އެމްޑީޕީގެ ކެންޑިޑޭޓުންގެ މައުލޫމާތު ފޮނުވަން އީސީން އެދެފި

ރިޔާސީ އިންތިހާބަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތު ފޮނުވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީ އަށް އިއްޔެ އަންގައިފި އެވެ.


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހު 30 ގައި ބާއްވަން ތައްޔާރުވަމުން އަންނަނިކޮށް، އީސީން އެ ޕާޓީ އަށް އިއްޔެ ފޮނުވި ސިޓީގައި އެދިފައިވަނީ ޕްރައިމަރީ ބޭއްވުމުގެ ތިން ދުވަސް ކުރިން، ވާދަކުރާ ކެންޑިޑޭޓުގެ މައުލޫމާތާއި ބާއްވާ ތާރީޚު އެ ކޮމިޝަނަށް އެންގުމަށެވެ. އަދި ޖުލައި 1 ގެ ކުރިން ޕްރައިމަރީ ބާއްވަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލެއްވީ، ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

ކެންޑިޑޭޓުންގެ މައުލޫމަތު ހޯދަނީ، އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެމްބަރަކު އެ އިންތިހާބުގައި އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ނުލެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ، ގާނޫނީ ގޮތުން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެމްބަރަކު، އެ އިންތިހާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ މެމްބަރު އިންތިހާބުގައި ކުރިމަތިލުމަށް ހުށަހަޅައިފި ނަމަ ކެންޑިޑެސީ ބާތިލްކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އިލެކްޝަންސުން އެދިފައި ވަނީ، އެ ކޮމިޝަނުން އިއުލާންކުރި އުސޫލާ އެއްގޮތަށް ޕްރައިމަރީ ކުރިއަށް ގެންދިއުމަށެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުން، ކުށެއް ސާބިތުވެފައިވާ މީހަކަށް ރިޔާސީ ޕްރައިމަރީގައި ވާދައެއް ނުކުރެވޭނެ އެވެ.