އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމްގައި 746 މީހަކަށް ލައިސަންސް ދީފި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެއް ދުވަހުން ދޭ ޕްރޮގުރާމުގެ ފުރަތަމަ ދެ ދުވަހު 746 މީހަކަށް ލައިސަންސް ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ޓްރާންސްޕޯޓް އޮތީރިޓީ ހިންގާ އިކޮނޮމިކް މިނިސްޓްރީން ބުނީ "އެއް ލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު 1،394 މީހުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ލައިސަންސް ލިބުނީ 746 މީހަކަށެވެ.

އެ ޕްރޮގުރާމުގައި ފޯމު ހުށަހަޅާ ރޭ ތިއަރީ އަދި ޑްރައިވިން ޓެސްޓް ހަދައި ފާސްވުމުން ހަމަ އެ ރޭ ލައިސަންސް ދެ އެވެ. އަދި އާންމުކޮށް ހަދާ ޓެސްޓަށްވުރެ މި ޓެސްޓްތައް ފަސޭހަ އެވެ.

ލައިސަންސް ނަގަން ތިއަރީ ޓެސްޓް ހަދަނީ-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އާންމު އުސޫލުން ލައިސަންސް ނަގާ ނަމަ، ތިއަރީ ޓެސްޓާއި ޑްރައިވިން ޓެސްޓް ހެދުމަށްޓަކައި ހަފުތާއެއްހާ ދުވަސް ނަގަ އެވެ.

އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމް ހުކުރު ދުވަހުގެ ރޭ ފެށުމާ އެކު ގިނަ ބަޔަކު ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ކިޔޫ ހަދައިފަ އެވެ. މާދަމާ ރެޔަކީ މި ޕްރޮގްރާމްގެ ފަހު ރެ އެވެ.