ހަވާލުވި ފަހުން އައި ފުރަތަމަ ރޯދަ މަހެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދުވަހު ގިނަ ތަންތަނުން ކުނި އުކާނުލެވި، މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކުރި އެވެ.
ކުނި އުކާލުމުގައި އަދިވެސް މައްސަލަތައް ދިމާވެ އެވެ. އެހެންވެ ވެމްކޯއިން މިހާރު ވަނީ ރޯދަމަހު ކުނި ނަގަން ފުރަތަމަ ކަނޑައެޅި ގަޑި ވެސް އިތުރުކޮށްފަ އެވެ.
ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު ގަވައިދުން ކުނި ބަލައި ދާ ކަމަށެވެ.