ރައީސް ޔާމީން ދަނީ އަނގުރު އަލިފާނާ ދިމާއަށް: ގާސިމް

ރައީސް އަބްދުﷲ ޔާމީނަށް ރާއްޖޭގެ މަސްލަހަތާއި އަމާންކަން ނުބެލެހެއްޓޭނެ ކަމަށާއި އެމަނިކުފާނު ވަޑައިގަންނަވަނީ އަނގުރު އަލިފާނާ ދިމާއަށް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް ޔާމީނަށް ރޭ ބަހުގެ ހޫނު ހަމަލަތަކެއް ދެއްވައިފި އެވެ.


އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަދި އެމްޑީޕީގެ ބައެއް މެމްބަރުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ޖަރުމަނުގެ ފްރޭންކްފާޓްގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ރައީސް ޔާމީންގެ ނުފޫޒާއި ބާރުވެރިކަމުގައި މުއައްސަސާތަކުގައި ތަޅު އަޅުވާފައިވާ ކަމަށެވެ. އަދި އަނިޔާވެރިކަމަށް މާތް ﷲ ރުހުވޮޑިގެން ނުގަންނަވާނެ ކަމަށް ވިދާޅުވެ، ބޮޑާވެ، ކިބުރުވެރި ނުވުމަށް ރައީސް ޔާމީނަށް، ގާސިމް ވަނީ ގޮވާލައްވައިފަ އެވެ.

ތިން އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް ޖަރުމަނުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ގާސިމް ވިދާޅުވީ، އަނިޔާވެރިކަމަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީން ލިބިދީފައިފާ ފުރުސަތު ހުރިހާ އެންމެންނަށް ދިނުމަށާއި ނާއިންސާފުން ކަންކަން ނުކުރައްވައި ހައްގުގަ މަސައްކަތް ކުރެއްވުމަށް ވެސް ރައީސް ޔާމީނަށް ގާސިމް ގޮވާލެއްވި އެވެ.

"ނާއިންސާފުން، ކަންތައްތައް ބާތިލްކޮށް ކޮށްނުލައްވައި، ރީތިކޮށް ހައްގުގެ މަގުގައި އެންމެން ވާދަ ކޮށްގެން ކޮމަން ފީލްޑެއްގައި ދާ ކަމަށް ވާ ނަމަ، އަޅުގަނޑު މަނިކުފާނާއެކު ނުހުންނާނެކަން ކިހިނެއްތޯ އެނގިވަޑައިގަންނަވަނީ؟، އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ހުންނާނަމެކޭ ވެސް ނޫން، އަޅުގަނޑު މި ދަންނަވަނީ ނުހުންނާނަމެކޭ ވެސް ނޫން. އެކަމަކު މިއޭ އަޅުގަނޑު 1984 އިން ފެށިގެން ސިޔާސީ މައިދާނުގައި މި ކުރާ މަސައްކަތަކީ،" ރައީސް ޔާމީން އިންތިޚާބު ކުރުމަށް އެމަނިކުފާނާ އެކު އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިނުވެނޭ ގޮތަށް ގާނޫނުއަސާސީ އިސްލާހް ކުރުމަށް ވޯޓު ދެއްވީ، ރައީސް ޔާމީންގެ ކިބައިން ސަލާމަތް ވުމަށް ކަމަށެވެ. އެކަމަކު، އެވަރުން ވެސް ރައީސް ޔާމީން، އޭނާ ދޫކޮށް ނުލެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.

1437 ވަނަ އަހަރުގެ އީދު ނަމާދަށް ފަހު، ރައީސް ޔާމީން ބޭއްވެވި އީދު ސަލާމް ކުރެއްވުމުގައި ގާސިމް ބައިވެރިވެވަޑައިގެން ރައީސް ޔާމީނާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުގައިން ދޫ ނުކުރެއްވި. ހަތްބޯރާއްސެއް ތަތްކޮށްފައި ހުރިހެން، އައްޓަމަހެއް ތަތްކޮށްފައި ހުރިހެން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއާ އަޅައިގެންފައި ތިހުރީ. މިއީ ކޮން ކަމެއްތޯ؟" ދަރިކަލުން ސިޔާދު ގާސިމް ހައްޔަރުކޮށްފައި ހުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވާނެ ކަމަށް ބެލެވޭ އެންމެން ހިފައި ހައްޔަރުކޮށް ޖަލަށް ލަމުން ގެންދާ ކަމަށެވެ. އަދި ސިޔާސީ އެކިއެކި ބޭފުޅުން ޖަލަށްލަނީ އެއްވެސް ހަގީގަތެއް ނެތް މައްސަލަތަކެއްގެ މައްޗަށް ހެކިތައް އުފައްދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމުގެ ގާނޫނަކީ ރައީސް ޔާމީނާ ދެކޮޅު ކޮންމެ މީހަކު "ދަންޖައްސާ ވާގަނޑުތޯ" ސުވާލު އުފައްދަވައި ގާސިމް ވިދާޅުވީ ޝަރީއަތްތައް ކުރިއަށް ދަނީ އިންސާފުވެރިކޮށް ކަމަށް ރައީސް ޔާމީން ވެސް ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ. ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރުން ޝަރީއަތްތަކުގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަން އެނގެން އޮންނައިރު، އެ އަމުރާ ގުޅިގެން ދެ ފަނޑިޔާރުން ހައްޔަރުކުރީ އިންސާފުވެރިކޮށް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލާފައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ދަރުބާރުގެ ފަދަ ތަނެއްގައި ހުޅުވާލައިގެން ބާއްވައި، އެ މައްސަލަ ތަކުގައި އިންސާފުވެރި ނިންމުންތަކެއް ވީހާވެސް އަވަހަށް ނިންމަންޖެހޭ ކަމަށެވެ. އަދި އިންތިހާބުގައި ވާދަ ކުރައްވަން ބޭނުންވާ ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު ދެއްވުމަށް ފަހު، އިންތިހާބުގައި ވާދަކުރެއްވުމަށް ވެސް ރައީސް ޔާމީނަށް ގޮވާލެއްވި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ސަލާމް ކުރައްވަނީ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލައިގެން ގެންގުޅޭތީ، އެކަމަށް ފާޑު ކިޔައި ގާސިމް ވިދާޅުވީ ރައީސް ޔާމީނަކީ "އިސްލާމެއްތޯ" އާއި އެމަނިކުފާނުގެ "ހިތެއް އޮވޭތޯ" ސުވާލު ކުރައްވައިފަ އެވެ. ރައީސް ޔާމީން މިއަދު އެ ހުންނެވި ހިސާބަށް ގެނެސްދެއްވި އެއް ބޭފުޅަކީ މައުމޫން ކަމަށްވާއިރު، އެ ސަބަބާ ހުރެ އެމަނިކުފާނު މިނިވަން ކުރަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މައުމޫން ފަދަ ދުވަސްވީ ބޭފުޅަކަށް ރައީސް ޔާމީން ކަންކުރައްވާ ގޮތުން ދެރަވެ ހިތާމަކުރައްވާ ކަމަށާއި ރައީސް ޔާމީންގެ ހިތްޕުޅުގައި އިންސާނިއްޔަތުގެ ކަމުގެ ކުޑިފުކެއް ވެސް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ. ރައީސް ޔާމީން ކަންކަން ކުރައްވަނީ ވަރަށް ހަޑިމުޑުދާރު ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ގާސިމް ރޭ ވަނީ، އަންނަ ޖޫން މަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބާއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އަސާސީ ގަވައިދަށް ގެނެވޭ ބަދަލާ އެކު ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ މިފަހަރު މިއީ ޖުމްހޫރީ ޕާޓީގެ ފަހަރު ކަމަށާއި އިންތިހާބު ކާމިޔާބު ކުރާނީ 70 ޕަސެންޓް ވޯޓާ އެކު ކަމަށެވެ.