ދެވަނަ ހެލިކޮޕްޓަރު ވެސް އިންޑިއާ އަށް ފޮނުވާލަނީ

ދިވެހި ރާއްޖޭގައި ބޭނުން ކުރުމަށް އިންޑިއާ އިން ގެނެސްފައި އޮތް ދެ ވަނަ ހެލިކޮޕްޓަރު ވެސް އެ ގައުމަށް އަނބުރާ ފޮނުވާލަން ނިންމައިފި އެވެ.


އިންޑިއާ ސިފައިން ދުއްވި މި ދެ ހެލިކޮޕްޓަރުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރު ވެސް ފޮނުވާލަން އޮތީ ނިންމައިފަ އެވެ.

އިންޑިއާ އިން ރާއްޖެއަށް ގެނައި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އައްޑޫގައި އޮޕަރޭޓްކުރާއިރު އަނެއް ހެލިކޮޕްޓަރު އޮންނަނީ ލ. ކައްދޫގަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖޭގައި ބޭނުން ކުރަން އިންޑިއާ އިން ގެނެސްފައި އޮތް މި ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަނީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭތީއާ އެކު ބަދަލުގައި އަސްކަރީ މަތިންދާބޯޓެއް ދިނުމަށް އެ ގައުމުން އެއްބަސްވެފައިވާތީ ކަމަށެވެ. އަދި އިންޑިއާ އިން ހެލިކޮޕްޓަރުތައް ރާއްޖެ އަށް ދިނީ ވަކި މުއްދަތަކަށް ކަމަށާއި އެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ހެލިކޮޕްޓަރުތައް ދިނީ ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިން ޓްރެއިންކޮށް، އޭގެ ބޭނުން ހިފަން. އެކަން މިވީ މުއްދަތުގެ ތެރޭގައި ކުރެވިފައެއް ނެތް. އަދި ރާއްޖޭގެ މާހައުލަށް ބަލާއިރު ހެލިކޮޕްޓަރަކީ އެންމެ އައިޑިއަލް އުޅަނދެއް ވެސް ނޫން،" ޑިފެންސް މިނިސްޓްރީން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެންމެ އެކަށީގެންވަނީ މަތިންދާބޯޓެވެ. އިންޑިއާ އިން ރާއްޖެ އަށް މަތިންދާބޯޓެއް ދޭން އެއްބަސްވެފައިވީ ނަމަވެސް، އެ ނުގެނެވި ލަސްވަމުން ދަނީ އުޅަނދު ޕާކުކޮށްފައި ބާއްވާނެ ތަނެއް ނުހެދޭތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަތިންދާބޯޓު ދުއްވާނެ ދިވެހި ޕައިލެޓަކު މިހާރު ހުރީ ހަމަޖެހިފަ އެވެ. އަދި އެ އުޅަނދު ބޭނުން ކުރާނީ ވެސް، ހެލިކޮޕްޓަރުތަކެކޭ އެއްގޮތަށް ހާލު ދެރަ ބަަލި މީހުން އުފުލައި، މީހުން ސަލާމަތް ކުރުމުގެ އިތުރަށް ސަވަޔަލެންސް ދަތުރުތަކަށް ކަމަށް ވިދާޅުވި އެވެ.

އަސްކަރީ ބޭނުންތަކަށް ޕާކިސްތާނުން ދެ މަތިންދާބޯޓު ގަންނަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ގައުމުން ދޭ 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ)ގެ ލޯނަކުން ގަންނަން ނިންމާފައި ވަނީ ޕާކިސްތާނުގައި އުފައްދާ ސުޕަ މުޝާގް މަރުކާގެ ދެ ބޯޓެވެ. މިއީ ޑޯނިއާއާ ދާދި އެއްގޮތް ބޯޓެކެވެ.