އީސީން އިދިކޮޅު ޕާޓީތަކަށް ބިރުދައްކާތީ އިނގިރޭސި ސަފީރު ކަންބޮޑުވެއްޖެ

ރާއްޖޭގެ އިލެކްޝަން ކޮމިޝަން (އީސީ) ން އިދިކޮޅު ޕާޓީތައް އުވާލާނެ ކަމުގެ ބިރުދައްކާ ކަމަށް ބުނެ އެ މައްސަލަ، އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް ލަންޑަނަށް ވަޑައިގެން ޔޫކޭ މޯލްޑިވްސް ޕާލަމެންޓްރީ ގްރޫޕާ ހިއްސާ ކުރައްވައިފި އެވެ.


ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ މިވަގުތު ހުންނެވީ ލަންޑަންގައި ކަމަށާއި ޔޫކޭ މޯލްޑިވްސް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތައް މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އުވާލާނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ބިރު ދައްކާ މައްސަލަ އެ ބޭފުޅުންނަށް ކިޔައި ދެއްވާފައިވާ ކަމަށް ވެސް ޑައުރިސް ވިދާޅުވި އެވެ.

"ހުރިހާ އެންމެނަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަސްލަހާތާ ގުޅިފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޑައުރިސްގެ އިތުރުން ޔޫކޭ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު މާކް ފީލްޑް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިދިކޮޅު ޕާޓީތައް އުވާލަން އީސީން ބިރު ދައްކާތީ އެކަމާ ކަންބޮޑުވެ، ސީރިއަސް ރިޕޯޓުތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެއީ ރައީސް އަބްދުﷲ ޔާމީން އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރައްވާ ކަމުގެ މިސާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެވެ.

މާކް ވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައްވައިފަ އެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ދީފި ނަމަ، އެ ޕްރައިމަރީ ބާތިލްކޮށް، ޕާޓީ އުވާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ސޮއިކުރައްވައި އެމްޑީޕީ އަށް ފޮނުވި ސިޓީއެއްގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ އެކްޓިވިސްޓުން މެދުވެރިކޮށް މާލެ އާއި އަތޮޅުތަކުގައި ޚަބަރު ފަތުރަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. ނަޝިދަކީ ކުށެއް ސާބިތުވެ، ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި އެހެންވެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެމަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސިޓީގައިވެ އެވެ.