ނިހާން ފޮނުވާލި ސަބަބެއް ނާންގާ، ކަންބޮޑުވޭ: ސަފީރު

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން، އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ އިއްޔެ ފޮނުވާލި ސަބަބެއް އަދިވެސް އިންޑިއާ އިން ނުބުނާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް، ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.


އިންޑިއާގެ ޗެންނާއީ އަށް ޑިޕްލޮމެޓިކް ޕާސްޕޯޓުގައި ހޯމަ ދުވަހު ނިހާން ވަޑައިގަތީ ބޭސްފަރުވާ އަށެވެ. ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން އަނބުރާ ފޮނުވާލީ ހަތަރު ގަޑިއިރު ވަންދެން ޗެންނާއީގެ އެއާޕޯޓުގައި ބެއިންދުމަށް ފަހު ކަމަށް ވާއިރު މިއީ ދައުލަތުގެ އިސްވެރިއަކާ މެދު މިފަދަ ހަރުކަށި ފިޔަވަޅެއް އެ ގައުމުން އެޅި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު "މިހާރު" އަށް ވިދާޅުވީ ނިހާން އިންޑިއާ އަށް އެތެރެވުން ހުއްޓުވި ވަގުތުން ފެށިގެން އެކަމުގެ ސަބަބު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސަބަބު ސާފުކުރަން އިންޑިއާގެ ފޮރިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ހާއްސަކޮށް ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހަކާ ދޭތެރޭ މިގޮތަށް ކަމެއް ކުރުމަކީ ހިތާމަކުރާ ކަމެއް،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މި މައްސަލަ މީގެ ކުރިން ވެސް ބައެއް ދިވެހިންނަށް އިންޑިއާ އިން ވަނީ ދިމާވެފަ އެވެ. ދިއްލީ އާއި ޓްރިވެންޑްރަމަށް ދާ ބައެއް ދިވެހިން އަނބުރާ ފޮނުވާލުމުން ސަބަބު ހޯދަން މީގެ ކުރިން ވެސް އެދިފައި ވާނެ ކަމަށާއި އެކަމަކު އެއްވެސް ފަހަރަކު ސަބަބު ބުނެދީފައި ނުވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

"މިކަހަލަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު، އެކަން ކުރީ ކީއްވެގެންތޯ ބަލަން މަސައްކަތް ކުރަން. ސަބަބު ސާފު ކުރަން މަސައްކަތް ކުރި އެއްވެސް ފަހަރެއްގައި ސާފެއް ނުކޮށްދިން،" އަހުމަދު ވިދާޅުވި އެވެ.

އިންޑިއާގެ ވާދަވެރި ޗައިނާއާ ރާއްޖޭން ގުޅުން ބަދަހިކޮށްފައި ވާއިރު ދިވެހި ސަރުކާރުގެ ނިންމުންތަކަށް އިންޑިއާ އިން އަންނަނީ ފާޅުގައި ދެކޮޅު ހަދައި ފާޑުކިޔަމުންނެވެ. ނަމަވެސް މިއީ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއްތޯ ސުވާލުކުރުމުން އަހުމަދު ވިދާޅުވީ، އެގޮތުން އެޅި ފިޔަވަޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ އަށް އެތެރެވިޔަ ނުދީ ނިހާން ފޮނުވާލުމަކީ އޮޅުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދާދި ފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖް ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ބައެއް ފަހަރު ހީނަރު ކަމެއް އައި ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ނުކެނޑޭނެ ކަމަށް ވިދާޅުވެފަ އެވެ.