މުހިއްމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމަށް އެދިއްޖެ

ޑޮކްޓަރަށް ދެއްކުމަށާއި މުހިންމު ބޭނުންތަކުގައި ނޫން ގޮތަކަށް މި ދުވަސްވަރު ހޮސްޕިޓަލްތަކަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.


އެޗްޕީއޭ އިން އެކަމަށް އިލްތިމާސް ކުރީ، މާލެ އާއި ބައެއް ރަށްރަށުގައި ވަރަށް ހަލުވިކަމާ އެކު، އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އަދި ޑެންގީ ހުން މި ދުވަސްވަރު ފެތުރެމުންދާތީ އެވެ.

އެ ބަލިތަކުން ސަލާމަތް ވުމަށް ސަމާލުކަން ދިނުމަށް އެދި އެޗްޕީއޭ އިން ބުނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ނޫން ގޮތަކަށް ހޮސްޕިޓަލްތަކަށް ނުދިއުމަށާއި ޚާއްސަކޮށް، މި ދުވަސްވަރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން އެ ތަންތަނަށް ދިއުން ރައްކާތެރި ނޫން ކަމަށެވެ.

އަދި ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު، ބަލިމީހާއާ އެކު ވީހާ ވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ. މީގެ އިތުރުން، ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، މާބަނޑުމީހުންނާއި ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެ އިދާރާ އިން އެދެ އެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި، ހުން ޖެހިގެން އެ ހޮސްޕިޓަލަށް ދައްކާ މީހުންގެ އަދަދު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ހުން ޖެހޭ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އޭޑީކޭ އިން މިދިޔަ ހުކުރު ދުވަހު ވަނީ އެ ހޮސްޕިޓަލްގައި ފްލޫ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ.

ސަމާލުކަންދޭންވީ ކަންކަން

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާއިރު ރުމާ/ޓިޝޫ އިން އަނގަމަތި ނިވާކުރުން.

- އާއްމު ސާފުތާހިރު ކަމަށް އިސްކަން ދިނުން.

- ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.

- ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުން ކުރުން.

- ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން.

- މަދިރިން ރައްކާތެރިވުން.